Roadha Mihaaru
ދެ މިނިސްޓަރުން އެފްއޭއެމަށް: ސުޒޭނުގެ ބަހުގެ ހަމަލާތަކެއް!

ދެ މިނިސްޓަރުން އެފްއޭއެމަށް: ސުޒޭނުގެ ބަހުގެ ހަމަލާތަކެއް!

26 ސެޕްޓެމްބަރ 2019

ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ގައުމީ ފުޓްބޯޅަ ޓީމުގެ ކޮމިޓީގައި ބައިވެރިވެވަޑައިގަތުމަކީ އެހެން ކުޅިވަރުތަކަށް ވެވޭ ބޭއިންސާފެއް ކަމަށާއި އެކަމަކު ފުޓްބޯޅަ ރަނގަޅުކުރެވެން އޮތީ އެގޮތަށް ކަމަށް ވަންޏާ އެފްއޭއެމްގެ އެހެން ކޮމިޓީތަކަށް ވެސް ވަޒީރުން ލައްވަންވީ ކަމަށް ބުނެ ގްރީންސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބަހުގެ ހަމަލާތަކެއް ފޮނުވާލައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ގައުމީ ފުޓްބޯޅަ ޓީމުގެ ކޮމިޓީގައި ބައިވެރިވެވަޑައިގަތުމަކީ އެހެން ކުޅިވަރުތަކަށް ވެވޭ ބޭއިންސާފެއް ކަމަށާއި އެކަމަކު ފުޓްބޯޅަ ރަނގަޅުކުރެވެން އޮތީ އެގޮތަށް ކަމަށް ވަންޏާ އެފްއޭއެމްގެ އެހެން ކޮމިޓީތަކަށް ވެސް ވަޒީރުން ލައްވަންވީ ކަމަށް ބުނެ ގްރީންސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބަހުގެ ހަމަލާތަކެއް ފޮނުވާލައިފި އެވެ.

ޖޫނިއާ އުމުރުފުރާއިން ފެށިގެން ސީނިއާ ޓީމާ ހަމައަށް ގައުމީ ޓީމުތަކުގެ ކުރަންޖެހޭ ހުރިހާ ކަމެއްގައި އެގްޒެކްޓިވް ކޮމިޓީ އަށް ލަފާދިނުމަށާއި ގައުމީ ޓީމުތައް ތައްޔާރުވުމަށް ކުރަން ޖެހޭ އެންމެހާ ކަންތައްތަކުގައި އެހީތެރިވެދިނުމަށް އެފްއޭއެމުން އެކުލަވާލި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ދެ މިނިސްޓަރުންނާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އަދި އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދު އަދި ފުޓްބޯޅަ އަށް މުޅިން އާ ބޭފުޅެއް ކަމަށްވާ ބެޑްމިންޓަން އެސޯސިއޭޝަނުގެ ރައީސް މޫސާ ނާޝިދެވެ.

ދެ މިނިސްޓަރުން އެސޯސިއޭޝަނެއްގެ ކޮމިޓީއަށް ވަޑައިގަތުމުން ކުޅިވަރުގައި ސިޔާސީ ކުލަ ޖެހޭނެތީވެ އާއި މުޅި ކުޅިވަރު ކުރިއެރުވުމުގެ ޒިންމާ އެޅިފައިވާ ސްޕޯޓްސް މިނިސްޓަރު ވަކި އެސޯސިއޭޝަނެއްގެ ކޮމިޓީއަށް ވަޑައިގަތުމުން ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އަނެއްކޮޅުން މިނިސްޓްރީ އަށް އެއް އުސޫލުން ޖަވާބުދާރީވާން ޖެހޭ ބަޔަކާ އެކު، ޖަވާބުދާރީވާން ޖެހޭ މަސައްކަތެއް ކުރުމަށް މިނިސްޓަރު ވަޑައިގަތުމަކީ އެތިކަލީ ރަނގަޅު ނޫން ގޮތެއް ކަމަށް ވެސް އެއް ބަޔަކު ބުނެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު ކްލަބް ކަމަށްވާ ނިއު ރޭޑިއަންޓް ސަސްޕެންޑްކުރީ އެފްއޭއެމްގެ ވެރިންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އުޅޭތީ ކަމަށް އަލީ ވަހީދު ތުހުމަތުކުރައްވައި އަދި ނިއުގެ އެ މަސައްކަތުގައި ބައިވެރިވެވަޑައިގެން ކަމަށް މިނިސްޓަރު މަހުލޫފް އެއްބަސްވެވަޑައިގަތުމަށް ފަހު އެކަންކަން ހައްލުނުވަނީސް އެ އެސޯސިއޭޝަނުގެ ތެރެއަށް ދެ ވަޒީރުން ވަޑައިގަތުމަކީ އެފްއޭއެމްގެ އަމަލުތައް ސަރުކާރުން އެންޑޯޒްކުރުން ކަމަށް ވެސް ފާޑުކިޔާ ފަރާތްތަކުން ބުނެ އެވެ.

ސްޕޯޓްސް މިނިސްޓަރު މަހުލޫފް (ވ) އެފްއޭއެމްގެ ރައީސް ބައްސާމާ އެކު. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ސްޕޯޓްސް މިނިސްޓަރު މަހުލޫފް (ވ) އެފްއޭއެމްގެ ރައީސް ބައްސާމާ އެކު. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މި ކޮމިޓީގެ މައްސަލައިގައި މިނިސްޓަރު އަލީ ވަހީދު މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ. އެކަމަކު މިނިސްޓަރު މަހުލޫފް ވަނީ ކޮމިޓީގައި ހިމެނިވަޑައިގަތުން ދިފާއުކުރައްވައިފަ އެވެ. ފަހުން ފާޑުކިޔުންތައް އަމާޒުވުމުން ވިދާޅުވީ ކޮމިޓީ އަށް ދިއުމާ މެދު އަދި ވަކި ގޮތެއް ނުނިންމަވާ ކަމަށެވެ.

ޕްރިމިއާ ލީގުގައި ހޯމަ ދުވަހު ޔުނައިޓެޑް ވިކްޓްރީ އަތުން ގްރީންސްޓްރީޓްސް 8-2 އިން މޮޅުވި މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުޒޭން ބުނީ ފުޓްބޯޅައިގެ ބޭރުން އެއްޗެއް ބުނާ ނަމަ ބުނަން ޖެހޭނީ، އެފްއޭއެމްގެ ކުޑަކުޑަ ކޮމިޓީއެއްގެ ތެރެއަށް ވަޒީރުން ވަޑައިގަތުމަކީ އެހެން ކުޅިވަރުތަކަށް ވެވޭ ބޭއިންސާފެއް ކަމަށެވެ. އެކަމަކު ގައުމީ ޓީމު ރަނގަޅުކުރަންޏާ ރައީސުލްޖުމްހޫރިއްޔާ އިން ފެށިގެން އެންމެ މަތީ ލެވެލުގައި ވެސް ހަމަ ކޮންމެ ގައުމީ ޓީމަކަށް ވެސް އެހީތެރިކަން ފޯރުކޮށްދެއްވަން ތައްޔާރަށް ތިއްބަވަން ޖެހޭނެ ކަމަށް ގަބޫލުކުރާ ކަމަށް ބުންޏެވެ.

"އެކަމަކު ގައުމީ ޓީމު ރަނގަޅުކުރަންޏާ ގައުމީ ޖާޒީ ވައްޓާލައިގެން ނޫނީ ދިވެހި ފުޓްބޯޅައިގައި 90 މިނެޓު ޖާޒީ ތެންމާލައިފައި ހުރި މީހަކަށް ވެސް ފުރުސަތު ދޭންވާނެ. ކޮމިޓީގެ ސަބަބުން ގައުމީ ޓީމަށް އިތުރު ބޫސްޓެއް އައުން އެއީ އަޅުގަނޑުމެން ފުޓްބޯޅަ އަށް ލޯބިކުރާ އެންމެން ވެސް ބޭނުންވާ ގޮތް. އެކަމަކު އުސޫލެއް އޮންނަން ވާނެ ކޮންމެ ކަމަކަށް ވެސް،" ސުޒޭން ބުންޏެވެ.

ސުޒޭން ބުނީ ޔުނިވާސަލްގެ ވެރިޔާ އާއި ގާސިމް އިބްރާހިމާއި ބިލް ގޭޓްސް ވެސް ކޮމިޓީ އަށް ލެވެންޏާ ލާންވީ ކަމަށާއި އެކަމަކު އޭނާ ގަބޫލުކުރާ ގޮތުގައި މި ކޮމިޓީ ހެދި ގޮތުން ފާޑުކިޔުންތައް އަމާޒުވެގެން މިއުޅެނީ ސިޔާސީ ކުލަ ޖެހިދާނެތީ ކަމަށެވެ.

"އާއްމުކޮށް އަޅުގަނޑުމެން ރާއްޖޭގައި މިހާރު ކަންތައްތައް އޮންނަ ގޮތަށް ބަލާއިރު އަނެއްހެން ކޮމިޓީއަކަށް މީހަކު ލަންޏާ ކޮންމެ ކޮމިޓީއަކަށް ކޮންމެ މީހަކު ލިޔަސް ގުޅާލިޔަސް ވަގުތުން އެއްބަސްވާނެ. އަޅުގަނޑު އެކަނި ކަންނޭގެ މިއުޅެނީ އެކަލަ ކަންތައްތައް އެއް ކޯލުން އެއްބަސްނުވާ މީހަކަށް. ދެން އެހެން ނޫނީ ގިނަ މީހުން ގިނަ ފަހަރު އެއްބަސްވާނެ ގުޅާލާއިރަށް. ދެން ތިބީ ކޮން ބަޔެއްތޯ ވެސް ނުބަލާނެ ހަމަ ވަގުތުން އޯކޭ ޖަހާނެ،" އޭނާ ބުންޏެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު (ވ) އާއި އެފްއޭއެމްގެ ރައީސް ބައްސާމް. -- ފޮޓޯ: ހާފްކޯޓްއެމްވީ/ އަބްދުﷲ އަބީދު

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު (ވ) އާއި އެފްއޭއެމްގެ ރައީސް ބައްސާމް. -- ފޮޓޯ: ހާފްކޯޓްއެމްވީ/ އަބްދުﷲ އަބީދު

ސުޒޭން ބުނީ މަހުލޫފާއި އަލީ ވަހީދަށް ވަރަށް އިހުތިރާމްކުރާ ކަމަށާއި ހާއްސަކޮށް އަލީ ވަހީދަކީ ކްލަބް ހިންގުމުގައި ރާއްޖޭގައި މިސާލު ދައްކަފަފައި ހުރި މީހެއް ކަމަށެވެ. އެގޮތުން އޭނާ އަކީ ޕްރެޒިޑެންޓެއްގެ ގޮތުގައި ނިއު ރޭޑިއަންޓުގައި ދިވެހި ތާރީހުގައި ބިންވަޅު ނެގޭނެ ބައިވަރު މަސައްކަތްތަކެއް ކުރައްވާފައި ހުންނެވި ބޭފުޅެއް ކަމަށާއި އޭނާގެ ކިބައިގައި ތަޖުރިބާ ހުންނާނެ ކަމަށް ސުޒޭން ބުންޏެވެ.

"އެކަމަކު ގައުމީ ޓީމެއްގައި އެއްގޮތަށް ނަގާއިރު ޓެކްނިކަލް ބޭފުޅުން ވެސް އޭގެ ތެރެއަށް ލާން ޖެހޭ. އެއްގޮތަކަށް އަޅުގަނޑު ދާކަށް ނޫން. އަޅުގަނޑު ގައުމީ ޓީމުގައި ކުރަން ޖެހޭ ހުރިހާ މަސައްކަތެއް 2005 ވަނަ އަހަރު ނިންމާފައި އަޅުގަނޑު މިހާރު ނުކުމެ މިއުޅެނީ. އަޅުގަނޑުގެ ވިސްނުމެއް ނެތް އެ ދިމާލަށް އެއްގޮތަކަށް ވެސް އެނބުރި ދާކަށް. އެހެން ނަމަވެސް ގައުމީ ޓީމަށް ކުރިއެރުން އެދެން. ކޮމިޓީގައި ޓެކްނިކަލް މީހުން ވެސް ތިބެން ޖެހޭނެ. ކުރީގެ ކޮމިޓީ އުވިގެން ދިޔަ ކަމެއް ވެސް ނޭގޭ އަލުން ކޮމިޓީއެއް ހެދިއިރު. ކުރީގެ ކޮމިޓީގައި ތިބި މީހުން ބޭނުންކުރީ ކޮން ގޮތަކަށް ކަމެއް ވެސް ނޭގޭ،" އޭނާ ބުންޏެވެ.

ސުޒޭން ބުނީ ދިވެހި ފުޓްބޯޅަ މިއޮށް ހާލަތަށް ބަލާއިރު ފުޓްބޯޅަ އަލުން ނަގަން އެންމެ ރަނގަޅު ގޮތަކީ ވަޒީރުން ލައިގެން ކަންކަން ކުރުން ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ފެނިވަޑައިގަތީ ކަމަށާއި އެހެންވެއްޖެ ނަމަ ހުރިހާ ކޮމިޓީއަކުން ވެސް މިނިސްޓަރުންނަށް ޖާގަ ދެއްވުން ރަނގަޅުވާނެ ކަމަށެވެ.

"މިތާގެ މެޑިކަލް ކޮމިޓީ އާއި އެހުރިހާ ކޮމިޓީތަކަށް ދެން ތިއްބެވި ވަޒީރުން ވެސް ލައިގެން ކަންކަން ކުރިއަރުވަން މަސައްކަތްކުރާނެ ކަމަށް ގަބޫލުކުރަނީ. މާކެޓިން ކޮމިޓީ އަށް ވެސް އިކޮނޮމިކް މިނިސްޓަރު ކަހަލަ ބޭފުޅެއް ލައިގެން (މަސައްކަތްކުރަންވީ). އަސްލު އެންމެ ބޮޑަށް މިހާރު އެފްއޭއެމަށް ބޭނުންވަނީ ވެސް މާކެޓިން. އެބައި ރަނގަޅުކުރަން އެބަޖެހޭ،" ސުޒޭން ބުންޏެވެ.