22 ސެޕްޓެމްބަރ 2016
އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅުން ހުރި މައުލޫމާތުތަކެއް އާންމުކުރި މައްސަލާގައި ބީއެމްއެލްގެ ކުރީގެ މުވައްޒަފެއް ކަމަށްވާ ގާސިމް އަބްދުލްކަރީމާ ދެކޮޅަށް ކުރާ ޖިނާއީ ދައުވާ އަނބުރާ ގެންދަން ގޮވާލައި ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ކެމްޕޭނެއް ފަށައިފި އެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅުން ހުރި މައުލޫމާތުތަކެއް އާންމުކުރި މައްސަލާގައި ބީއެމްއެލްގެ ކުރީގެ މުވައްޒަފެއް ކަމަށްވާ ގާސިމް އަބްދުލްކަރީމާ ދެކޮޅަށް ކުރާ ޖިނާއީ ދައުވާ އަނބުރާ ގެންދަން ގޮވާލައި ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ކެމްޕޭނެއް ފަށައިފި އެވެ.
ފ. ނިލަންދޫ، ބީއެމްއެލްގެ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރަކަށް ހުރި ގާސިމް އާއްމުކުރީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތަކެއް އެސްއޯއެފްގެ އެކައުންޓަކަށް ޖަމާކޮށްގެން އެ ފައިސާ ދައުރު ކުރި ގޮތުގެ މައުލޫމާތު ކަން އެނގިފައިވެ އެވެ. އެ މައްސަލާގައި އޭނާ ވަޒީފާއިން ވަކިކޮށް، ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ދައުވާ އާއި ހުއްދަ ނޫން ގޮތުގައި އާންމު ކުރުމުގެ ދައުވާ އޭނާގެ މައްޗަށް ދައުލަތުން ވަނީ ދައުވާ އުފުލައިފަ އެވެ.
ދައުވާގެ ހުކުމް އިއްވުން އަންނަ ހަފުތާ އަށް އޮތީ ޝެޑިއުލްކޮށްފަ އެވެ.
ޓްރާންސްޕޭރެންސީން ބުނިގޮތުގައި ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތުގެ މައުލޫމާތުތަކެއް ހާމަކުރި ގާސިމަކީ ވިސްލްބްލޯވަރެކެވެ. އޭނާގެ މައްޗަށް ދައުވާނުކޮށް ހިމާޔަތްކޮށްދޭން ޖެހެ އެވެ.
ޓްރާންސްޕޭރެންސީގެ ޕްރޮގްރާމް މެނޭޖަރު މުހައްމަދު ތޯރިގް މިއަދު ވިދާޅުވީ ރާއްޖޭގައި އެންމެ ގިނައިން ކޮރަޕްޝަން ހިންގަނީ ރަސްމީ ކޮންމެ ވެސް އިދާރާއަކާ ގުޅިގެން ކަމަށްވާއިރު، އެފަދަ ހިޔާނާތެއް ފަޅާއަރުވާލުމުން އޭނާ އަކީ ކުށްވެރިއެއްގެ ގޮތުގައި ބަލައިގަތުމަކީ ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތަށް އޭގެ ނުރަނގަޅު އަސަރު ކުރާނެ ކަމެއް ކަމަށެވެ. ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރާ ކަން ގާސިމް ފަޅާއަރުވާލީ މުޖުތަމައުގެ ފައިދާ ކަމަށާއި ޓްރާންސްޕޭރެންސީން ކެމްޕޭނެއް ފެށީ އެހެންވެ ކަމަށް ތޯރިގް ވިދާޅުވި އެވެ.
ގާސިމް ހިމާޔަތްކުރަން ގޮވާލައި ހިންގާ ކެމްޕޭންގެ ވީޑިއޯއެއް.
އޭނާ ވިދާޅުވި ގޮތުގައި ގާސިމްގެ އަމަލަކީ ހުރިހާ ރައްޔިތުންގެ ފައިދާ އަށް ކުރި ކަމެއް ކަން ގަބޫލުކޮށް، ދައުލަތުން އޭނާ ހިމާޔަތްކޮށްދޭން ޖެހޭ ކަމަށް އެ ޖަމިއްޔާ އިން ގަބޫލުކުރެ އެވެ.
"ވަޒީފާ އަދާކުރާ ތަނުގައި ހިންގާ ކޮރަޕްޝަންގެ އަމަލު ފަޅާއަރުވާލާ މީހާ ކުށްވެރިކުރުމުން އެ ދެވެނީ ވަރަށް ގޯސް މެސެޖެއް،" ތޯރިގް ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތް ފަޅާއަރުވާލުމުން ކުރީގެ އޮޑިޓަ ޖެނެރަލް ނިޔާޒް އިބްރާހީމާ މެދު ކަންތައް ކުރި ގޮތް ފެންނަން އޮތްއިރު، ގާސިމާ މެދު ވެސް އެފަދަ ގޮތަކަށް އަމަލު ކުރުމަކީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރަން ފަސްޖެހޭނެ ކަމެއް ކަމަށް ތޯރިގް ވިދާޅުވި އެވެ.
ގާސިމްގެ ޝަރީއަތް ނިމެންދެން އޭނާ ވަނީ ގޭބަންދަށް ބަދަލުކޮށްފަ އެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް 1.5 ބިލިއަން ރުފިޔާ އަށް ހިޔާނާތްތެރިވެފައިވާ ކަމަށް އޮޑިޓް އޮފީހުގެ ރިޕޯޓުގައި ބުނެ އެވެ. އެ މައްސަލައާ ގުޅިގެން އެންޓިކޮރަޕްޝަން ކޮމިޝަނުން ވެސް އަންނަނީ ތަހުގީގެއް ހިންގަމުންނެވެ.
"ގާސިމަކީ ކުށްވެރިއެއް ނޫން، ބަތަލެއް"!
އިންޓަނޭޝަނަލް އެންޓި ކޮރަޕްޝަން އެވޯޑަށް ގާސިމް
ހިޔާނާތުގެ ތަހުގީގު އެއްބަސްވުންތައް ހާމަކުރަން އެދިއްޖެ
ބީއެމްއެލަކީ އިތުބާރު ހިފޭ ތަނަކަށް ވާން ބޭނުން:ނަޝީދު
"ނޮޓް ނެގޯޝިއަބްލް" ހަ ޗެކެއް ބީއެމްއެލުން ޖަމާކުރި
މަޖިލީހުން ހުށަހެޅި ޝަރީފްގެ މައްސަލަ ބަލަން ފަށައިފި
ބީއެމްއެލްގެ ބޯޑު ޑިރެކްޓަރުން ވަކިކުރަން ޖެހޭ:ޔައުގޫބު
ބީއެމްއެލްގެ ވާހަކަތައް މެމްބަރުން ގަބޫލެއް ނުކުރި!
ގާސިމާ ދޭތެރޭ އަމަލުކޮށްފައި ވަނީ އެކަން އޮންނަ ގޮތަށް
ބޮޑު ހިޔާނާތް ފަޅާއަރުވާލެވުނީތީ ފަހުރުވެރިވޭ: ގާސިމް