Roadha Mihaaru
ޔަމާލް، 16 އަހަރުގައި ޔޫރަޕް ފުޓްބޯޅައިގެ ރެކޯޑެއް

ބާސާއަށް ކުޅޭ ސްޕެއިންގެ ޔަމާލް، 16 އަހަރުގައި ޔޫރަޕް ފުޓްބޯޅައިގެ ރެކޯޑެއްް

10 ސެޕްޓެމްބަރ 2023

ޖޯޖިއާ (ސެޕްޓެމްބަރު 9) - ޔޫރޯ ކޮލިފައިންގައި ސްޕެއިން އިން 7-1 އިން ޖޯޖިއާ ބަލިކުރި މެޗުގައި ބަދަލު ކުޅުންތެރިއެއް ގޮތުގައި ކުޅެން ނުކުމެ ގޯލު ޖަހައި، ބާސެލޯނާއަށް ކުޅޭ ސްޕެއިންގެ ލަމީން ޔަމާލް، 16 އަހަރުގައި ރެކޯޑްތަކެއް މުގުރާލައިފި އެވެ.

ޖޯޖިއާ (ސެޕްޓެމްބަރު 9) - ޔޫރޯ ކޮލިފައިންގައި ސްޕެއިން އިން 7-1 އިން ޖޯޖިއާ ބަލިކުރި މެޗުގައި ބަދަލު ކުޅުންތެރިއެއް ގޮތުގައި ކުޅެން ނުކުމެ ގޯލު ޖަހައި، ބާސެލޯނާއަށް ކުޅޭ ސްޕެއިންގެ ލަމީން ޔަމާލް، 16 އަހަރުގައި ރެކޯޑްތަކެއް މުގުރާލައިފި އެވެ.

ފުރަތަމަ ހާފު ނިމެނިކޮށް ޑެނީ އޮލްމޯގެ ބަދަލުގައި ކުޅެން ނުކުމެ، އުމުރުން 16 އަހަރާއި 57 ދުވަހުގައި ޔަމާލް ވެފައި ވަނީ ސްޕެއިން ގައުމީ ޓީމަށް މެޗެއް ކުޅެދީ، ގޯލެއް ކާމިޔާބުކުރި އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ.

ޔަމާލް ގޯލު ޖެހީ 74 ވަނަ މިނިޓުގައި ނިކޯ ވިލިއަމްސް ނަގައިދިން ހުރަހަކުންނެވެ. އެއީ ސްޕެއިން ޓީމުން މެޗުގައި ޖެހި ހަތްވަނަ ގޯލެވެ. މި މެޗުގައި އަލްވާރޯ މޮރާޓާ ތިން ގޯލު ޖަހައި ހެޓްރިކް ހެދިއިރު، އޮލްމޯ އާއި ނިކޯ ވިލިއަމްސް ވެސް ގޯލެއް ޖެހި އެވެ. އެއް ގޯލަކީ ޖޯޖިއާ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

މީގެ ކުރިން ސްޕެއިން ޓީމަށް ކުޅުނު އެންމެ ހަގު ކުޅުންތެރިއަކީ 2021 ވަނަ އަހަރު، އުމުރުން 17 އަހަރާއި 62 ދުވަހުގައި ކުޅުނު ބާސެލޯނާގެ ގަވީ އެވެ. އަދި މިދިޔަ އަހަރު، އުމުރުން 17 އަހަރާއި 304 ދުވަހުގައި ގޯލު ޖަހައިގެން ސްޕެއިން ގައުމީ ޓީމަށް އެންމެ ހަގު އުމުރުގައި ގޯލު ޖެހުމުގެ ރެކޯޑް ވެސް މީގެ ކުރިން އޮތީ ގަވީ އަތުގަ އެވެ.

މެޗުގައި ގޯލު ޖަހައިގެން ޔަމާލް ވަނީ ޔޫރޯ ކޮލިފައިންގެ ތާރީހުގައި ވެސް ގޯލު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް ހަދައިފަ އެވެ. އޭނާ މުގުރާލީ، 17 އަހަރާއި 83 ދުވަހުގައި ގޯލު ޖަހައިގެން، ވޭލްސްގެ ލެޖެންޑް ގެރެތު ބޭލް ހަދާފައިވާ ރެކޯޑެކެވެ.

"ފުރަތަމަ މެޗާއެކު ފުރަތަމަ ގޯލު ޖެހުމުން ވަރަށް އުފާވޭ. ހުވަފެނީ ދުނިޔެއެއްގައި އުޅެވޭ ފަދަ އިހުސާސެއް ކުރެވެނީ. ޓީމް ކުޅުންތެރިންނާއި ކޯޗު އަހަރެންނަށް އިތުބާރުކޮށް މި ފުރުސަތު ދިނީތީ ޝުކުރުވެރިވަން،" ރެކޯޑް ހެދި މެޗަށް ފަހު ވާހަކަ ދައްކަމުން ޔަމާލް ބުންޏެވެ.

ޔަމާލްގެ ބައްޕައަކީ މޮރޮކޯގެ ރައްޔިތެކެވެ. އަދި މަންމައަކީ އެފްރިކާގެ އިކުއެޓޯރިއަލް ގިނީގެ ރައްޔިތެކެވެ. ނަމަވެސް ޔަމާލްގެ ނިންމުމަކަށް ވީ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި އޭނާގެ އުފަން ގައުމު ސްޕެއިން ތަމްސީލު ކުރުމެވެ.

ބާސެލޯނާގެ އެކަޑަމީން ތަމްރީނުވެގެން، އޭނާ ވަނީ މިދިޔަ ސީޒަންގައި ކްލަބްގެ ސީނިއާ ޓީމުން ޖާގަ ހޯދައި ކުޅެން ފަށައިފަ އެވެ. މިދިޔަ ސީޒަންގައި އޭނާ ބާސާގެ ސީނިއާ ޓީމަށް ފުރަތަމަ މެޗެއް ކުޅުނީ، އުމުރުން 15 އަހަރާއި ނުވަ މަހާއި 16 ދުވަހުގަ އެވެ. ބާސާގެ ސީނިއާ ޓީމަށް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް ވެސް އޮންނަނީ އޭނާ އަތުގަ އެވެ.