Roadha Mihaaru
ދައުލަތުން އިސްވެ މައުލޫމާތު ޝާއިއުކުރުން ދަށް:އައިކޮމް

ދައުލަތުން އިސްވެ މައުލޫމާތު ޝާއިއު ކުރާ މިންވަރު ވަރަށް ދަށް: އައިކޮމް

03 މާޗް 2024

ދައުލަތުގެ އިދާރާތަކުން އަމިއްލަ އިސް ނެގުމުގެ މަތިން މައުލޫމާތު ޝާއިއު ކުރާ މިންވަރު ވަރަށް ދަށް ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ދައުލަތުގެ އިދާރާތަކުން އަމިއްލަ އިސް ނެގުމުގެ މަތިން މައުލޫމާތު ޝާއިއު ކުރާ މިންވަރު ވަރަށް ދަށް ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން ބުނެފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ބައެއް މައުލޫމާތުތަކަކީ ދައުލަތުގެ އިދާރާތަކުން އަމިއްލަ އިސްނެގުމުގެ މަތިން ޝާއިއު ކުރަން ޖެހޭ މައުލޫމާތުތަކެކެވެ.

އައިކޮމް އިން ބުނީ ދައުލަތުން އެ މައުލޫމާތުތައް ޝާއިއު ކުރާ މިންވަރު ބެލުމަށްޓަކައި އެ އިދާރާ އާއި ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން މޮނިޓާ ކުރި އިރު 935 އިދާރާތަކުގެ ތެރެއިން ގާނޫނު ލާޒިމް ކުރާ ހުރިހާ މައުލޫމާތެއް ޝާއިއު ކޮށްފައި ވަނީ ހަތް އިދާރާއަކުން ކަމަށެވެ.

އެއީ ދެ ސިޓީ ކައުންސިލާއި ހަތަރު މިނިވަން މުވައްސަސާއަކާއި ޑްރަގް ކޯޓު ކަމަށް އައިކޮމް އިން ބުންޏެވެ.

މީގެ އިތުރުން މައުލޫމާތު ޝާއިއު ކުރުމަށް ވެބްސައިޓެއް ހުރީ 494 އިދާރާއެއްގައި ކަމަށާއި 47 ޕަސެންޓް އިދާރާތަކުގައި ވެބްސައިޓެއް ނެތް ކަމަށް އައިކޮމް އިން ބުންޏެވެ.

ވެބްސައިޓު އެންމެ މަދުން ހުރީ ސިއްހީ ހިދުމަތް ދޭ އިދާރާތަކުގައި ކަމަށާއި ސަރުކާރުގެ 22 ހޮސްޕިޓަލުގެ ތެރެއިން ވެބްސައިޓު ގާއިމް ކޮށްފައި ވަނީ ނުވަ ހޮސްޕިޓަލެއްގައި ކަމަށް އައިކޮމް އިން ބުންޏެވެ. އަދި 164 ސިއްހީ މަރުކަޒު ހިންގާ އިރު އެއްވެސް ތަނެއްގެ ވެބްސައިޓެއް ނުހުންނަ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

ސިޔާސީ ޕާޓީތަކުގެ ތެރެއިން ފަސް ޕާޓީއެއް މޮނިޓާ ކުރިއިރު މައުލޫމާތު ހާމަ ކުރާ މިންވަރު ދަށް ކަން ފާހަގަ ކުރެވޭ ކަމަށް ވެސް އައިކޮމް އިން ބުންޏެވެ.

އަދި މިނިސްޓްރީތަކުގެ ދަށުން ހިންގާ 53 އިދާރާއެއްގެ ތެރެއިން 40 އިދާރާއެއްގެ ވެބްސައިޓު ހުރި ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.