Roadha Mihaaru
ފީފާ ރައީސް "ކޮސްކޮށްލި" ކުޅިވަރު ވަޒީރު!

ފީފާ ރައީސް "ކޮސްކޮށްލި" ކުޅިވަރު ވަޒީރު!

16 އެޕްރީލް 2023

މުޅި ރާއްޖެ އަށް ފުޓްބޯޅަ ފުޅާކުރުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ޒަމާނުއްސުރެ މާލޭގެ ޓީމުތަކަށް ހާއްސަކޮށް ފުޓްބޯޅަ ކުޅުމުގެ ވިސްނުން އަށަގަނެފައި އޮތުމެވެ. ދައުލަތުގެ ބަޖެޓުން އެތައް މިލިއަން ރުފިޔާއެއް "ގައުމީ ފުޓްބޯޅަ" މިނަމުގައި ގްރޭޓާ މާލޭގެ ކަންމަތީ ގްރޫޕްތަކަށް ހަރަދުކުރުމެވެ. ފުޓްބޯޅައިގެ މައި އިދާރާ ވަކި ބައެއްގެ ބާރުވެރިކަމުގެ ދަށުގައި ބޭއްވުމަށް މަސައްކަތްކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުޓްބޯޅަ މައި އިދާރާއާ ގާތްނުވެވޭނެ ވިސްނުމެއް ގެންގުޅެމުން ދިއުމެވެ.

މުޅި ރާއްޖެ އަށް ފުޓްބޯޅަ ފުޅާކުރުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ޒަމާނުއްސުރެ މާލޭގެ ޓީމުތަކަށް ހާއްސަކޮށް ފުޓްބޯޅަ ކުޅުމުގެ ވިސްނުން އަށަގަނެފައި އޮތުމެވެ. ދައުލަތުގެ ބަޖެޓުން އެތައް މިލިއަން ރުފިޔާއެއް "ގައުމީ ފުޓްބޯޅަ" މިނަމުގައި ގްރޭޓާ މާލޭގެ ކަންމަތީ ގްރޫޕްތަކަށް ހަރަދުކުރުމެވެ. ފުޓްބޯޅައިގެ މައި އިދާރާ ވަކި ބައެއްގެ ބާރުވެރިކަމުގެ ދަށުގައި ބޭއްވުމަށް މަސައްކަތްކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުޓްބޯޅަ މައި އިދާރާއާ ގާތްނުވެވޭނެ ވިސްނުމެއް ގެންގުޅެމުން ދިއުމެވެ.

ފުޓުބޯޅައިގެ މި ކޮންސެޕްޓް އޭރު އެކުލަވާލެއްވުމުގެ އެއް މޭސްތިރިއަކީ މިހާރު މުޅި ރާއްޖެ އަށް ފުޓްބޯޅަ ފުޅާކުރުމުގެ ވިސްނުމުގައި، ފުޓްބޯޅަ ލާމަރުކަޒުކޮށް ބައިނަލްއަގްވާމީ އުސޫލުތަކަށް ފެތޭގޮތަށް ރާއްޖޭގެ ފުޓްބޯޅަ އިންތިޒާމް ކުރުމަށް އެކި ފޯރަމްތަކުގައި ވަކާލާތުކޮށް މިހާރު ނޫސްތަކުގައި ލިޔުއްވާ ބޭފުޅެކެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ދެ ވަނަ ދައުރަކަށް އެ މަގާމަށް އިންތިހާބުވުމާ އެކު، އެންމެ އިސް ކަމެއްގޮތުގައި ފާހަގަ ކުރެއްވީ ވެސް، މުޅި ރާއްޖެ އަށް ފުޓްބޯޅަ ފުޅާކޮށް ހޯމް އެންޑް އަވޭ އުސޫލުން ފުޓްބޯޅައިގެ މުޅި އޮނިގަނޑު ބަދަލުކޮށް ހިންގުމެވެ.

ބައްސާމުގެ މި ވިޝަނަކީ 2019-2023 އަށް މިސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނުގައި ގައުމީ ކުޅިވަރުތައް ލާމަރުކަޒުކޮށް ޒަމާނީ ފެންވަރަށް ހިންގުމަށް ކަނޑައަޅާފައިވާ ސިޔާސަތާ އެއްގޮތް ވިސްނުމެކެވެ. ސަރުކާރުގެ ފަރާތުން މި މަސައްކަތްތައް ތަންފީޒު ކުރުމުގެ ޒިންމާ ނަންގަވައިގެން ހުންނެވީ ކުޅިވަރާ ބެހޭ ވަޒީރެވެ.

ފުޓްބޯޅައިގެ އާ ކޮންސެޕްޓް

އެފްއޭއެމުން ފުޓްބޯޅަ ލީގު މާނާކުރާގޮތް ތަފާތު ކަމުގައި ވީނަމަވެސް، ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ފައިހަމަކުރުމުގެ ވިސްނުމުގައި މުޅި ފުޓްބޯޅައިގެ ފޯމެޓް ބަދަލުކޮށް އިއުލާނުކުރުމާ އެކު، އަތޮޅުތެރޭގެ ފުޓްބޯޅަ ޓީމުތަކަށް ލިބިގެން ދިޔައީ ހިތްހަމަޖެހުމާއި އާ ހިތްވަރެކެވެ. ފުޓްބޯޅައިގެ އާ ކޮންސެޕްޓް ޕްރޮމޯޓް ކުރުމުގައި އެކިއެކި ސޯޝަލް މީޑީތަކުގައި ވަރަށް ތަފްސީލީ ގޮތެއްގައި މައުލޫމާތުތައް ވަނީ ފަތުރައިފަ އެވެ. މުޅި ރާއްޖެ އަށް ބާއްވާ މި ލީގަކީ ވޭތުވެދިޔަ އަހަރުތަކުގައި ކުރެވުނު ތަޖުރިބާގެ ފޮނިމޭވާއެއްގެ ގޮތުގައި ސިފަ ކުރެއްވި އެވެ.

އެފްއޭއެމް ހައުސް: ހޯމް އެންޑް އަވޭ ލީގެއް ތައާރަފުކުރުމަކީ އެފްއޭއެމްގެ ވިސްނުމެއް.

އެފްއޭއެމް ހައުސް: ހޯމް އެންޑް އަވޭ ލީގެއް ތައާރަފުކުރުމަކީ އެފްއޭއެމްގެ ވިސްނުމެއް.

މިކަމުގައި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފު ވެސް ވަނީ ތަފާތު އެކިއެކި ފޯރަމްތަކުގައި އުއްމީދީ ވާހަކަތަކެއް ހިއްސާކޮށް ދެއްވައިފަ އެވެ. އާއްމުކޮށް ފުޓްބޯޅައާ ގުޅުން ހުންނަ މިފަދަ ކޮންމެ ދަނޑިވަޅެއްގައި ކުޅިވަރާ ބެހޭ ވަޒީރުގެ ބައިވެރިވުމަކީ ކަނު ހަސަނަށް އިރުވާ ހުދު ދައްކާ ބީދައިން ކުރައްވާ ކަމެކެވެ. ދެވޭ ނުދެވޭ މަގެއް ނޭންގެންޏާ ކޮންމެ މަގެއް ވެސް ރަނގަޅުވާނެ ބުނެ އުޅޭ އުސޫލުން އުޅުއްވުމެވެ. ފުޓްސަލް ދަނޑުތަކުގެ ބަދަލުގައި ބައިނަލް އަގްވާމީ މިންގަނޑަށް ފުޓްބޯޅަ ދަނޑުތައް އެޅުމުގެ މަސައްކަތް ފެއްޓެވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސުވާލު ސެޝަންތަކުގައި، ދަނޑުތައް އެޅުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް މަސައްކަތް ހަވާލުކުރައްވަމުން ގެންދަވާ ވާހަކަ އަށް ވެސް ކެރުންތެރިކަމާ އެކު ރައްދު ދެއްވި އެވެ. ވިދާޅުވަމުން ގެންދެވީ ދަނޑުތައް އަޅަމުން މިގެންދަނީ ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި އަތޮޅު ތެރޭގައި ވަށާޖެހޭނެ ގައުމީ ފެންވަރުގެ ފުޓްބޯޅަ ކުޅެވޭނެ ނިޒާމެއް ގާއިމްކުރުމަށް ކަމަށެވެ. ފުޓްބޯޅައިގެ ފޯރި އަލުން އާލަކޮށް ފުޓްބޯޅަ ދަނޑުތައް ފުރާލާ މުޅި ގައުމުގެ ފުޓްބޯޅަ އަށް އާރޯކަން ގެނެސްދެއްވުމުގެ މަގުސަދުގައި ކަމަށެވެ. ކޮން ފަދަ ވިސްނުންތޫނު ހިތްވަރު ހުންނެވި މިނިސްޓަރެއްތޯ އެވެ؟

މިފަދަ ފުޓްބޯޅަ ލީގެއް ރާއްޖެ ކަހަލަ ޖަޒީރާ ގައުމެއްގައި ހިންގާ އޮޕަރޭޓް ކުރުމަށް ހުރި ގޮންޖެހުންތަކާ ކުރިމަތިލާ އެ ހުރަސްތައް ނެތިކޮށްލާނެ ހިތްވަރު ހުރި އެއްވެސް ވަޒީރެއް ފުޓްބޯޅަ އާއިލާ އަށް ވޭދުވެދިޔަ ތަނުގައި ނުފެނެ އެވެ. އެހެން ހުއްޓާ މި ސަރުކާރުގެ ކުޅިވަރާ ބެހޭ ވަޒީރު އެކަމާ ކުރިމަތިލެއްވުމުން މުޅި އަތޮޅު ތެރޭގެ ފުޓްބޯޅަ އަށް ލޯބިކުރާ އެންމެހާ ޒުވާނުން ތިބީ އުފަލުންނެވެ. ވަޒީރުގެ އިހުލާސްތެރި މަސައްކަތަށް ޝުކުރުވެރިވާ ހާލު މި ހުވަފެން ހަގީގަތަށް ވާނެ ދުވަހަކަށް ކެތްމަދުވެފަ އެވެ.

އާ ފުޓްބޯޅަ ލީގު އެއީ ސައިބޯނި ބޮތްކެއްބާ؟

ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނާއި އެއްގޮތަށް، އެފްއޭއެމް އިން އެކުލަވާލި އާ ލީގަކީ އޭގޭ ޒާތުގައި އާ ލީގެއްކަމަށް ވެސް ގިނަ ބަޔަކަށް ގަބޫލެއް ނުކުރެވެ އެވެ. މި ވިސްނުމުގައި ވާހަކަ ދައްކާ ފަރާތްތައް އެ ވާހަކަ ދައްކަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ރަށްރަށަށް ނިސްބަތްވާ ގިނަ ޓީމުތަކަކަށް ލީގަށް ބާރުވެރިވުމުގެ ފުރުސަތު ކުޑަވާތީ އެވެ. ކުޑަ އާބާދީއަކަށް ލީގުގެ ބޮޑު ހިއްސާ ދީ، ބޮޑު އާބާދީ އަށް ކުޑަ ހިއްސާ ދެވޭ މައްސަލަ އެވެ. އެފްއޭއެމް އަށް ބަސްބުނެ ހިންގުމުގައި ވޯޓްލުމުގެ ހައްގު ދިނުމުގައި ތަފާތު ކުރުތަކެއް ހުންނާތީ އެވެ. އަދި އެހެންމެ ދަނޑުތައް ފުރާލުމަށް ސަރުކާރުންވީ ވައުދަށް ވާސިލްވުމުގައި ހުރަސްތަކެއް ހުރިކަން ފާހަގަ ވާތީ އެވެ.

ކަންމިހެން އޮތްކަން އެނގި ހުރެ ވެސް ކުޅިވަރާ ބެހޭ ވަޒީރު ގެންދެވީ ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ޓާފްދަނޑުތައް އަޅާ ފުޓްބޯޅައިގެ ވަސީލަތްތައް ތަރައްގީ ކުރެއްވުމުގައި އަވަދި ނެތި އެވެ. ކޮންޓްރެކްޓްތައް ހަވާލުކުރެއްވުމަށް ގާބިލް އަދި ޕްލެކްސިޕަލް ކޮންޓްރެކްޓަރުން ހޯއްދެވުމުގަ އެވެ. މިފަދަ ފުޓްބޯޅަ ލީގެއް ހިންގުމަށް ވާންޖެހޭ ތައްޔާރީތައްވުމުގައި އެފްއޭއެމް އޮތީ ވެސް މާ ފަހަތުގަ އެވެ. މީހުން ބިނާކުރުމާއި، ދަތުރުފަތުރު ކުރުމުގައި ކުރިމަތިވާނެ ގޮންޖެހުންތަކާއި، މިހެން ގޮސް ލީގެއް ހޯމް އެންޑް އަވޭ އުސޫލުން ހިންގުމަށް ބޭނުންވާނެ އިންސާނީ ވަސީލަތް އަދި ފައިސާ ޖެނެރޭޓް ކުރުމުގައި އެފްއޭއެމް އޮތީ ފަހަތު ފަޔަށް ބުރަވެ، ފިނިހަކަ ސްޕީޑުގަ އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް: އެ އެސޯސިއޭޝަން އޮތީ މާލީ ގޮތުން ނިކަމެތި ހާލަތެއްގައި. --ފޮޓޯ: ނިޝާން އަލީ/ މިހާރު

އެފްއޭއެމްގެ ރައީސް ބައްސާމް: އެ އެސޯސިއޭޝަން އޮތީ މާލީ ގޮތުން ނިކަމެތި ހާލަތެއްގައި. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ކަން މިހެން އޮއްވާ ދެން އިވިގެންދިޔައީ އެފްއޭއެމްގެ މާލީ ހާލަތު ބޮޑު ތަނުން ގޯސްވެ ބެންކްކްރަޕްސީއާ ދިމާލަށް ދަތުކުރަމުންދާ ހިތްދަތި ވާހަކަ އެވެ. އާ ފޯމެޓުގެ ދަށުން ހިންގުނު މުބާރާތަށް ތައްޔާރުގެ ވުމުގެ ދަށުން އަތޮޅުތެރޭގެ ޓީމްތައް ތައްޔާރުވުމުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައި ވަނީ ވަރަށް ފޯރީގައި ގިނަގުނަ ހަރަދުތަކެއް ކޮށްގެންނެވެ. އަދި ބައެއް ޒޯންތަކުގައި ކުރިއަށް ގެންދިޔަ މުބާރާތަށް ރާއްޖޭގެ މޮޅެތި ކޯޗުން ބޮޑު އަގުދީފައި ޓީމުތަކަށް ގެންދިޔަ އެވެ.

ދެން އިވުނީ، ހޯމް އެންޑް އަވޭ އުސޫލުން ލީގެއް ތައާރަފުކުރަން މި ސަރުކާރުން މެނިފެސްޓޯގައި ހިމެނި ހިމެނުމަށް އަމަލުކުރެވެން ނެތް ކަމަށް ވަޒީރު ވިދާޅުވި ވާހަކަ އެވެ. މަޖިލީހުގައި ވަޒީރު ވިދާޅުވީ އެކަމަށް ފައިސާ ނެތް ވާހަކަ އެވެ. އެހެންވެ އެކަން ކުރެވެން ނެތް ކަމެވެ.

މިވީ ގޮތުން އަތޮޅުތެރޭގައި ފުޓްބޯޅަ ކުޅެ ދިރިއުޅުން ބިނާކޮށް އާއިލާ އެކު ތިބެވޭނެކަމުގެ އުއްމީދުތައް ވަނީ ވިއްސިވިހާލިވެފަ އެވެ. ފުޓްބޯޅާއާ ދޭތެރޭގައި އޮތްފޯރި އަދި ލޯބި ނެތިގެން ގޮސް ފުޓްބޯޅައިގެ ކްރެޑިބިލިޓީ ގެއްލި ފުޓްބޯޅަ މައި އިދާރާއާ މެދު ބޮޑެތި މާޔޫސްކަން އުފައްދާފައިވާއިރު، މިއިން އެއްވެސް ކަމެއްގެ ކުޑަ ވެސް އިހުސާސެއް ކުޅިވަރު ވަޒީރަށް ކުރެވުނުތަނެއް ފެނިވަޑައެއް ނުގަތެވެ. އަތޮޅުތެރޭގެ ޓީމުތައް އަވާމެންދުރު ބަލަމުން މިފަހަރު ވެސް އެދަނީ އެ ޓީމުތަކުން ބޮޑެތި ހަރަދުތަކެއް ކުރުވައިފައި މި މައްސަލައަށް ޒިންމާދާރު ކުރުވާނެ ފަތާރެއް ނެތި ކުރިން ވެސް ތިބި މަގާމަށެވެ.

އަތޮޅު ތެރޭގައި ތިބި ފުޓްބޯޅަ ޓީމުތަކުގެ އުއްމީދުތައް ފެނަށްވެގެން ދާ މައްސަލަ ވަޒީރަކަށް ބޮޑުވެގެން އުޅުއްވާތަނެއް ނުފެނެ އެވެ. ވަޒީރު ކުރިން ދެއްކެވި ވާހަކަތައް ފަހަތުން އަރާ ހަމަކުރާނެކަމުގެ ހިލަމެއް ވެސް ނުވެ އެވެ. މިކަމުގެ މައްސަލަ ބަލައި ހައްލުކުރަން އުޅުމުގެ ބަދުލުގައި ދާދި ފަހުން އެ ދެއްވި ޖަވާބަކީ އަދި ވަރަށް ވެސް ހިތާމަވެރި ޖަވާބެކެވެ. އަތޮޅުތެރޭގެ ޓީމުތަކަށް އިހްތިރާމްކުރުމެއް ނެތްކަމުގެ ފުރިހަމަ މިސާލަކެވެ.

ރާއްޖޭގައި އަޅާފައިވާ ޓާފް ދަނޑެއް.

ރާއްޖޭގައި އަޅާފައިވާ ޓާފް ދަނޑެއް.

މިއޮތް ހުރިހާ ދުވަހު އަތޮޅުތެރޭގެ ޓީމުތަކުން ވަކާލަތު ކުރަމުން އައިސްފައިވާ މައްސަލަ އަށް ވެސް މި ސަރުކާރުގެ ކުޅިވަރާ ބެހޭ ވަޒީރު ކޮޅުފައިން ޖަހާ، ކުއްލިއަކަށް ހޯމް އެންޑް އަވޭ އުސޫލުން ފުޓްބޯޅަ ކުޅެވެން ނެތް ވާހަކަ ވިދާޅުވުމުން މުޅި ފުޓްބޯޅަ އާއިލާ މާޔޫސްވި އެވެ. އޭގެ ބަދަލުގައި އަމިއްލަ އަށް ދައްކަވަން ފެއްޓެވީ މުޅި ކުޅިވަރަށް އިންގާލީ ބަދަލެއް ގެނެސްދެވި ވާހަކަ އާއި ޓާފް ދަޑުތައް އަޅާލެއް ގިނަކަމުން ފީފާ ރައީސް ކޮސްކޮށްލި ވާހަކަ އެވެ. ފުޓްބޯޅަ މާލޭން ބޭރުކޮށް ކަން ހިނގާނެ މަގެއް ވަޒީރަކަށް ނުދެއްކުނެވެ. އެފްއޭއެމް އަށް އަތޮޅުތަކުގެ ފުޓްބޯޅަ ކުޅުންތެރިންގެ ހައްގުގައި ބަހެއް ބުނެލާން ވެސް ނުކެރުނެވެ.

އިންފަންޓީނޯ ހަމަކޮސްވީ ދަނޑު އެޅީމަތަ؟

ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ޓާފް ދަނޑުތައް ތަރައްގީކުރުމުގައި ދެފުށް ފެންނަ ސިޔާސަތެއްގެ ތެރެއިން، މި ސަރުކާރުން ހަމަ ގަގީގަތުގައި ވެސް އެއް ވަނަ ހޯދައިފި އެވެ. މި ހަގީގަތް އަޅުގަނޑުމެން ގަބޫލްކޮށް ކުޅިވަރާ ބެހޭ ވަޒީތަށް ޝުކުރު އަދާ ކުރުން ވެސް ހައްގެވެ. މަޝްރޫތައް ކުރިއަށް ގެންދިއުމުގައި ގާބިލް ޕްލެކްސިބަލް ކޮންޓްރެކްޓަރުން ޑިއު ޕްރޮސެސްގެ ތެރެއިން އައްޔަނުކޮށްފައިވާލެއް ފުރިހަމަކަމުންނެވެ. ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލާ ދަނޑުތައް އެޅުމުގައި އަވަދިނެތި އުޅުއްވަމުން ގެންދަވާތީ އެވެ. އެހެންނަމަވެސް ޓާފް ދަނޑުތަކުގެ ވާހަކަތަކަކީ ބައިނަލްއަގްވާމީ ފުޓްބޯޅަ އިދާރާތަކަށް އެހާ އާ ވާހަކަތަކެއް ކަމަށް ގަބޫލެއް ނުކުރެވެ އެވެ.

ފުޓްބޯޅައިގެ އިންފްރާސްޓްރާ ބިނާ ކުރުމަކީ އެ އިދާރާތުގެ މަސައްކަތުގެ ތެރޭގައި ހިމެނޭ އެއް މަސައްކަތަށް ވާތީ އެވެ. މިއީ މެމްބަރު ޖަމިއްޔާތަކާ ގުޅިގެން އެ އިދާރާތުން ތާއަބަދުމެ ހިންގަމުންދާ ޒާތުގެ މަޝްރޫތަކެކެވެ. މި މަޝްރޫތައް ހިންގުމުގައި ކޮރަޕްޝަންގެ އިނގިލި އެ އިދާރާތަކަށާއި އަދި މެމްބަރު އެސޯސިއޭޝަނަށް ދިއްކުރާލެއް ވެސް މަދެއް ނޫނެވެ. ކަރަޕްޝަންގެ އިނގިލި ގިނަ ފަހަރު ދިއްކުރުމުން އެކަމާ ކޮސްވެ ހުރެ އެ މަޝްރޫތައް ހުއްޓުވައި ތަހުގީގުކޮށް އަދި ބައެއް ފަހަރު މަޝްރޫ އަނބުރާ އަތުލާފައިވާކަން ވެސް ބައިނަލްއަގްވާމީ ފުޓްބޯޅަ އިދާރާތަކުގެ ރެކޯޑްތަކުގައި އާކައިވް ކުރެވިފައި އެބަހުއްޓެވެ.

ރާއްޖޭގައި ދަނޑުތައް އެޅުމުގައި ވެސް މި ޒާތުގެ އެތަކެއް ވާހަކަތަކެއް ހުރީ ތިލަވެ ދެކެވިފަ އެވެ. މިއީ އާ ވާހަކައެއް ނޫނެވެ. މިގޮތުން ކުޅިވަރާ ބެހޭ ވަޒީރާ އަމާޒުކޮށް ވެސް، މަޖިލީހުން މިކަހަލަ ސުވާލު އުފައްދާފައިވާކަން ފާހަގަކުރެވެ އެވެ. މިއީ މިފަދަ ބޮޑެތި މަޝްރޫތައް ހިނގާއިރު ކުރިމަތި ކުރުވާ ކަންކަމެވެ.

ކޮރަޕްޝަންގެ ތުހުމަތު ވަޒީރުގެ މައްޗަށް ތުހުމަތުކުރެވިފައިވާ ދަނޑިވަޅެއްގައި ފުޓްބޯޅައިގެ އިންފްރާސްޓްރަކްޗާ ޑިލޮޕްމަންޓް މަސައްކަތެއް ދެފުށް ފެންނަ ސިޔާސަތެއްގެ ތެރެއިން ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދަވާތީވެ، ފަހަރުގައި އެކަމަށްޓަކައި ފީފާގެ ރައީސް ކޮސްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ގަބޫލުކުރުމުގެ ޖާގަ އެބައޮތެވެ.

އެޑިޓަރުގެ ނޯޓު: އިބްރާހީމް އާމިރު (ސަލްސާ އާމިރު) އަކީ ކުރީގެ ފުޓްބޯޅަ ކުޅުންތެރިއެކެވެ. އަދި ފަހުން ފުޓްބޯޅައިގެ އިދާރީ ހިންގުމުގައި އިސްކޮށް އުޅުއްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާ ވަނީ އެފްއޭއެމްގެ އިންޓަރިމް އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުކަމާއި ގައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖަރުކަން ވެސް ކުރައްވައިފަ އެވެ. އަދި އަމިއްލަ ގޮތުން ފުޓްބޯޅައިގެ ކަންކަމަށް އެހީވެދެއްވަ އެވެ.