Roadha Mihaaru
"ގާސިމަކީ ކުށްވެރިއެއް ނޫން، ބަތަލެއް"!

"ގާސިމަކީ ކުށްވެރިއެއް ނޫން، ބަތަލެއް"

31 އޮކްޓޯބަރ 2018

އެމްއެމްޕީއާރުސީގެ 1.2 ބިލިއަން ރުފިޔާގެ ބޮޑު ޚިޔާނާތް ފަޅާއަރުވައިލި ގާސިމް އަބްދުލްކަރީމާ މެދު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދެކޭ ގޮތާ މެދު ހިތްހަމަނުޖެހި އޭނާގެ ދިފާއުގައި، ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާ މީހުން ތެދުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެމްއެމްޕީއާރުސީގެ 1.2 ބިލިއަން ރުފިޔާގެ ބޮޑު ޚިޔާނާތް ފަޅާއަރުވައިލި ގާސިމް އަބްދުލްކަރީމާ މެދު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދެކޭ ގޮތާ މެދު ހިތްހަމަނުޖެހި އޭނާގެ ދިފާއުގައި، ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާ މީހުން ތެދުވެއްޖެ އެވެ.

އެ ޚިޔާނާތް ފަޅާއަރުވައިލި މައްސަލައިގައި ގާސިމް ހައްޔަރުކޮށް، ޝަރީއަތް ކޮށް އަބަދު ދީފައި ވަނިކޮށް ބީއެމްއެލް އިން މިހަފުތާގައި ވަނީ، އެކަން ހިނގައި ދިޔަ ގޮތުގެ ތަފްސީލު ފުރަތަމަ ފަހަރަށް މުވައްޒަފުންނާ ހިއްސާކޮށްފަ އެވެ. އެ ލިއުމުގައި، ބޭންކުން ސިފަކުރި ގޮތުގައި، ގާސިމް ހިންގީ މުވައްޒަފެއްގެ ގޮތުގައި ހުރެ ކޮށްގެން ނުވާނެ އަމަލެކެވެ. އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި ޝާމިލުވި އެސްއޯއެފް ނަމަކަށް ކިޔާ ކުންފުނީގެ އެކައުންޓްތަކުގެ މައުލޫމާތު ގާސިމް އާއްމުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ވެސް މުވައްޒަފުންނަށް ފޮނުވި މެމޯގައިވެ އެވެ.

ބޭންކުގެ ފ. ނިލަންދޫ ބްރާންޗުގެ މެނޭޖަރެއްގެ ގޮތުގައި، މަސައްކަތް ކުރެއްވި ގާސިމާ ގުޅޭ ގޮތުން ބޭންކުން މުވައްޒަފުންނަށް ދިން މައުލޫމާތުގައި އޭނާ ސިފަކޮށް ދިން ގޮތް، ޓްރާންސްޕޭރަންސީން ވަނީ ކުށްވެރިކޮށްފަ އެވެ. އަދި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާ އާއްމުން ވެސް ދަނީ ސޯޝަލް މީޑިއާގައި އެ ވާހަކަތައް ކުށްވެރިކޮށް، ގާސިމްގެ ދިފާއުގައި އަޑުއުފުލަމުންނެވެ.

ގާސިމްގެ ދިފާއުގައި ކޮށްފައިވާ ޓުވީޓެއް.

އެއް ބަޔަކު ސިފަކުރި ގޮތުގައި، ސަރުކާރުގެ އެންމެ އިސް ސަފުގައި ތިބި މީހުން ހިމެނޭ ގޮތަށް، ދައުލަތުގެ ފައިސާ އިން ކޮރަޕްޝަން ހިންގާ ކަން އެނގި ތިބެ ފިޔަވަޅު ނާޅައި އޮއްވައި، އެކަން އާއްމުންނާ ހަމަ އަށް ތިލަކުރުމަކީ ގާސިމްގެ ހިތްވަރު ގަދަކަމެވެ. ބީއެމްއެލްގެ ހިތްހަމަނުޖެހުން އެކަމުގައި އޮތަސް، އެއީ ގައުމާއި ރައްޔިތުންގެ ހައްގުގައި އޭނާ ކުރި ކަމެއް ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ތައުރީފް ކުރަމުންނެވެ.

ގާސިމްގެ ދިފާއުގައި މީހަކު ކުރި ޓުވީޓެއް.

ގާސިމްގެ މައްޗަށް އޮތް ޖިނާއީ ކުށުގެ ރެކޯޑު ފޮހެން ޖެހޭ!

ޓްރާންސްޕޭރެންސީން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ގާސިމް ކުރީ ކުށެއް ކަމަށް ސިފަވާ ގޮތަށް ބީއެމްއެލް އިން މުވައްޒަފުންނަށް ފޮނުވި މެމޯގައިވާ ވާހަކަތަކަކީ ކޮރަޕްޝަނާ ދެކޮޅަށް، ހިތްވަރާ އެކު ތެދުވި މީހެއްގެ އަމަލުގެ މުހިއްމު ކަން ކަނޑުވާލާ ފަދަ ވާހަކަތަކެކެވެ. އަދި އެއީ، ރާއްޖޭގައި ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލުގެ ސަގާފަތެއް ގާއިމްކުރަން ހުރަސްއެޅޭ ފަދަ ވާހަކަތަކެއްގެ ގޮތުގައި ވެސް އެ ޖަމިއްޔާ އިން ސިފަކުރެ އެވެ.

ބޭންކުގެ ވިސްލް ބޮލޯވަރުގެ ނަމުން މަޝްހޫރުވި ގާސިމަށް އެ މައްސަލައިގައި 16 މަހުގެ ޖަލު ހުކުމެއް އައެވެ. އެ ހުކުމް ތަންފީޒުކޮށް މިނިވަންވީ މިދިޔަ އަހަރެވެ.

"ބީއެމްއެލް އިން އެ ކުންފުނީގެ މުވައްޒަފުންނަށް ފޮނުވި ލިއުމުގައި، ބޮޑު ކޮރަޕްޝަންގެ އަމަލެއް ބީއެމްއެލްގެ އެކައުންޓަށް މެދުވެރިކޮށް ހިންގަމުން ދިޔައިރު އެކަން ބޭންކުން އާއްމުނުކޮށް އޮތުން އެއީ ރަނގަޅު ކަމެއްގެ ގޮތުގައި ސިފަކޮށް، ގައުމުގައި ހިންގާފައިވާ އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލަ ފަޅާއަރުވާލުން އެއީ ނުބައި އަމަލެއްގެ ގޮތުގައި ވަނީ ސިފަވެގެން ގޮސްފަ އެވެ،" ޓްރާންސްޕޭރެންސީގެ ބަޔާނުގައިވެ އެވެ.

ބޮޑު ޖަރީމާއެއްގެ މައުލޫމާތު ގާސިމް ފަޅާއަރުވާލީ، ޓްރާންސްޕޭރެންސީން ބުނި ގޮތުގައި، މާލީ އަދި ސިޔާސީ މަންފާއެއް ނެތި އެކަން ހުއްޓުވުމުގެ ބޭނުމުގަ އެވެ.

އެސްއޯއެފްގެ ބީއެމްއެލް އެކައުންޓެއް މެދުވެރިކޮށް، ހިންގަމުން ދިޔަ ޖަރީމާތަކުގެ ވާހަކަތައް އޮޑިޓް ރިޕޯޓްތަކުގައި އޮތް ނަމަވެސް ރައްޔިތުންގެ ބައިތުލްމާލުން 1.8 ބިލިއަން ރުފިޔާ ވަގަށް ނެގުމުގެ ތަފްސީލުތައް އެނގުނީ ގާސިމް ހާމަކުރި މައުލޫމާތުތަކުން ކަމަށް ވެސް ޓްރާންސްޕޭރެންސީން ބުންޏެވެ.

ގާސިމަކީ، ވިސްލް ބްލޯވަރެއްގެ ގޮތުގައި ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލުން ވެސް ވަނީ ކަނޑައަޅައިފަ އެވެ.

"ގާސިިމް މައުލޫމާތު ހާމަކުރި ފަރާތްތަކުގެ ތެރޭގައި ކޮރަޕްޝަން ހުއްޓުވަން ދައުލަތުން މަތިކޮށްފައިވާ އިދާރާތަކާއި މީޑިއާގެ ވަސީލަތްތައް ހިމެނޭ ކަމީ، އެ މައުލޫމާތު އާއްމުކުރީ ކޮރަޕްޝަންގެ އަމަލު ހުއްޓުވުމުގެ ނިޔަތުގައި ކަން ހާމަވާ މުހިއްމު ދަލީލެކެވެ،" ބަޔާނުގައިވެ އެވެ.

އެ އަމަލުގެ ސަބަބުން މާލީ މަންފާއެއް ގާސިމަށް ނުލިބޭކަން ވެސް އެ ޖަމިއްޔާ އިން ފާހަގަކޮށްފައިވެ އެވެ.

"އޭގެ ބަދަލުގައި، އޭނާގެ މި އަމަލަކީ ގާނޫނާ ޚިލާފު އަމަލެއްގެ ގޮތުގައި ކަނޑައަޅައި އޭނާ ވަނީ ފުލުހުންގެ ބަންދުގައި އެތައް ދުވަހެއް ހޭދަކޮށް އަދި ޖިނާއީ ކުށްވެރިއެއްގެ ލައްގަނޑު ޖެހި ހުކުމަށް ވުރެ ދިގު މުއްދަތެއް ޖަލު ބަންދުގައި އޮންނަން ޖެހި ނަފްސާނީ އަދި ޖިސްމާނީ ގޮތުން ބޮޑެތި ގޯނާތަކެއް ތަހައްމަލް ކުރަން ޖެހިފަ އެވެ،" ޓްރާންސްޕޭރެންސީން ބުންޏެވެ.

"މި އަމަލަކީ ގާނޫނީ ކުށެއްގެ ގޮތުގައި ބޭންކުން ކަނޑައަޅާފައި ވަނީ އެއްވެސް ތަހުގީގީ އަދި ޝަރުއީ މުއައްސަސާއަކުން ވެސް މިގޮތަށް ކަނޑައެޅުމުގެ ކުރިން ކަމުގައި ވެސް މި ޖަމިއްޔާ އިން ފާހަގަ ކުރަމެވެ."

ޓްރާންސްޕޭރެންސީން ބުނީ ގާސިމްގެ އަމަލަކީ ވިސްލް ބްލޯވިންގެ އަމަލެއް ނޫން ކަމުގައި ބީއެމްއެލް އިން ސިފަކުރަނީ އެ މައްސަލައިގެ ވާހަކަ ބީއެމްއެލްއާ ހިއްސާކޮށްފައި ނުވާތީ އެވެ. ނަމަވެސް އެސްއޯއެފްގެ އެކައުންޓްތަކަށް ވަންނަމުން ދިޔަ ބޮޑެތި އަދަދުތަކުގެ ވާހަކަ، ވިސްލް ބްލޯވަރެއްގެ ހައިސިއްޔަތުން ގާސިމް ފަޅާއަރުވައިލި އިރު އެކަން ހިނގައި ދިޔަތާ އެތައް ދުވަހެއްވި އިރު ވެސް ބޭންކުން ފިޔަވަޅެއް އަޅާފައި ނުވާތީ އެކަން ހިނގައިދިޔައީ ބޭންކުގެ ބައިވެރިވުމާ އެކުތޯ އޭނާ އަށް ޔަގީން ނުވާ ކަމަށް ބަޔާނުގައިވެ އެވެ.

ގާސިމަކީ ކުށްވެރިއެއްގެ ގޮތުގައި ސިފަނުކޮށް، މި މައްސަލައިގައި އޭނާ ޖިނާއީ ކުށެއް ކޮށްފައި އޮތް ކަމުގެ ރެކޯޑު ވެސް ފުހެލުމަށް ޓްރާންސްޕޭރެންސީން ވަނީ ދައުލަތުގެ މުއައްސަސާތަކަށް ގޮވާލައިފަ އެވެ.