Roadha Mihaaru
ތޯމަސް ކުކް ބަނގުރޫޓުވިޔަސް ޓޫރިޒަމަށް އަސަރެއްނުކުރާނެ

ތޯމަސް ކުކް ބަނގުރޫޓު ވިޔަސް ޓޫރިޒަމަށް އަސަރުކުރިޔަކަ ނުދޭނަން: މިނިސްޓަރު

25 ސެޕްޓެމްބަރ 2019

ތޯމަސް ކުކް ބަނގުރޫޓުވުމާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމަށް އަސަރު ކުރިިޔަ ނުދޭނެ ކަަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ތޯމަސް ކުކް ބަނގުރޫޓުވުމާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމަށް އަސަރު ކުރިިޔަ ނުދޭނެ ކަަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިހާރުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ތޯމަސް ކުކްއަކީ ރާއްޖެ އަށް ގިނަ އަދަދެއްގެ ޓޫރިސްޓުން ގެންނަ ކުންފުންޏަކަށް ވިނަމަވެސް އޭގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް އަސަރު ނުކުރާނެ ގޮތްތައް ބަލަމުން އަންނަ ކަމަށެވެ. އެގޮތުން ކުރިއަށް ހުރި ޕްރޮޖެކްޓްތަކަށް ވިސްނާ އިތުރަށް މަސައްކަތް ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ސަރުކާރުން ޔަގީކުރަން މިހަރު ކުރާ ހުރިހާ ކަމަކީ ވެސް ރާއްޖޭގެ ޓޫރިޒަމަށް މިކަމުން ހީނަރުކަމެއް ނާންނާނެހެން ކުރަމުން އަންނަ ކަންތައްތައްކަން،" މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އެވެ.

ތޯމަސް ކުކް ބަނގުރޫޓުވެއްޖެ ކަމަށް އިއުލާން ކުރުމާ އެކު ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާއި މަޓީއާ ގުޅިގެން ޓޫރިސްޓުންނަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން މިހާރު އެ ކުންފުނި މެދުވެރިކޮށް ރާއްޖެ އަށް އައި ޓޫރިސްޓުންނަށް އެހީވުމަށް އެއާޕޯޓުގައި ހާއްސަ ޑެސްކެއް ބަހައްޓާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިފަދަ ކަންތައްތަކަކީ ކުއްލިއަކަށް ދިމާވާ ކަންތައްތަކެއް ކަމަށްވާތީ އެ މިނިސްޓްރީ އޮތީ އެކަމަށް ތައްޔާރަށް ކަމަށެވެ. ޓޫރިސްޓުންގެ މެދުގައި ރާއްޖެއަކީ އެހެން ގައުމުތަކާ ހިލާފަށް ނަމޫނާ ގައުމަކަށް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި އަންނަނީ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ތޯމަސް ކުކްގެ ޓޫރިސްޓުންނަށް އެހީތެރިކަން ފޯރުކޮށްދެމުން. އަޅުގަނޑުމެން މަސައްކަތް ކުުރަމުން މިއަންނަނީ ރާއްޖެއަކީ އެހެން ގައުމުތަކާ ހިލާފަށް މެހެމާންދާރީ އަދާކުރުމުގައި ނަމޫނާ ގައުމަކަށް ހަދަން. އަޅުގަނޑުމެން ބޭނުން ވަނީ އަދިވެސް އެ ޓޫރިސްޓުން ރާއްޖެ އަށް އަންނަ ހިތް ޖައްސަން." މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެ މިނިސްޓްރީން ތޯމަސް ކުކްގެ ފަސިންޖަރުންނަށް ފޯރުކޮށްދެމުން އަންނަ އެހީތެރިކަމުގައި ރާއްޖޭގެ ގިނަ ރިސޯޓުތަކުގެ އެހީ ވެސް ލިބެމުން އަންނަ ކަމަށެވެ. އެގޮތުން ބައެއް ރިސޯޓުތަކުގައި އެ ޓޫރިސްޓުންނަށް ހިލޭ ތިބެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ތޯމަސް ކުކް އިން ރާއްޖެ އަށް އައި ޓޫރިސްޓުންނަށް އެހީވުމަށް ޓޫރިޒަމް މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތުގައި ރިސޯޓުތަކުން ދެމުން އަންނަ އެއްބާރުލުމަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.