Roadha Mihaaru
ބާސެލޯނާގެ އަންސޫ ފާޓީ އަށް ސްޕެއިންގެ ރަށްވެހިކަން

ބާސެލޯނާގެ އަންސޫ ފާޓީ އަށް ސްޕެއިންގެ ރަށްވެހިކަންދީފި

21 ސެޕްޓެމްބަރ 2019

މެޑްރިޑް (ސެޕްޓެމްބަރު 21) - ބާސެލޯނާގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ޒުވާން ތަރި އަންސޫ ފާޓީ، ސްޕެއިން ގައުމީ ޓީމަށް ކުޅުވަން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އޭނާ އަށް އެ ގައުމުގެ ރަށްވެހިކަން ދީފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެޑްރިޑް (ސެޕްޓެމްބަރު 21) - ބާސެލޯނާގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ޒުވާން ތަރި އަންސޫ ފާޓީ، ސްޕެއިން ގައުމީ ޓީމަށް ކުޅުވަން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އޭނާ އަށް އެ ގައުމުގެ ރަށްވެހިކަން ދީފި އެވެ.

ސްޕެއިނުގެ ކޯޗު ރޮބާޓޯ މޮރޭނޯގެ އެދުމަށް ސްޕެއިނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ކުރި މަސައްކަތުގައި، އުމުރުން 16 އަހަރުގެ އަންސޫ ފާޓީ އަށް ސްޕެއިނުގެ ރަށްވެހިކަން ދިނީ އޮންނަ އުސޫލުގެ ތެރެއިން، އެކަމުގައި އޮންނަ އެންމެ އަވަސް އުސޫލުންނެވެ. އެކަން ކުރީ ސްޕެއިނުގެ ޖަސްޓިސް މިނިސްޓަރުގެ ވަރަށް ބުރަ މަސައްކަތުން ކަމަށް ސްޕެއިން ސަރުކާރުގެ ތަރުޖަމާނު މީޑިއާގައި ވަނީ ވިދާޅުވެފަ އެވެ.

ޕޯޗުގީސް ކޮލޮނީއެއްގެ ގޮތުގައި މީގެ ކުރިން އޮތް ގިނީ ބިސާއު އަންނަނީ 1986 ވަނަ އަހަރު ފީފާގެ މެމްބަރުކަން ހޯދައި ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކުރަމުންނެވެ. ގިނީ ބިސާއު އާއި ޕޯޗުގަލް އިން ވެސް އަންސޫ ފާޓީ އެ ގައުމަށް ކުޅުވަން ބޭނުންވި އެވެ. ބެލެވޭ ގޮތުގައި ސްޕެއިން ސަރުކާރުން އަންސޫ ފާޓީ އަށް ރަށްވެހިކަން ދިނުމުގެ ކަންތައްތައް އަވަސްކުރީ އެހެން ގައުމުތަކުން ވެސް އޭނާ އަށް ހުށަހެޅުންތައް އަންނާތީ އެވެ.

ސްޕެއިނުގެ ސަރުކާރުގެ މި ނިންމުމާ އެކު، ގިނީ ބިސާއު އަށް އުފަން އަންސޫ ފާޓީ އަށް އަންނަ މަހު ބްރެޒިލްގައި އޮންނަ 17 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ސްޕެއިން ޓީމަށް ކުޅެވޭނެ އެވެ. އެ މުބާރާތުގައި އަންސޫ ފާޓީގެ ކުޅުން ބެލުމަށް ފަހު މިހާރު ކުރިއަށްދާ ޔޫރޯ ކޮލިފައިންގައި އޭނާ އަށް ފުރުސަތުދޭން ސްޕެއިނުގެ ކޯޗު މޮރޭނޯ ބޭނުންވާ ކަމަށް އޭނާއާ ހަވާލާދީ ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓްކުރެ އެވެ.

އުމުރުން އެންމެ ހަ އަހަރުގައި އާއިލާއާ އެކު ސްޕެއިނަށް ދިރިއުޅުން ބަދަލުކުރި އަންސޫ ފާޓީ އެންމެ ފުރަތަމަ ކުޅުނީ ހެރޭރާ ކިޔާ ޔޫތު ޓީމަކަށެވެ. އޭގެ ފަހުން ސެވިއްޔާ ޓީމަށް ވެސް ކުޅުމަށް ފަހު ބާސެލޯނާ އަށް ބަދަލުވީ 2012 ވަނަ އަހަރު އެވެ. އޭގެ ފަހުން ޔޫތު މުބާރާތްތަކުގައި އޭނާ ދެއްކި ކުޅުމަށް ބާސެލޯނާގެ މަޝްހޫރު އެކެޑަމީ ލަ މާސިއާގެ ކޯޗުން ވެސް ވަނީ ތައުރީފުކޮށްފަ އެވެ. އަދި މި ސީޒަނުގައި ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ އިސްވެ އަންސޫ ފާޓީ އަށް ދެމުން އަންނަ ފުރުސަތުތަކުގައި އޭނާ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.

ބާސެލޯނާގެ ތާރީހުގައި އެ ކްލަބަށް ގޯލު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާ އެވެ. ޗެމްޕިއަންސް ލީގުގައި ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ކުޅުނު އަންސޫ ފާޓީ ވަނީ މިހާތަނަށް ސްޕެނިޝް ލީގުގައި ކުޅުނު ތިން މެޗުން ދެ ގޯލު ޖަހައިފަ އެވެ.