Roadha Mihaaru
ޓީޗަރުންނަށް ގަދަރު ކުޑަވުމަކީ ފިކުރު ކުރަންޖެހޭ ކަމެއް

ޓީޗަރުންނަށް ގަދަރާއި މުސާރަ ކުޑަވުމަކީ ފިކުރު ކުރަންޖެހޭ ކަމެއް: މިނިސްޓަރު

05 އޮކްޓޯބަރ 2019

ޓީޗަރުންނަށް ދޭ ގަދަރާއި މުސާރަ ކުޑަވުމަކީ އެމީހުން ވަޒީފާގައި ދެމިތިބެން އޮތް ގޮންޖެހުމަކަށް ވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޓީޗަރުންނަށް ދޭ ގަދަރާއި މުސާރަ ކުޑަވުމަކީ އެމީހުން ވަޒީފާގައި ދެމިތިބެން އޮތް ގޮންޖެހުމަކަށް ވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރަމުން އަންނަ ބައިނަލްއަގުވާމީ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައި މިނިސްޓަރު ވިދާޅުވީ ހަރަކާތްތެރި ޓީޗަރުންގެ އާ ޖީލެއް ނުއުފެއްދޭ ނަމަ ފެންވަރު ރަނގަޅު ތައުލީމެއް ލިބިގަތުމުން އެތައް ކުދިންނެއް މަހުރޫމުވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ވަޒީފާ ދޫކޮށްލާ ޓީޗަރުންގެ ނިސްބަތް މުޅި ދުނިޔޭގައި ވެސް ދަނީ މަތިވަމުން ކަމަށެވެ. އެކަން މެދުވެރިވާ ދެ ސަބަބަކީ، މިނިސްޓަރު ވިދާޅުވިގޮތުގައި، ތައުލީމީ ދާއިރާގެ ކުރިމަގު އުޖާލާކަމަށް ނުފެނުމާއި ވަޒީފާގެ ނުތަނަވަސްކަން ބޮޑުވުމެވެ. އޭގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި ރެފިއުޖީންނާއި ގިނަ ބަސް ދަންނަ ދަރިވަރުންނަށް އުނގަންނައިދޭން ބޭނުންވާ ވަސީލަތްތައް މަދުވުމުން ހިމެނޭ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކޮންމެ މީހަކަށް ވެސް އެމީހެއްގެ ފިކުރާއި ކުރިމަގު ބަދަލުކޮށްލި ޓީޗަރަކާ ބައްދަލުވެފައި ހުންނާނެ ކަމަށެވެ. ބައެއް މީހުން ކުރިއަރައި ދިޔަ ސަބަބަކީ އެމީހުންނަށް ދިމާވި ޓީޗަރުން ކަމަށާއި ރަނގަޅު އެތައް ޓީޗަރުންގެ ފިޔައިގެ ހިޔާ ދަށުގައި އެމީހުންވި ކަމަށް ވިދާޅުވި އެވެ.

ކިޔަވައިދިނުމަކީ އެކަމުގެ ހެޔޮ އަސަރުތައް އެތައް ޒަމާނަކަށް ދެމިގެންދާ މަތިވެރި މަސައްކަތެއް ކަން ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުގެ ނަޒަރުގައި މުދައްރިސަކަށް ހައްގު ޝުކުރު އަދާކުރުމަކީ އަދި އެދެވޭ އުޖޫރައެއް ދިނުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެއަށްވުރެ އެމީހުންގެ މަސައްކަތް ބުރަވެ، ގުރުވާނީ މަތިވެރި އެވެ،" ހިތޯބުގައި ވިދާޅުވި އެވެ.

މިއަހަރުގެ ޓީޗަރުންގެ ދުވަހަށް ކަނޑައަޅާފައިވާ ޝިއާރަކީ "ޒުވާން މުދައްރިސުން: ތައުލީމީ ދާއިރާގެ ކުރިމަގު" އެވެ.