Roadha Mihaaru
ބީއެމްއެލްގެ ބޯޑު ޑިރެކްޓަރުން ވަކިކުރަން ޖެހޭ:ޔައުގޫބު

ބީއެމްއެލްގެ ބޯޑު ޑިރެކްޓަރުން ވަކިކުރަން ޖެހޭ: ޔައުގޫބު

18 ޖުލައި 2019

އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ބޮޑު ޚިޔާނާތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބައިވެރިވެފައިވާ ކަމަށާއި އެ ކުންފުނީގެ މިހާރުގެ ބޯޑު ޑިރެކްޓަރުން ވަކިކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ދާންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔައުގޫބް އަބްދުﷲ އިއްޔެ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ބޮޑު ޚިޔާނާތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބައިވެރިވެފައިވާ ކަމަށާއި އެ ކުންފުނީގެ މިހާރުގެ ބޯޑު ޑިރެކްޓަރުން ވަކިކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ދާންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔައުގޫބް އަބްދުﷲ އިއްޔެ ވިދާޅުވެއްޖެ އެވެ.

ކޮރަޕްޝަން ފަޅާއަރުވާލާ މީހުންނަށް ހިމާޔަތް ދިނުމާ ބެހޭ ބިލަށް މަޖިލިހުގައި ބަހުސް ކުރައްވަމުން ޔައުގޫބް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަކީ ކޮރަޕްޝަނާއި ވައްކަމަށް ޒީރޯ ޓޮލަރެންސް އޮތް ސަރުކާރެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ކުންފުނިތަކުގެ ވެރިންނަށް، ރައީސް މިކަން ހަނދުމަފުޅުކޮށް ދެއްވީ، އާންމުކޮށް ރާއްޖޭގައި ބޮޑެތި ވައްކަން ކުރަނީ ކުންފުނިތަކުގެ ތެރެއިން ކަމަށް ވާތީ އެވެ.

މިދިޔަ ފަސް އަހަރުގެ ތެރޭގައި ރާއްޖޭގައި ހިންގި އެންމެ ބޮޑު ވައްކަން ވެސް ހިނގާފައި ވަނީ އެކި ކުންފުނިތަކުގެ ތެރެއިން ކަމަށް ޔައުގޫބް ވަނީ ތުހުމަތުކުރައްވައިފަ އެވެ.

އެގޮތުން، އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތް ހިންގާފައި ވަނީ ބީއެމްއެލާއި އެމްއެމްއޭގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުމާ އެކީގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މިދިޔަ އަންގާރަ ދުވަހު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އެކަމަށް ބީއެމްއެލުން "އިއުތިރާފްވި" ކަމަށް ވެސް ވިދާޅުވި އެވެ.

"ބީއެމްއެލުން ވަނީ ވަރަށް ސާފު ބަހުން އިއުތިރާފްވެފައި ތިމަންނަމެންގެ އެހީތެރިކަމާއި އެއްބާރުލުމާ އެއްކޮށް ކަން އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް، ވައްކަންކުރީ" ޔައުގޫބް ވިދާޅުވި އެވެ.

މާލިއްޔަތު ކޮމިޓީގައި ބީއެމްއެލްގެ އިސް ދެ ބޭފުޅުން ކަމަށްވާ ޝަރީފް އާއި ޔާމީން، މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. --ފޮޓޯ/މަޖިލިސް

މާލިއްޔަތު ކޮމިޓީގައި ބީއެމްއެލްގެ އިސް ދެ ބޭފުޅުން ކަމަށްވާ ޝަރީފް އާއި ޔާމީން، މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. --ފޮޓޯ/މަޖިލިސް

ނަމަވެސް ކޮމިޓީގައި ބީއެމްއެލްގެ ވެރިން އެގޮތަށް ވިދާޅުވެ، އިއުތިރާފްވެވަޑައިގެންފައެއް ނުވެ އެވެ. އޭގެ ބަދަލުގައި އެ ބޭފުޅުން ބޭންކް ދިފާއުކުރެއްވި އެވެ. އެމްއެމްޕީއާރުސީގެ ޗެކްތައް ކްލިއަކޮށްފައި ވަނީ ބޭންކިން ގާނޫނާއި ބޭންކްގެ އުސޫލުތަކާއި ގަވާއިދުތަކާ އެއްގޮތަށް ކަމަށް، ތަކުރާރުކޮށް ބީއެމްއެލްގެ ވެރިން ވިދާޅުވި އެވެ.

އެކަމަކު ބީއެމްއެލުން އެގޮތަށް ވާހަކަ ދެއްކިޔަސް، އޮޑިޓިން ދާއިރާ އިން މެލޭޝިއާގައި މަތީ ތައުލީމް ހާސިލްކުރައްވާފައިވާ ޔައުގޫބު ވިދާޅުވީ، އޭނާ ގަބޫލުކުރައްވަނީ އެ ހިޔާތުގައި ބީއެމްއެލް ބައިވެރިވެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މާދަމާ ވެސް ބީއެމްއެލް ބޯޑަށް ސަރުކާރުގެ ފަރާތުން ހުށަހަޅާ ނަންތަކުގެ ތެރޭގައި ވައްކަމުގައި އެންމެ ބޮޑު އެއްބާރުލުމެއް ދިން ބޭފުޅުން ހިމެނިދާނެތީ ހިތާމަކުރައްވާ ކަމަށެވެ. އަދި އެބޭފުޅުން އަނެއްކާ މަގާމުތަކަށް ލުމަކީ ޒީރޯ ޓޮލަރެންސަށް އިހްތިރާމް ކުޑަކުރުން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ގޮވާލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެފަދަ ބޭފުޅުން ބޯޑުތަކުން ވަކިކުރަން. ނަންތައް ހުށަހަޅާފައިވާ ނަމަ، އެ ނަންތައް އަނބުރާ ގެންދިއުމަށް ވެސް،" ޔައުގޫބް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބީއެމްއެލްގެ ބޯޑަށް ވިޔަފާރި ޕާޓްނަރުން ހުށަހަޅަން އުޅޭ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް އެއީ ވިސްނަން ޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ.

"މި ދައްކަނީ އަޅުގަނޑުގެ ވަރަށް ގާތް ރައްޓެހިންގެ ވާހަކަ. އެކަމަކު ވައްކަމާއި ކޮރަޕްޝަނަށް އަޅުގަނޑަށް ނުބެލޭނެ ގާތް ރައްޓެއްސެއް. އެހެންވީމަ އެ ވެސް ވިސްނަން ޖެހޭ ކަމެއް،" ޔައުގޫބް ވިދާޅުވި އެވެ.