Roadha Mihaaru
ޓީޗަރުންގެ ދުވަހު، ސޯބިރާގެ ހިދުމަތުގެ ވާހަކަ

ޓީޗަރުންގެ ދުވަހު، ސޯބިރާގެ ހިދުމަތުގެ ވާހަކަ

05 އޮކްޓޯބަރ 2019

ތައުލީމީ ދާއިރާއަށް އޮންނަނީ ހާއްސަ ލޯތްބަކާއި ކުލުނެކެވެ. ކިތައްމެ ބުރަކޮށް މަސައްކަތުގައި އުޅެން ޖެހުނަސް އެކަމުގައި އުމުރުގެ ބޮޑު ބައި ހޭދަކުރެވުނީ ލިބޭ ހިތްހަމަޖެހުމަކުންނެވެ. ދަރިވަރުންގެ ފަރާތުން ލިބޭ ލޯތްބާއި އިހުތިރާމަކީ ކިޔަވައިދިނުމުގެ އެ މަސައްކަތުގައި ދެމިތިބެވުމުގެ ސިއްރެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ތައުލީމީ ދާއިރާއަށް އޮންނަނީ ހާއްސަ ލޯތްބަކާއި ކުލުނެކެވެ. ކިތައްމެ ބުރަކޮށް މަސައްކަތުގައި އުޅެން ޖެހުނަސް އެކަމުގައި އުމުރުގެ ބޮޑު ބައި ހޭދަކުރެވުނީ ލިބޭ ހިތްހަމަޖެހުމަކުންނެވެ. ދަރިވަރުންގެ ފަރާތުން ލިބޭ ލޯތްބާއި އިހުތިރާމަކީ ކިޔަވައިދިނުމުގެ އެ މަސައްކަތުގައި ދެމިތިބެވުމުގެ ސިއްރެވެ.

ރާއްޖޭގައި މިވަގުތު 5،000 އަށް ވުރެ ގިނަ ދިވެހި ޓީޗަރުން ތިބިއިރު، މިއީ އެންމެ ގިނަ ދުވަހު ހިދުމަތްކުރި ޓީޗަރަށް ހާއްސަކޮށްފައިވާ ލިއުމެވެ. ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އެއްކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި ރާއްޖޭގައި މިވަގުތު އެންމެ ގިނަ ދުވަހު ހިދުމަތުގައި ހުރި އެއް ޓީޗަރަކީ ސޯބިރާ ހަސަން، 51، އެވެ.

ޓީޗިންގެ ދެ އަހަރުގެ ކޯހެއް ނިންމާލުމަށް ފަހު ސޯބިރާ މީގެ ގާތްގަނޑަކަށް 35 އަހަރު ކުރިން ކިޔަވައިދޭން ފެށީ، އޭނާގެ އުފަން ރަށް، ދ. މީދޫގައި ހުންނަ އަތޮޅު މަދަރުސާގަ އެވެ. އޭރު ފެށި ގޮތަށް، އެ ސްކޫލަށް ބޮޑެތި ބަދަލުތަކެއް އައި އިރު އެ ހުރިހާ ކަމެއްގައި އޭނާ ހުއްޓެވެ؛ ތައުލީމީ ގޮތުންނާއި އުމްރާނީ ގޮތުންނެވެ. ސޯބިރާ ބުނާ ގޮތުން އޭނާގެ ހިއްސާއެއް ނެތި އެ ސްކޫލުގައި އޭރު "ގާބުރިއެއް ވެސް ނުބޭއްވޭނެ" އެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހާ ހަމައަށް އޭނާ މަސައްކަތްކުރީ ރަށު ސްކޫލުގަ އެވެ. އާއިލާ ކައިރިއަށް ހުޅުމާލެއަށް ބަދަލުވެ އޭނާ މިހާރު އަންނަނީ ޣާޒީ ސްކޫލުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދިނުމަށް ހާއްސަ ޖެމްސްގައި ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރަމުންނެވެ. އެތަނުގައި އުޅޭ 50 ކުދިންނަށް ކިޔަވައިދިނުމަށް 20 ޓީޗަރުން ހަރަކާތްތެރިވެ އެވެ.

އެންމެ ފުރަތަމަ ޓީޗިން ކޯހުގެ ބައިވެރިއެއް!

ޓީޗަރުން ތަމްރީނުކުރަން މުދައްރިސުންގެ ތައުލީމީ މަރުކަޒުގެ ނަމުގައި ކުރިން މަރުކަޒެއް ހިންގިއިރު، ސޯބިރާއަކީ އެތަނުން އެންމެ ފުރަތަމަ ހިންގި ބެޗަކުން ތަމްރީނުވި ޓީޗަރެކެވެ. އެ ކޯސް ނިންމުމަށް ފަހު އުމުރުން 15 އަހަރުގައި ކިޔަވައިދޭން ފެށިއަސް އޭރު ނިޒާމީ ތައުލީމެއް ނެތުމާ އެކު ކިޔަވައިދޭން ޖެހުނީ ވަރަށް އާދައިގެ ގޮތަކަށެވެ.

ރަށު މަދަރުސާއާ ގުޅުމަށް ފަހު، ސޯބިރާ އެންމެ ފުރަތަމަ ވެސް ކުރި ކަމަކީ ކުދިންގެ އުމުރާއި ފެންވަރާ ގުޅޭ ގޮތަށް ހާއްސަ ކްލާސްތައް ހެދުމެވެ. އެ ސްކޫލުގައި ގްރޭޑު އެކެއް އުފެއްދީ އޭގެ ފަހުންނެވެ.

ސޯބިރާ ބުނާ ގޮތުން ކިތައްމެ ބުރަކޮށް މަސައްކަތްކުރަން ޖެހުނަސް ދަރިވަރުންގެ ފަރާތުން ލިބޭ ލޯތްބަކީ ވަރަށް ބޮޑު ހިތްވަރެކެވެ. އޭނާ މިހާރު ކިޔަވައިދެމުން އަންނަނީ ނުކުޅުދުންތެރިކަން ހުންނަ ކުދިންނަށް ކަމަށް ވާއިރު، އެ ކުދިންގެ އުޅުމަށް އަންނަ ހެޔޮ ބަދަލުތަކުން ވަރަށް އުފާވާ ކަމަށް ބުންޏެވެ.

ދަރިވަރުންގެ ފަރާތުން ޓީޗަރުން އަބަދުވެސް އުއްމީދުކުރާ ބޮޑެތި ކަންތައްތަކެއް ހުރެ އެވެ. އެކަންކަން ހާސިލްކުރަން ކުދިކުދި ރަށްރަށުގައި އެހާ ފަސޭހަ ނޫނަސް ބެލެނިވެރިންގެ ފަރާތުން ލިބޭ އެހީތެރިކަން ސޯބިރާ ފާހަގަކުރެ އެވެ. ބައެއް ފަހަރަށް ދެރަވާ ތަންކޮޅަކީ، ދަރިވަރުންގެ އަހުލާގު ވަރަށް ރަނގަޅަސް ރަނގަޅު ނަތީޖާ ހޯދަން ހިތްވަރާ އެކު މަސައްކަތް ކުރުމުގެ ބައި، ބައެއް ކުދިންގެ ކުޑަ ކަމެވެ.

"ކުރީ ޒަމާނުގައި ދިމާވި އެއް މައްސަލައެއް، ނިޒާމީ ތައުލީމް ފެށިގެން އައި އިރު އެހާ ރަނގަޅު ވަސީލަތްތަކެއް ވެސް ނުހުރޭ. ފައިސާގެ ދަތިކަން ވެސް ހުރޭ. މި މައްސަލަތައް އާއްމުކޮށް ހުންނަނީ،" ތައުލީމީ ދާއިރާއާ ގުޅުނު އިރުގެ ހާލަތު ކިޔައިދެމުން، ހަތަރު ކުދިންގެ މަންމަ، ބުންޏެވެ.

"ޓީޗަރުންގެ އުއްމީދުތައް ހުންނާނީ ވަރަށް މަތީގައި އާއްމުކޮށް. އަބަދުވެސް އުއްމީދުކުރާ ވަރަށް، ކަންތައްތައް ހާސިލެއް ނުކުރެވޭ. އެކަމަކު ވެސް އަޅުގަނޑުމެން މަސައްކަތްކުރާނަން."

ތައުލީމީ ދާއިރާއިން އިސްލާމިކް ޔުނިވާސިޓީން މާސްޓާސް ހާސިލްކޮށްފައިވާ ސޯބިރާ ބުނާ ގޮތުން މައުލޫމާތުގެ މުއްސަނދިކަމަށް ބަލާ ނަމަ ވަރަށް މޮޅެތި ކުދިން އުޅެ އެވެ. އެކަމަކު ޓީޗަރުން އެންމެ ބޭނުންވާ ވަރުގެ މުޖުތަމައުއެއް އަދި ވެސް ބިނާނުކުރެވޭ ކަމަށް އޭނާ ގަބޫލުކުރެ އެވެ. އޭގެ ސަބަބުން، ބައެއް ކުދިން ސްކޫލް ނިންމައި، އަމިއްލަ ހަޔާތާ ކުރިމަތިލަނީ މުޖުތަމައުއަށް އެންމެ ބޭނުންވާ ގޮތަށް ނޫންކަމުގެ ހިތާމަ އޭނާގެ ވެސް އޮވެ އެވެ.

"މުުޖުތަމައުއަށް އެހާ ފައިދާހުރި ގޮތުގައި ނުނިކުންނަ ކުދިން އޭގެ ތެރޭގައި ހިމެނިގެން ދިއުން އެއީ އަސްލު އެންމެ ދެރަވާ ކަމަކީ،" ސޯބިރާ ބުންޏެވެ.

ދ. މީދޫގައި ހުންނަ އެ އަތޮޅު މަދަރުސާއަށް ގިނަ ދުވަހު ހިދުމަތްކޮށްދީފައިވާތީ ސޯބިރާއަސް އެވޯޑެއް ދެނީ

ދ. މީދޫގައި ހުންނަ އެ އަތޮޅު މަދަރުސާއަށް ގިނަ ދުވަހު ހިދުމަތްކޮށްދީފައިވާތީ ސޯބިރާއަސް އެވޯޑެއް ދެނީ

މިއަދަކީ ޓީޗަރުންގެ ދުވަހެވެ. ޓީޗަރުންނަށް ދިމާވާ ގޮންޖެހުންތަކާއި މައްސަލަތައް އެބަ ހުއްޓެވެ. ސޯބިރާ ބުނަނީ އެކަންކަމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށެވެ. އެގޮތުން މުސާރައަށް ހެޔޮ ބަދަލެއް ގެނެސްދީ، އެ ދާއިރާގައި ތިބި މީހުން ވަޒީފާގައި ދެމިތިބެވޭނެ ގޮތަށް ކަންތައްތައް ރާވަން ޖެހޭ ކަމަށް ބުންޏެވެ. އެހެން ނޫނީ ޓީޗިން ދާއިރާއަށް ވަންނަ ކުދިންގެ އަދަދު މާ ބޮޑަށް މަދުވެދާނެކަމުގެ ބިރު އޭނާއަށް ވެސް އެބަ އޮތެވެ.

މިފަހަކަށް އައިސް ޓީޗިންގެ ދާއިރާއަށް އަލަށް ވަންނަ މީހުންގެ އަދަދު މަދުވެގެން ދަނީ ވެސް ކުރާ މަސައްކަތާ އެކަށީގެންވާ އުޖޫރައެއް ނުލިބޭތީ އެވެ. ޓީޗަރުން ތިބީ އެކަމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމުގެ އިންތިޒާރުގަ އެވެ.

"ޓީޗަރުންގެ މަސައްކަތަކީ ވަރަށް ބުރަ މަސައްކަތެއް. އެންމެ ހެޔޮ ގޮތުގައި ދިރިއުޅުމުގެ ކަންތައްތައް ނިންމާލެވޭވަރުގެ އާމްދަނީއެއް ވެސް ނުލިބޭ އަސްލު. އެ ކުރާ މަސައްކަތާ އެކަށީގެންވާ އުޖޫރައެއް ނުލިބޭތީ މި ދާއިރާގައި ދިގު މުއްދަތަކަށް މަސައްކަތްކުރަން ޝައުގުވެރިކަން ނުހުންނަނީ،" ސޯބިރާ ބުންޏެވެ.

"އަޅުގަނޑުމެން ކުރާ މަސައްކަތަކީ ހަގީގަތުގައި ފައިސާއަކަށް ކުރާ މަސައްކަތެއް ނޫން. ކުރާ މަސައްކަތަށް އެކަށީގެންވާ އުޖޫރައެއް އަޅުގަނޑުމެންނަކަށް ނުލިބޭ. އެކަމަކު ކުރާ މަސައްކަތް ސޮސައިޓީ ތެރެއިން ބަލައިގަންނަ ބަޔަކު ވަރަށް ރަނގަޅަށް ބަލައިގަނޭ. ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުން އެއީ. އަޅުގަނޑު ގަބޫލުކުރަނީ ހުރިހާ ޓީޗަރުން ވެސް މަސައްކަތްކުރައްވަނީ އެގޮތަށް ކަމަށް."

ކިޔަަވައިދިނުމުގައި ދިމާވާ އަނެއް ގޮންޖެހުމަކީ، ސޯބިރާ ބުނާ ގޮތުން، ބަދަލުވަމުންދާ ޕޮލިސީތަކެވެ. އިއްޔެ ހަދާފައި ހުންނަ ޕޮލިސީތައް، ގޮތް ނިންމޭ ފެންވަރުގައި މާދަމާ އައްޔަންކުރާ މީހުންނަށް ކަމުނުދާތީ ދެން ފެންނަނީ އެ ޕޮލިސީތައް ބަދަލުކުރާ މަންޒަރުތ ކަމަށް އޭނާ ބުންޏެވެ. އެހެންވެ އެފަދަ މަގާމުތަކަށް އައްޔަންކުރުމުގައި، ތައުލީމީ ދާއިރާގެ ތަޖުރިިބާކާރުންނަސް އިސްކަންދޭން އޭނާ އެދެ އެވެ.

ޑިގްރީއެއް ނެތި މަސައްކަތް ނުކުރެވޭނެކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެންގުމާ އެކު އެ ފެންވަރަށް ކިޔެވުމުގެ މަސައްކަތް ވަރަށް ގިނަ ޓީޗަރުން ކުރި އެވެ. އަދި އާ މަންހަޖަށް އަމަލުކުރަން ފެށުމާ އެކު ޓީޗަރުންގެ މަސައްކަތްތައް ދެ ގުނަ ވެގެން ދިޔައީ އެވެ.

ސޯބިރާ، އައިޔޫއެމް އިން މާސްޓާސް ނިންމުމަށް ފަހު އޭނާގެ ދެ ދަރިންނާ އެކު -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސޯބިރާ، އައިޔޫއެމް އިން މާސްޓާސް ނިންމުމަށް ފަހު އޭނާގެ ދެ ދަރިންނާ އެކު -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސޯބިރާ ބުނީ މިހާރު އަމަލުކުރަމުން އަންނަ މަންހަޖު ވަރަށް ފުރިހަމަ ކަމަށެވެ. އެކަމަކު އެއިން ދަރިވަރުންނަށް އަންނަ ހެޔޮ ބަދަލުތައް ފެނުނަސް މަންހަޖަށް ޓީޗަރުން މިހާރަށް ވުރެ ބޮޑަށް ފަރިތަވާން ޖެހެ އެވެ. ފުރިހަމަ ގޮތުގައި ތައްޔާރުވެވިއްޖެ ނަމަ ކާމިޔާބު މަންހަޖަކަށް ވާނެ ކަމަށް އޭނާ ގަބޫލުކުރެ އެވެ.

ދަރިވަރުން ރަނގަޅުވާނީ މުޖުތަމައު ވެސް ރަނގަޅުވެގެން

"ކަރިކިއުލަމްގެ ތެރެއިން ދަރިވަރުންނަށް އެއްޗެހިތަކެއް ދަސްވެގެން ދިޔަކަމުގައި ވިއަސް ސޮސައިޓީގެ ތެރޭގައި ހުންނަ ނުރަނގަޅު ކަންތައްތައް ކުދިންނަށް ކުރާތީ ކަރިކިއުލަމްގެ އެންމެ ރަނގަޅު ނަތީޖާ ނުނިކުންނާނެ،" ސޯބިރާގެ ތަޖުރިބާގެ އަލީގައި ހިޔާލު ފާޅުކުރި އެވެ.

"މުޖުތަމައުގެ ހުންނަ ނޭދެވޭ އަސަރު ކުދިންނަށް ކުރޭ. އެހެންވެ މުުޖުތަމައު ރަނގަޅު ވެގެން ސްކޫލުތައް ރަނގަޅުވާނީ. ސްކޫލުތައް ރަނގަޅުވެގެން މުޖުތަމައު ރަނގަޅުވާނީ. ސްކޫލުތަކުން ނުކުންނަ ކުދިން މުޖުތަމައުގައި ވެސް އުޅޭނީ. އެހެންވެ މި ދެ ބައި މި އޮތީ ގުޅި ލާމެހިފައި. އަޅުގަނޑުމެންގެ މުޅި މުޖުތަމައު އެކީ އެކައްޗެއް ކިޔައިގެން، އެއްކޮށް މަސައްކަތްކޮށްގެން ނޫނިއްޔާ ސްކޫލުތައް ރަނގަޅެއް ނުވާނެ."

އޭނާ ބުނީ ޓީޗަރުންގެ ދުވަހުގެ ގޮތުގައި ދުވަހެއް ފާހަގަކޮށް ކޭކު ފަޅާލުމަކުން ޓީޗަރުންގެ ބުރަ މަސައްކަތުގެ އަގު ހަގީގަތުގައި ވަޒަންނުކުރެވޭނެ ކަމަށެވެ. އެކަމަކު ޕޮލިސީ ލެވެލްގައި މަސައްކަތްކުރާ މީހުން ޓީޗަރުންގެ ދުވަސް މިއަށް ވުރެ ކުލަގަދަ ގޮތެއްގައި ފާހަގަކުރަން ވަރަށް ބޭނުންވާ ކަމަށް ބުންޏެވެ. ސޯބިރާ މިހާރު އެންމެ އިންތިޒާރުކުރަނީ ވެސް އެކަމަށެވެ.

"މިގޮތަށް ފާހަގަކުރާ ދުވަހަކުން އަސްލު މަސައްކަތުގެ އަގު އަދައެއް ނުކުރެވޭނެ. އެކަމަކު ވާގޮތަކީ މުނާސަބަތެއްގެ ތެރެއިން މީހުންގެ އިހްސާސްތައް ބޭރުކޮށްލާނީ... ސްކޫލުތަކުން ވަރަށް ކުލަގަދަ ގޮތެއްގައި މި ދުވަސް ފާހަގަކުރޭ. ވަރަށް އުފާވޭ މިގޮތަށް ޓީޗާސް ޑޭ ފާހަގަކުރާތީ،" ސޯބިރާ ބުންޏެވެ.

"އެކަމަކު ޓީޗަރުންގެ އަގުވަޒަންކުރަން މިއަށް ވުރެ ބޮޑަށް، ޓީޗަރުންގެ ކަންކަމާ މެދު ގޮތް ނިންމޭ ފެންވަރުގައި ޕޮލިސީ ލެވެލްގައި މަސައްކަތްކުރާ ބޭފުޅުން ޓީޗަރުންގެ ދުވަސް މިއަށް ވުރެ ކުލަގަދަ ގޮތެއްގައި ފާހަގަކުރަން ބޭނުން."

ހިދުމަތުގައި އެންމެ ގިނަ ދުވަހު ދެމިހުރި ޓީޗަރުގެ އެ ގޮވާލުން އަޑުއަހާލުން ހަމަ އެންމެ ރަނގަޅެވެ.