Roadha Mihaaru
އިންފޮމޭޝަން ކޮމިޝަނަރަކު އައްޔަން ނުކުރެވި ހުސްކަމެއް!

އިންފޮމޭޝަން ކޮމިޝަނަރަކު އައްޔަން ނުކުރެވި ގާނޫނީ ހުސްކަމެއް!

25 ސެޕްޓެމްބަރ 2019

އިންފޮމޭޝަން ކޮމިޝަނަރަކު އައްޔަންކުރަން ގާނޫނުގައި ބުނާ މުއްދަތު ހަމަވެ، އެ މުއައްސަސާ އަށް ގާނޫނީ ހުސްކަމެއް އަތުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އިންފޮމޭޝަން ކޮމިޝަނަރަކު އައްޔަންކުރަން ގާނޫނުގައި ބުނާ މުއްދަތު ހަމަވެ، އެ މުއައްސަސާ އަށް ގާނޫނީ ހުސްކަމެއް އަތުވެއްޖެ އެވެ.

ގާނޫނުގައި އޮންނަ ގޮތުން، އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމް ހުސްވާތާ ލަސްވެގެން 60 ދުވަހުގެ ތެރޭގައި އެ މަގާމަށް މީހަކު އައްޔަން ކުރަންވާނެ އެވެ. އެ މަގާމުގައި އެންމެ ފަހުން ހުންނެވީ އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރެވެ. އޭނާގެ މަގާމުގެ މުއްދަތު މިދިޔަ ޖުލައި 22 ވަނަ ދުވަހު ވަނީ ހަމަވެފަ އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި އެދޭ މައުލޫމާތު ނުލިބި ލަސްވަނީ ކޮމިޝަނަރަކު އައްޔަން ނުވެގެން ކަމަށް ބައެއް ފަރާތްތަކުން ހުށަހަޅާ ސިޓީތަކަށް ޖަވާބު ދީފައިވެ އެވެ.

އެ މަގާމަށް މިދިޔަ ޖުލައި މަހުގެ ތެރޭގައި ކުރިމަތިލާން ރައީސް އޮފީހުން ހުޅުވާލުމުން، ނުވަ ބޭފުޅަކު ކުރިމަތިލެއްވި އެވެ. އެ ނަންތައް މަޖިލީހަށް ފޮނުއްވި އިރު ރައީސް އިސްކަން ދެއްވި ތަރުތީބުގައި ހަތަރު ބޭފުޅަކު ހިމެނިވަޑައިގަންނަވަ އެވެ.

އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ކުރިމަތިލީ ބޭފުޅުންނާ މެދު އާއްމުންގެ ހިޔާލު ހޯދަން ރައްޔިތުންގެ މަޖިލީހުން މިދިޔަ މަހުގެ ތެރޭގައި ހުޅުވާލި އެވެ. އެކަމަކު މަޖިލީހުގެ ފުރަތަމަ ދައުރު ނިމި މިއީ ޗުއްޓީގެ މުއްދަތެވެ.

އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ރައީސް އިސްކަން ދެއްވި ލިސްޓުގައި ހިމެނިވަޑައިގަންނަވަނީ ހުސެއިން ފިޔާޒް މޫސާ އާއި އަހުމަދު ފަޔާޒް ހަސަން އާއި އަހުމަދު އާހިދު ރަޝީދުގެ އިތުރުން ފާތުމަތު ސައުޝަން އެވެ. އިންފޮމޭޝަން ކޮމިޝަނަރަކީ މީގެ ފަސް އަހަރު ކުރިން ފާސްކުރި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ މަގާމެކެވެ. އިންފޮމޭޝަން ކޮމިޝަރުގެ އޮފީހަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އުފެއްދި އޮފީހެކެވެ.