Roadha Mihaaru
ޓޫރިޒަމް ދާއިރާގައި ދިވެހިން އަދި ގިނަވާނެ: ފައިސަލް

ކުރިމަގުގައި ޓޫރިޒަމް ދާއިރާގައި ދިވެހިން ގިނަވާނެ: ނައިބު ރައީސް

29 ސެޕްޓެމްބަރ 2019

ކުރިމަގުގައި ޓޫރިޒަމް ދާއިރާގައި ވަޒީފާ އަދާކުރާ ދިވެހިން ގިނަވާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް އިއްޔެ ވިދާޅުވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކުރިމަގުގައި ޓޫރިޒަމް ދާއިރާގައި ވަޒީފާ އަދާކުރާ ދިވެހިން ގިނަވާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް އިއްޔެ ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ފަރުކޮޅުފުށީގައި ކުރިއަށްގެންދާ ޓޫރިޒަމް ޖޮބްފެއާ އަށް ޒިޔާރަތް ކުރައްވައި ފައިސަލް ވިދާޅުވީ ޓޫރިޒަމް ދާއިރާގައި ދިވެހިން ގިނަކުރުމަށް ޓޫރިޒަމް ޖޮބް ފެއާ އަކީ ފެށުމެއް ކަމަށެވެ. މި ފުރުސަތުތައް ދިވެހި ޒުވާނުންނަށް ހޯދައި ދިނުމަށް މިހާރު ވެސް ސަރުކާރުގެ ވުޒާރާތަކާއި ޓޫރިޒަމްގެ އިސް ފަރާތްތަކާ ދެމެދު މަޝްވަރާކުރަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ނައިބު ރައީސް ވަނީ ރާއްޖޭގައި ކުރާ އިގްތިސާދީ ކޮންމެ މަސައްކަތެއްގައި ވެސް ދިވެހިންނަށް އިސްކަން ދޭންޖެހޭ ކަމަށް ވިދާޅުވެފަ އެވެ. މީގެ ތެރެއިން އަންހެނުންނަށް ހާއްސަކޮށް ވަޒީފާގެ ބާޒާރުގައި ފުރުސަތުތައް ލިބުން މުހިންމުކަން ފާހަގަކުރެއްވި އެވެ.

ޓޫރިޒަމް މިނިސްޓްރީން އިންތިޒާމްކުރި ޖޮބް ފެއާ އަކީ މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޓޫރިޒަމް ޖޮބް ފެއާ އެވެ. މި ފެއާގައި ރާއްޖޭގެ އެކި ރިސޯޓުތަކުން ދިވެހިންނަށް ހާއްސަކޮށްގެން 500 އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

މި ފެއާ އަށް ދާން ބޭނުންވާ މީހުންނަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ދަތުރުފަތުރުގެ އިންތިޒާމް ވެސް ހަމަޖައްސައިފަ އެވެ.

މި ޖޮބް ފެއާ އަކީ ދުނިޔޭގެ ޓޫރިޒަމް ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދާ ހަރަކާތްތެކެވެ. މި ދުވަސް ފާހަގަކުރުމަށް ވ. އަތޮޅުގައި ވެސް ވަނީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ.