Roadha Mihaaru
ފުރަތަމަ އަހަރު އެންމެ ގިނަ މަޝްރޫއު ފެށީ މިސަރުކާރު

ވެރިކަމުގެ ފުރަތަމަ އަހަރު އެންމެ ގިނަ މަޝްރޫއު ފެށީ މި ސަރުކާރުން: އަމީރު

01 އޮކްޓޯބަރ 2019

ވެރިކަމުގެ ފުރަތަމަ އަހަރު އެންމެ ގިނަ ޕްރޮޖެކްޓުތައް ފެށުމުގެ ރެކޯޑު މި ސަރުކާރަށް ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ވެރިކަމުގެ ފުރަތަމަ އަހަރު އެންމެ ގިނަ ޕްރޮޖެކްޓުތައް ފެށުމުގެ ރެކޯޑު މި ސަރުކާރަށް ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި މިނިސްޓަރު ރޭ ވިދާޅުވި ގޮތުގައި، މިދިޔަ ނޮވެމްބަރު މަހުން ފެށިގެން މިިދިޔަ އޮގަސްޓް މަހުގެ ނިޔަލަށް 129 މަޝްރޫއެއް މި ސަރުކާރުން މުޅިން އަލަށް ފަށާފައި ވެ އެވެ. އެއީ ކުރީ ދެ ސަރުކާރާ އަޅާބަލާއިރު ވަރަށް މަތީ އަދަދެއް ކަމަށް ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ފުރަތަމަ އަހަރު ޓެންޑާ ބޯޑުން 54 ޕްރޮޖެކްޓެއް ދީފައިވާއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފުރަތަމަ އަހަރު ޓެންޑާ ބޯޑު މެދުވެރިކޮށް ދީފައިވަނީ 70 ޕްރޮޖެކްޓް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަލަށް ފެށި ޕްރޮޖެކްޓުތަކުގެ ތެރޭގައި ފެނާއި ނަރުދަމާގެ 77 ޕްރޮޖެކްޓެއް ހިމެނޭ ކަމަށެވެ. އެކަމަށް އެއް ބިލިއަން ރުފިޔާ ހަރަދުވާ ކަމަށް ވިދާޅުވި އެވެ.

ތައުލީމީ ދާއިރާ އަށް ބަލާއިރު ވެސް، 25 ރަށެއްގައި 26 ޕްރޮޖެކްޓެއް ހިންގަމުން އަންނައިރު އެ މަޝްރޫއުތަކަށް 210 މިލިއަން ރުފިޔާ ހަރަދުކުރާކަން ފާހަގަކުރެއްވި އެވެ. ބޯހިޔާވަހިކަމުގެ ތިން މަޝްރޫއަކަށް 151 މިލިއަން ރުފިޔާ، ހަތަރު ރަށެއްގައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަށް އެއް ބިލިއަން ރުފިޔާ، ހަތް ރަށެއްގައި މަގު ހެދުމުގެ އަށް ޕްރޮޖެކްޓަކަށް 561 މިލިއަން ރުފިޔާ ހަރަދުވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ވަރަށް ގިނަ މަސައްކަތް، މުޅި ޖުމްލަ 129 ޕްރޮޖެކްޓް. 3.6 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓް މިހާރު ނޭޝަނަލް ޓެންޑާ ބޯޑު މެދުވެރިކޮށް އެވޯޑު ކުރެވިފައިވަނީ،" އަމީރު ވިދާޅުވި އެވެ.

ޓެންޑާ ބޯޑުން ހަވާލުކުރާނީ، މަޝްރޫއުގެ އަގު 2.5 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ނަމަ އެވެ. އެއަށްވުރެ ކުޑަކޮށް ހަރަދު ހިނގާނަމަ ހުޅުވާލާނީ ބިޑް ކުރުމަށެވެ.