Roadha Mihaaru
ތިމާވެށީގެ ހިމާޔަތުގައި ހުސް ވާހަކަ! އަމަލު މަދު!

ތިމާވެށީގެ ހިމާޔަތުގައި ހުސް ވާހަކަ! އަމަލު މަދު!

01 އޮކްޓޯބަރ 2019

"އަމަލު ނުކުރެވެންޏާ ގައުމުތަކަށް ގޮސް ވާހަކަ ނުދައްކާ!"

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

"އަމަލު ނުކުރެވެންޏާ ގައުމުތަކަށް ގޮސް ވާހަކަ ނުދައްކާ!"

މިއީ ތިމާވެށީގެ ހިމާޔަތުގައި މިދިޔަ ބުރާސްފަތި ދުވަހު ވެލާނާގޭ ކުރިމަތީގައި ބޭއްވި ހަޅުތާލުގައި އަހުމަދު ތޮލާލް ގޮވާލިގޮވާލެއްވުމެވެ. ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ސީނިއަ ޕްރޮޖެކްޓް ކޯޑިނޭޓަރުގެ މަގާމުގައި ހުންނެވި ތޮލާލްގެ ކަންބޮޑުވުމަކީ ބައިނަލްއަގުވާމީ ބައްދަލުވުންތަކުގައި ރާއްޖޭގެ ތިމާވެށީގެ ހާލަތު ބުނެދީ ވެރިން ކަންބޮޑުވުން ފާޅުކުރި ނަމަވެސް އަމަލުތައް އެގޮތަށް ބައްޓަން ނުކުރާތީ އެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި 1980 ގެ އަހަރުތަކުން ފެށިގެން ރާއްޖެއިން އަންނަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ނުރައްކާ އޮތް ކަމަށް ބުނެ ވަކާލާތު ކުރަމުންނެވެ. ދުނިޔެ ހޫނުވެ، ކަނޑުގެ ލޮނުގަނޑު އުސްވާ ހާލަތުގައި، ބިން ތިރި ރާއްޖެ ނެތި ހިނގައިދާނެ ކަމުގެ ބިރު އެބަ އޮތެވެ. ރައީސުން ފެށިގެން ގޮސް މިނިސްޓަރުންގެ ފެންވަރުގައި ވެސް އެފަދަ އެތައް ވާހަކައެއް ވަނީ އެތައް ބައްދަލުވުމެއްގައި ދައްކަވާފަ އެވެ.

އެކަމަކު ސުވާލަކީ ރާއްޖޭން އެކަންކަމާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައިވޭތޯ އެވެ؟ ނާޒުކު ތިމާވެއްޓެއް އޮތް ގައުމަކަށް ވާއިރު ތިމާވެށި ހިމާޔަތް ކުރުމުގައި ނަމޫނާ ދައްކާތޯ އެވެ؟ ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ކުރާ މީހުން ބުނާ ގޮތުގައި ރާއްޖޭގެ ވެރިން މުޅިންހެން ދައްކަނީ ވާހަކަ އެވެ. މަދުން ނޫނީ އަމަލެއް ނުކުރެ އެވެ.

"ވޭތުވެދިޔަ އަހަރުތަކުގައި ވެސް މިހާރު ވެސް ތަރައްގީ ޕްރޮމޯޓް ކުރަނީ ތިމާވެށި ހަލާކުވިޔަސް ހެޔޮ ކަމަށް ވިސްނައިގެން. އެކަމަކު ބޭރުގައި ވާހަކަ ދައްކަނީ ގައުމު ހަލާކުވަނިއްޔޭ. އެހެންވީމަ މިދައްކާ ވާހަކަ ދިމައެއް ނުވޭ،" ތޮލާލް ވިދާޅުވި އެވެ.

ތިމާވެށީގެ ހިމާޔަތުގައި ސަރުކާރުތަކުން މަސައްކަތް ނުކުރާތީ ބޭއްވި އިހުތިޖާޖުގައި ޓްރާންސްޕޭރަންސީގެ އިސް މީހުން -- ފޮޓޯ: ސޭވް މޯލްޑިވްސް

ތިމާވެށީގެ ހިމާޔަތުގައި ސަރުކާރުތަކުން މަސައްކަތް ނުކުރާތީ ބޭއްވި އިހުތިޖާޖުގައި ޓްރާންސްޕޭރަންސީގެ އިސް މީހުން -- ފޮޓޯ: ސޭވް މޯލްޑިވްސް

ގުދުރަތީ ގޮތުން މުއްސަދި ހދ. ކުޅުދުއްފުށީ ކުޅީގެ ބޮޑު ބައެއް ހިއްކައިގެން ކުރީ ސަރުކާރުން އެއާޕޯޓެއް ވަނީ އަޅައިފަ އެވެ. މިހާރު ވެސް ފަޅުތައް ހިއްކައިގެން އެއާޕޯޓް އެޅުން ފަދަ ޕްރޮޖެކްޓްތައް ކުރިއަށް ގެންދާއިރު އާ ސަރުކާރާ އެކު ވެސް އެ ވިސްނުމަށް ބަދަލު އަންނަތަން ނުފެންނަ ކަމަށް ތޮލާލް ވިދާޅުވި އެވެ. އަދި ވިޔަފާރިވެރިން ބޭނުންވާ ނަމަ ތިމާވެއްޓަށް ބެލުމެއް ނެތި މިހާރު ވެސް ކަންކަން ކުރެވޭ ކަމަށް ވިދާޅުވި އެވެ.

އެގޮތުން އޭނާ ކަންބޮޑުވުމާ އެކު ފާހަގަކުރެއްވި އެއް ކަމަކީ މަޝްރޫއެއް ހިންގުމުގެ ކުރިން ހަދާ އެންވަޔަރްމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) އަށް ވެސް ނުފޫޒު ވަދެފައިވުމުގެ މައްސަލަ އެވެ. ވިޔަފާރިވެރިޔާއަށް ޕްރޮޖެކްޓް ހިންގަން މަގުފަހިވާ ގޮތަށް އީއައިއޭ ހެދުން އާންމު ކަމަށާއި އެކަންކަން ނުހުއްޓުވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ތަރައްގީ އަދިވެސް ގަބޫލުކުރަނީ ކޮންކްރިޓް ތަރައްގީ. ތިމާވެއްޓަށް ގެއްލުން ނުވާ ގޮތަށް ކުރާކަށް ނޫޅޭ. ފައިސާ ހުރިއްޔާ ރުއްގަސް ވެސް ގެންގޮސް ރިސޯޓްތައް ފެހިކުރަނީ. ނުހުއްޓުވޭ،" ތޮލާލް ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުގެ ދުވަސްވަރު ރާއްޖޭގެ ރަށްތަކުން ރުއް ނަގައިގެން ރިސޯޓްތަކަށް ގެންދިއުން އޮތީ ވަރަށް އާންމުވެފަ އެވެ. މިސަރުކާރުން އައީ އެކަން ހުއްޓުވާނެ ކަމުގެ ވައުދާ އެކު އެވެ. ނަމަވެސް ރުކާއި ގަސް ނަގައިގެން އެއްތަނުން އަނެއް ތަނަށް ގެންދިއުމާ ބެހޭ ގަވައިދު އިސްލާހު ކުރުމަށް އާންމުންގެ ހިޔާލު ހޯދިތާ ގިނަ ދުވަސްތަކެއް ވީއިރު ވެސް އެ ގަވައިދު ހަދާ އަދިވެސް ނުނިމެ އެވެ. އާންމުންގެ ހިޔާލު ހޯދިތާ ވެސް ހަތަރު މަހަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

މިހާރު އަމަލުކުރާ ގަވައިދުގައި ގިނަ މައްސަލަތަކެއް ހުރުމާއި ގަވައިދު ތަންފީޒު ނުވުމުގެ ސަބަބުން ގާތްގަނޑަކަށް 500 ރުފިޔާއަށް ރުކެއްގެ މަގުން އެތައް ރަށަކުން އެތައް ސަތޭކަ ރުކެއް ވަނީ ނަގައިގެން ގެންގޮސްފަ އެވެ.

ތިމާވެށި ހިމާޔަތް ނުކުރާތީ ނުރުހުން ފާޅުކުރަން ބޭއްވި އެއްވުމެއްގައި ޒުވާނަކު ޝުއޫރު ފާޅުކޮށްފައިވާ ބޯޑެއް ހިފައިގެން-- ފޮޓޯ: ސޭވް މޯލްޑިވްސް

ތިމާވެށި ހިމާޔަތް ނުކުރާތީ ނުރުހުން ފާޅުކުރަން ބޭއްވި އެއްވުމެއްގައި ޒުވާނަކު ޝުއޫރު ފާޅުކޮށްފައިވާ ބޯޑެއް ހިފައިގެން-- ފޮޓޯ: ސޭވް މޯލްޑިވްސް

ތިމާވެށީގެ އެކްޓްވިސްޓް، އާދަމް އަބްދުﷲ (އެޑަމް) ބުނިގޮތުގައި ރާއްޖޭގެ ރަށްތައް ދެމިއޮތުމާއި ރަށްފުށުން އާމްދަނީ ލިބެން އަންނަ ރުކާއި ގަސްތައް ހިމާޔަތް ނުކުރެވި ނަގައިގެން ރިސޯޓްތަކަށް ގެންދާ ގެންދިއުން ނުހުއްޓުވުމަކީ ކަންބޮޑުވާ ކަމެކެވެ.

"ލިޔުމުން ހިޔާލު ހޯދިތާ ފަސް މަސް، ފޯރަމް ބޭއްވިތާ ހަތަރު މަސް. މިހާ ދުވަސް ވީއިރު މިކަމުގައި އެއްވެސް އަޕްޑޭޓެއް ނުލިބި އޮތުމަކީ ވަރަށް ހިތާމަ ހުރި ކަމެއް،" އެޑަމް ބުންޏެވެ.

"ބޭރު މީހުންގެ ކުރިމަތީގައި ފައިސާ ހޯދުމަށް ކްލައިމެޓް އެމަޖެންސީއޭ ވިދާޅުވިޔަސް އެކަން އެންވައަޔަރަމެންޓް މިނިސްޓްރީން ސީރިއަސްކޮށް ނުނަގާ ކަމުގެ އަލިގަދަ ހެއްކެއް މިއީ."

ފަޅުތައް ހިއްކުން ނުހުއްޓުވުމާއި ވަކި މިންވަރެއް ނެތި ޕްލާސްޓިކް އެތެރެ ކުރެވުމަކީ ވެސް ތިމާވެއްޓަށް އޮތް ނުރައްކާތަކެވެ. އެއްވެސް ހައްދެއް ނެތި ވެހިކަލްތައް އެތެރެކުރެވޭއިރު ބައި ގިނަ މާލެ މިވަނީ "ކޮށިއަރަން" ފަށައިފަ އެވެ. ކުނި މެނޭޖް ކުރެވޭނެ ރަނގަޅު ގޮތްތަކެއް ގިނަ ރަށްތަކުގައި ހަމަޖެހިފައި ނެތުމުން މޫދާއި ގޮނޑުދޮށްތައް ދަނީ ގޮނޑަކަށް ވަމުންނެވެ. މިކަންކަން ހައްލު ނުކުރެވެނީ ފިޔަވަޅު ނާޅައި ހަމައެކަނި ވާހަކަ ދައްކާތީ އެވެ.

އަހަރުތައް ފާއިތުވެ ގޮސް ރާއްޖެއަށް އޭގެ ނުރައްކާ އިންތިހާއަށް މިދަނީ ކުރަމުންނެވެ. ތިމާވެށީގެ ހިމާޔަތުގައި ވާހަކަ ދައްކާލެއް އިތުރު ނަމަވެސް ފިޔަވަޅުތައް އަޅާ މަންޒަރު މަދުން ނޫނީ ނުފެނެ އެވެ. ވާހަކައަށް ވުރެ އަމަލު މުހިންމެވެ. ތޮލާލް ވިދާޅުވާ ގޮތަށް އަމަލު ނުކުރެވޭ ނަމަ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެވެ.