Roadha Mihaaru
ސްކޫލު ފެށެން ދެ ހަފުތާ: ޓީޗަރުންނަށް ލައިސެންސް ނުދޭ

ސްކޫލު ފެށެން ދެ ހަފުތާ: ޓީޗަރުންނަށް ލައިސެންސް ދޭކަށް ނުފަށާ

22 ޖުލައި 2023

ދިރާސީ އާ އަހަރު ފެށެން ދެ ހަފުތާއަށް ވެފައިވާއިރު ވެސް، ގާނޫނުގައި ބުނާ ޓީޗާސް ރަޖިސްޓްރޭޝަން ގަވައިދު ގެޒެޓުނުކުރެވި ދިގުލައިގެން ހިނގައްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދިރާސީ އާ އަހަރު ފެށެން ދެ ހަފުތާއަށް ވެފައިވާއިރު ވެސް، ގާނޫނުގައި ބުނާ ޓީޗާސް ރަޖިސްޓްރޭޝަން ގަވައިދު ގެޒެޓުނުކުރެވި ދިގުލައިގެން ހިނގައްޖެ އެވެ.

އޮގަސްޓް، 2021 ގައި އަމަލުކުރަން ފެށި ތައުލީމިގެ ގާނޫނުގައިވާ ގޮތުން، އެ ގާނޫނަށް އަމަލުކުރަން ފަށާތާ ދެ އަހަރުގެ ތެރޭގައި ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ޓީޗަރުން ރަޖިސްޓްރީކޮށް، ކިޔަވައިދިނުމުގެ ލައިސެންސް އެ މީހުންނަށް ދޭންޖެހެ އެވެ.

އެކަމަށް ބޭނުންވާ ގަވައިދާއި ލައިސެންސް ދިނުމަށް ޓީޗާސް ރަޖިސްޓްރޭޝަން ނަމުގައި ހަމަ އެ އަހަރު ވަނީ ބޯޑެއް ވެސް ހަދައިފަ އެވެ. ނަމަވެސް، އަންނަ މަހުގެ 6 ގައި ސްކޫލު ހުޅުވަން ތައްޔާރުވާއިރު ވެސް އެ ގަވައިދު އާއްމުކޮށް، ޓީޗަރުންނަށް ލައިސެންސް ދޭކަށް ނުފެށެ އެވެ.

އެނގިފައިވާ ގޮތުގައި ރަޖިސްޓްރޭޝަން ގަވައިދު ގެޒެޓުކުރަން މި މަހުގެ 6 ގައި ރައީސް އޮފީހަށް ވަނީ ފޮނުވައިފަ އެވެ. އެކަމަކު، އާއްމުނުކުރެވި ދިގުލައިގެންދާ ސަބަބަށް އެ އޮފީހަކުން އަދި ޖަވާބެއް ނުދެ އެވެ.

އެ ގާނޫނު މިއޮތްގޮތަށް ލާނަމަ އަންނަ އޮގަސްޓް 6 ގައި ފަށާ ދިރާސީ އާ އަހަރުގެ ކުރިން 9،000 އަށްވުރެ ގިނަ ޓީޗަރުން ރަޖިސްޓްރީކުރަން ޖެހޭނެ އެވެ.

ޓީޗަރުންގެ ރަޖިސްޓްރޭޝަން ގަވައިދު އަދި އާއްމުނުކުރިޔަސް، އެޑިއުކޭޝަނުން ނިންމާފައިވަނީ، 2028 ވަނަ އަހަރުން ފެށިގެން ޓީޗަރުކަމުގެ ލައިސެންސް ދޭނީ ފޭސް-ޓު-ފޭސްކޮށް ހަތަރު އަހަރުގެ ޓީޗިން ޑިގްރީ ފުރިހަމަކުރުމުން ކަމަށް ކަނޑައަޅައިފަ އެވެ.