Roadha Mihaaru
ގައުމީ ޓީމު ކޮމިޓީއާ ގުޅެން އަދި ނުނިންމަން: މަހުލޫފް

ގައުމީ ޓީމު ކޮމިޓީއާ ގުޅޭކަށް އަދި ނުނިންމަން: މަހުލޫފް

23 ސެޕްޓެމްބަރ 2019

ގައުމީ ފުޓްބޯޅަ ޓީމުތަކުގެ ކަންކަމުގައި ލަފާދީ އެހީތެރިވެދޭން އެފްއޭއެމުން އެކުލަވާލި ފަސް މެމްބަރުންގެ ކޮމިޓީއާ ގުޅެން އަދި މުޅިން ނުނިންމަވާ ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ވިދާޅުވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ގައުމީ ފުޓްބޯޅަ ޓީމުތަކުގެ ކަންކަމުގައި ލަފާދީ އެހީތެރިވެދޭން އެފްއޭއެމުން އެކުލަވާލި ފަސް މެމްބަރުންގެ ކޮމިޓީއާ ގުޅެން އަދި މުޅިން ނުނިންމަވާ ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެފްއޭއެމުން އާންމުކުރި ކޮމިޓީގައި ސްޕޯޓްސް މިނިސްޓަރު މަހުލޫފްގެ އިތުރުން ދެން ހިމެނިވަޑައިގަންނަވަނީ ޓޫރިޒަމް މިނިސްޓަރު އަދި މި ސަރުކާރުގައި އެކްޓިން ސްޕޯޓްސް މިނިސްޓަރުގެ މަގާމު ފުރުއްވި އަލީ ވަހީދުގެ އިތުރުން އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އަދި ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދެވެ.

މި ކޮމިޓީގައި ކެބިނެޓްގެ ދެ މެމްބަރުން ހިމެނޭތީ ފުޓްބޯޅައިގެ ގިނަ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ދަށަށް ގޮސްފައިވާ ދަނޑިވަޅެއްގައި ގައުމީ ޓީމަށް ލަފާދޭ ކޮމިޓީއެއްގައި މިނިސްޓަރުން ތިއްބެވުމުން ސިޔާސީ ކުލަ ޖެހުމުގެ ފުރުސަތު އޮންނާނެ ކަމަށް ފާޑު ކިޔާ މީހުން ބުނެ އެވެ. އަދި ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ކްލަބްތައް ބިކަވެފައި އޮތް ދަނޑިވަޅެއްގައި ގައުމީ ޓީމު ރަނގަޅު ކުރުމަކީ ވާނެ ކަމެއް ނޫން ކަމަށް ވެސް ގިނަ ފަރާތްތަކުން ވަނީ ބުނެފަ އެވެ.

އެ ފާޑުކިޔުންތަކާ އެކު ވެސް، އެފްއޭއެމުން އެކުލަވާލި ކޮމިޓީގައި ބައިވެރިވެވަޑައިގަތުމާ މެދު ސްޕޯޓްސް މިނިސްޓަރު މިހާތަނަށް ކޮމެންޓެއް ނުކުރައްވަ އެވެ. ތިން ރަށެއްގައި އަޅާ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް މަސައްކަތް އެމްޓީސީސީއާ ހަވާލުކުރަން ޔޫތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ނޫސްވެރިއަކު ކުރި ސުވާލަކާ ގުޅިގެން މިނިސްޓަރު ވިދާޅުވީ ކޮމިޓީގައި ހިމެނުމާ މެދު ވަކި ގޮތެއް އަދި ނުނިންމަވާ ކަމަށެވެ.

މަހުލޫފް ވިދާޅުވީ އެފްއޭއެމްގެ ރައީސް ބައްސާމް އެދިވަޑައިގަތީ ފުޓްބޯޅަ މިހާރު އޮތް ހާލަތުން ރަނގަޅުކުރަން ބައިވެރިވެދޭން ކަމަށާއި އެކަމަކު ފުޓްބޯޅަ އާއި ކުޅިވަރުގެ ގިނަ ބައެއްގެ ކަންބޮޑުވުންތައް މިހާތަނަށް އައިސްފައިވާ ކަމަށެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ޖަވާޒް (ކ) އާއި އެފްއޭއެމްގެ ރައީސް ބައްސާމް (މ) އަދި ސްޕޯޓްސް މިނިސްޓަރު މަހުލޫފް (ވ).-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ޖަވާޒް (ކ) އާއި އެފްއޭއެމްގެ ރައީސް ބައްސާމް (މ) އަދި ސްޕޯޓްސް މިނިސްޓަރު މަހުލޫފް (ވ).-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"އަޅުގަނޑު ގަބޫލުކުރަން އެ ކަންބޮޑުވުން. އަޅުގަނޑަކީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމެއް އެންމެ ބޮޑު ކާމިޔާބު ހޯދިއިރު ޓީމުގެ މެނޭޖަރަކަށް ހުރި މީހެއް. އަޅުގަނޑަކީ ރާއްޖޭގެ ޖޫނިއާ ގައުމީ ޓީމާއި ކްލަބްތަަކަށް ފުޓްބޯޅަ ކުޅެފައި ހުރި މީހެއް. ޓީމުތަކަށް ކޯޗުކޮށްދީފައި ހުރި މީހެއް. އެ ކެޕޭސިޓީގެ ދަށުން އެޑްވައިޒަރެކޭ ކިޔާފައި އަޅުގަނޑު މި ދަނީ. އެކަމު ކަންބޮޑުވުން އެބަހުރި. އަޅުގަނޑުމެން ބައްސާމުމެންނާ ވެސް ވާހަކަ ދައްކާލިން،" މަހުލޫފް ވިދާޅުވި އެވެ.

ފުޓްބޯޅައިގެ މިހާރުގެ ހާލަތާއި ގައުމީ ޓީމަށް ލަފާދޭ ކޮމިޓީ އަށް އިޝާރާތްކުރައްވައި ކޮމިޝަނާ އޮފް ސްޕޯޓްސް ހީނާ އަހުމަދު ސަލީމް ފޭސްބުކްގައި ލިޔުއްވާފައިވަނީ "ކްލަބެއް ނެތް، ލީގެއް ނެތް، ފުޓްބޯޅަ ނެތް، ގައުމީ ޓީމެއް ނެތް، ދެން ކީއްކުރާ ކޮމިޓީއެއް؟" މިހެންނެވެ. މަހުލޫފް ވިދާޅުވީ ހުރި މަގާމުގެ ގޮތުން ނުރަނގަޅު ވާހަކައެއް ހީނާ ޓްވީޓް ނުކުރައްވާނެ ކަމަށާއި ޖެހޭނީ އެކަން އޮޅުންފިލުވަން ކަމަށެވެ.

ސަރުކާރުން ހަރަދުކުރާ ކްލަބްތަކަކަށް މި އަހަރުގެ އޭއެފްސީ ކަޕުން ފުރުސަތު ނުލިބުނު މައްސަލައެއް ބަލަން މި އަހަރު ކުރީކޮޅު މިނިސްޓަރު މަހުލޫފު އުޅުއްވުމުން، ފީފާ އިން ރާއްޖެ ސަސްޕެންޑްކޮށްފާނެ ކަމުގެ އިންޒާރުތައް ދިނެވެ. އެ ކާޑުގެ ބޭނުންކޮށް އެފްއޭއެމުން އޭރު މިނިސްޓަރު މަހުލޫފު ހުއްޓުވީ، އޭނާގެ އެއްބާރުލުމާ އެކު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އިސްވެ އޮވެ، އެފްއޭއެމްގެ ވެރިން މަގާމުން ދުރުކުރަން އުޅޭތީ އެވެ.

މިނިސްޓަރު މިއަދު ވިދާޅުވީ އެފްއޭއެމްގެ ލީޑަޝިޕާ މެދު ކުރިން އޮތް ކަންތައްތައް ހިފައިގެން ކުރިއަށްދާ ނަމަ އެއިން ރާއްޖޭގެ ފުޓްބޯޅަ އަށް ކުރާނެ ފައިދާއެއް ނެތް ކަމަށެވެ.

"އަޅުގަނޑާ ދިމާލަށް މި ބުނަނީ ބައްސާމާ ކުރީގައި ވަރަށް ދެކޮޅޭ. މިހާރު މިއީ އެ ވާހަކައެއް ނޫން މި ދައްކަނީ. އަޅުގަނޑަށް ހީވަނީ އަދި އެފްއޭއެމްގެ އިންތިހާބަށް ވެސް އެބައޮތް ގާތްގަނޑަކަށް ދޮޅު އަހަރު. ދެން އަބަދު ރުޅި އައިސްގެން ހިތްހަމަނުޖެހިފައޭ ކިޔާފައި ކިހިނެއްހޭ އަބަދު ތިބޭނީ. އަޅުގަނޑު ކައިރީގައި އެހީ އަށް އެދުނީމަ އެ ކަމަށް އެހީތެރިކަން ފޯރުކޮށްދޭން މި އުޅެނީ. އިތުރު އެއްވެސް ކަމެއް މިއަކު ނެތް،" މަހުލޫފް ވިދާޅުވި އެވެ.

އެފްއޭއެމުން ކުރި ޓްވީޓް.--

މަހުލޫފު ވަނީ އެފްއޭއެމް ލީޑަޝިޕް ބަދަލުކުރަން ސަރުކާރަށް އެކަމުގައި އެއްބާރުލުން ނުދޭ ނަމަ ކްލަބްތަކަށް ފައިސާ ނުދޭނެ ކަމުގެ ނުސީދާ އިންޒާރެއް ވެސް އޭރު ދެއްވައިފަ އެވެ.

މިނިސްޓަރު މިއަދު ވިދާޅުވީ ކްލަބްތަކަށް ސަރުކާރުގެ ކުންފުނިތައް މެދުވެރިވެގެން ކުރިން ދެމުން އައި އެސްއޯއީގެ އެހީ ނުދޭތީ ފާޑުކިޔުންތައް ވެސް އަމާޒުވަމުން އަންނަ ކަމަށާއި އެކަމަކު ކްލަބްތަކުން އެފްއޭއެމުން ދޭ ފައިސާގެ އެހީގައި ކުރިއަށްދާން ނިންމުމަކީ އެ ޓީމުތަކުގެ ނިންމުމެއް ކަމަށެވެ.

"ކްލަބްތަކުން ބޭނުންވީ އެފްއޭއެމްއާ ބައިވެރިވެގެން އެފްއޭއެމްގެ ބަޖެޓްގެ ތެރެއިން އެ ލާރި ހޯދަން. އެ މީހުން ބޭނުންވި ގޮތަށް އެ މީހުން ދިޔައީ. މިއަދު ވެސް އަޅުގަނޑު ގަބޫލެއް ނުކުރަން. ހަމަގައިމުވެސް ނިންމާކަށް ވެސް ބޭނުމެއް ނޫން ކްލަބްތަކަށް ތިން މިލިއަން ރުފިޔާ ދީގެން ރާއްޖޭގެ ފުޓްބޯޅަ ހިންގާކަށް. ދައުލަތުން ކްލަބްތަކަށް ތިން މިލިއަން ރުފިޔާ ދީގެނެއް ނޫން މީގެ ކުރިން ވެސް ރާއްޖޭގެ ފުޓްބޯޅަ މުބާރާތްތައް ކުރިއަށްގެންގޮސްފައި ހުރީ. (ކުރިން ކުރި ގޮތަށް) އެކަން ކުރެވޭނެ މިއަދު ވެސް. އެހެން މައްސަލަތަކެއްގެ ތެރެއިން ދިމާވެގެން އުޅޭ ކަމެއް މިހާރު އެއީ. މި އަހަރު ވެސް ކްލަބްތަކަށް ދެ ލައްކަ ރުފިޔާ ދިނިން. ކުރިން ދެމުން އައި ދެ ލައްކަ ރުފިޔާ އާއި ކޯޗުގެ މުސާރަ ދިނިން. މި ވެސް އެހީނޫންތޯ،" މަހުލޫފް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުން ކްލަބްތަކަށް ފައިސާ ދޭނެ ކަމުގެ ޔަގީންކަމެއް ދެއްވާފައި ނުވާނެ ކަމަށެވެ.

"އަޅުގަނޑުމެން ނޯންނާނެ އެއްވެސް ކްލަބަކަށް ލާރި ދޭނެ ކަމަށް ޔަގީންކަން ދީފައެއް. އެކަމު އަޅުގަނޑުމެން އޭރު އެފްއޭއެމް ކަންތައްތައް އުޅުނުއިރު އަޅުގަނޑުމެން ބުނެފައި އޮންނާނެ އެ އިންތިހާބުގެ ނަތީޖާ ނުކުންނަ ގޮތަކަށް ބަލާފައި އެސްއޯއީ ކަންތަކުގައި މަޝްވަރާއަކަށް ދާނަމޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ކުޅުންތެރިންގެ މުސާރަ ނުދޭތީ، ރާއްޖޭގެ އެންމެ ކާމިޔާބު ކްލަބް ނިއު ރޭޑިއަންޓް ސަސްޕެންޑްކޮށްފައިވާއިރު، މިނިސްޓަރު ވިދާޅުވީ ކްލަބްތައް އެހާލަތަށް ވެއްޓުނީ އަމިއްލަ އަށް ހެދުނު ގޯސްތަކުން ކަމަށާއި އެކަންތައްތަކުގެ ޒިންމާ ސަރުކާރަށް އުފުލޭނެ ގޮތެއް ނެތް ކަމަށެވެ. އަދި ސަރުކާރުގެ ވެސް ބަސް ހިނގާ ކޮމިޓީއެއް އޮވެއްޖެ ނަމަ އެކަމަށް ހައްލެއް ހޯދުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު (ވ) އާއި އެފްއޭއެމްގެ ރައީސް ބައްސާމް.-- ފޮޓޯ: ހާފްކޯޓްއެމްވީ/ އަބްދުﷲ އަބީދު

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު (ވ) އާއި އެފްއޭއެމްގެ ރައީސް ބައްސާމް.-- ފޮޓޯ: ހާފްކޯޓްއެމްވީ/ އަބްދުﷲ އަބީދު

"އަޅުގަނޑު ބޭނުން ނިއު ރޭޑިއަންޓް ސަލާމަތްކޮށްދެވޭނީ ކޮން ގޮތަކުންތޯ ބަލަން. އެކަމަކު ބަަޔަކު ހިންގާފައި އޮތް ޖަރީމާއެއް ގޮތަށް މިހާރު އެކަން މި އޮތީ. އަޅުގަނޑަށް މައުލޫމާތު ލިބޭގޮތުގައި ފަސް ވަރަކަށް މިލިއަން ރުފިޔާ އެބައޮތް. އެ ޒިންމާ ކިހިނެއްތޯ ސަރުކާރުން ނަގާނީ. އަޅުގަނޑަށް ގަބޫލުކުރެވުނީ މި ކޮމިޓީއެއް އޮތީމަ އެ ވާހަކަ ވެސް ދެއްކޭނެ ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

މަހުލޫފް ވިދާޅުވީ އެފްއޭއެމާ އެކު މިހާރު ބާއްވާ މަޝްވަރާތަކާއި ސަރުކާރުގެ ރިޔާސީ ވައުދުތަކާ އެއްގޮތަށް މުޅި ރާއްޖޭގެ އެކި ހިސާބުތަކުގައި ފުޓްބޯޅަ ދަނޑުތައް ތަރައްގީކުރުމުގެ ބޭނުމަކީ ހޯމް އެންޑް އަވޭ އުސޫލަށް ލީގެއް މުޅި ރާއްޖޭގައި ކުރިއަށްގެންދިއުން ކަމަށާއި އެއީ މި ސަރުކާރުން ފުޓްބޯޅައިގައި ކުރަހާލަން ބޭނުންވާ ތަސައްވުރު ކަމަަށެވެ.

"މާލޭން ފުޓްބޯޅަ އެބަޖެހޭ ނުކުންނަން. ގަލޮޅު ދަނޑަކީ ފުޓްބޯޅައިގެ ފޯކަސް އަށް ވެފައި އޮތް އޮތުން ނިމުމަކަށް ގެންނަންވީ އެކަން ހިންގަންވީ މުޅި ރާއްޖޭގައި ހޯމް އެންޑް އަވޭ އުސޫލުން ދާންވީ. ގައުމީ ޓީމުތަކަށް އޭގެއިން ކުޅުންތެރިން ނަގަންވީ. ރާއްޖޭގެ ރަށްރަށުގައި ފުޓްބޯޅަ ފޯރި އޮތްވަރު އަޅުގަނޑުމެންނަށް އެބަފެނޭ." މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގެ ފުޓްބޯޅަ ދަނޑުތައް ފުރާލުމުގެ ވައުދު ފުއްދުމަށް މަސައްކަތްކުރާއިރު، އެކަން ކުރާނީ މުޅި ރާއްޖެ ޝާމިލުވާގޮތަށް ކަމަށް ސްޕޯޓްސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.