Roadha Mihaaru
ފާޓީ އެނބުރި ދަނޑަށް އަންނާނީ ހަތަރު މަސް ފަހުން

ފާޓީ އެނބުރި ދަނޑަށް އަންނާނީ ހަތަރު މަސް ފަހުން

10 ނޮވެމްބަރ 2020

ބާސެލޯނާ (ނޮވެމްބަރު 10) - ކަކުލަށް ސީރިއަސް އަނިޔާއެއް ލިބިފައިވާ ބާސެލޯނާގެ ޒުވާން ތަރި އަންސޫ ފާޓީ އަށް އެނބުރި ކުޅުމަށް އާދެވޭނީ ހަތަރު މަސް ފަހުން ކަމަށް އެ ކްލަބުން ބުނެފި އެވެ.

ބާސެލޯނާ (ނޮވެމްބަރު 10) - ކަކުލަށް ސީރިއަސް އަނިޔާއެއް ލިބިފައިވާ ބާސެލޯނާގެ ޒުވާން ތަރި އަންސޫ ފާޓީ އަށް އެނބުރި ކުޅުމަށް އާދެވޭނީ ހަތަރު މަސް ފަހުން ކަމަށް އެ ކްލަބުން ބުނެފި އެވެ.

ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހު 5-2 އިން ރެއާލް ބެޓިސް އަތުން ބާސެލޯނާ މޮޅުވި މެޗުގައި ފާޓީގެ ވާތު ކަކުލުގެ މެނިސްކަސް އަށް ލިބުނު ސީރިއަސް އަނިޔާގެ ސަބަބުން ވަގުތުން އޭނާ ބަދަލުކުރި އެވެ. އަދި ސްޕެޝަލިސްޓަކަށް ދައްކައި ވީ އެންމެ އަވަހަށް ވަނީ އޮޕަރޭޝަން ކޮށްފަ އެވެ. އޮޕަރޭޝަނަށް ފަހު އުމުރުން 18 އަހަރުގެ ފާޓީ ފިޓްވާން ހަތަރު މަސް ނަގާނެ ކަމަށް އެ ކްލަބުން ބުނި ނަމަވެސް އެ މުއްދަތް އިތުރުވުމުގެ ފުރުސަތު ވެސް އެބައޮތެވެ.

ބާސެލޯނާގެ މަޝްހޫރު ސާޖަން އަދި ގިނަ ފުޓްބޯޅަ ކުޅުންތެރިންތަކެއްގެ އޮޕަރޭޝަންތަކެއް ކޮށްފައިވާ ޑރ ރަމޯން ކުގާޓްއާ ހަވާލާދީ ސްޕެއިނުގެ ރޭޑިއޯ އިން ރިޕޯޓްކުރި ގޮތުގައި ފަހުން ކުރި ސްކޭނުން ދައްކާގޮތުގައި ފާޓީ އަށް ލިބުނު އަނިޔާ ފުރަތަމަ ހީކުރި ވަރަށް ވުރެން ސީރިއަސްކަން ކުޑަ އެވެ. އެންމެ ފުރަތަމަ ބެލެވުނީ ފާޓީ އަށް މި ސީޒަނުގައި ދެން ނުކުޅެވޭނެ ކަމަށް ކަމަށާއި އެކަމަކު މިހާރު އޮތްގޮތުން އޭނަގެ ރިހެބިލިޓޭޝަނުގައި އިތުރު ގޯސް ކަންތައްތަކެއް ފާހަގަނުކުރެވިއްޖެނަމަ މި ސީޒަނުގައި އޭނާ އަދި ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް ކުގާޓް ވަނީ ބުނެފަ އެވެ.

މި ސީޒަނުގައި ރޮނާލްޑް ކޫމަންގެ ކޯޗުކަމުގައި ފާޓީ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. ސީޒަންގެ މިހާތަނަށް އޭނާ ކުޅުނު 10 މެޗުގައި ހަ ގޯލު ޖަހައި ދެ ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނެވެ.

ފާޓީ އަށް އަނިޔާވުމަކީ ބާސެލޯނާގެ އިތުރުން ސްޕެއިން ގައުމީ ޓީމަށް ވެސް ލިބުނު ގެއްލުމެކެވެ. އަނިޔާގެ ސަބަބުން ފާޓީ ވަނީ ސްޕެއިނުގެ ސްކޮޑުން ބާކީކޮށްފަ އެވެ. ސްޕެއިނުގެ ކޯޗު ލުއިސް އެންރީކޭ ވަނީ ވަރުގަދަކޮށް އެނބުރި އަންނަން ފާޓީ އަށް ހިތްވަރު ދީފަ އެވެ. ސްޕެއިނަށް މިދިޔަ އަހަރު ރަށްވެހިކަން ބަދަލުކުރި ފާޓީ އަންނަނީ ފަހަކަށް އައިސް ސްޕެއިން ގައުމީ ސީނިއާ ޓީމުން ދޭ ކޮންމެ ފުރުސަތެއްގެ ބޭނުން ހިފަމުންނެވެ. އޭނާގެ އެންމެ ބޮޑު އަމާޒަކަށް ވާނީ ކުޅުމަށް އެނބުރި އައިސް ބާސެލޯނާއާ އެކު ކާމިޔާބު ސީޒަނެއް ފުރިހަމަކޮށް އަންނަ އަހަރު ބާއްވާ ޔޫރޯގައި ސްޕެއިނާ އެކު ވާދަކުރުމެވެ.