Roadha Mihaaru
ގައުމީ ޓީމުގެ ކޮމިޓީގައި ސިޔާސީ ކުލަ: ބޮޑު ގޯހެއް؟!

ގައުމީ ޓީމުގެ ކޮމިޓީގައި ސިޔާސީ ކުލަ: ބޮޑު ގޯހެއް؟!

19 ސެޕްޓެމްބަރ 2019

ގައުމީ ފުޓްބޯޅަ ޓީމުތަކުގެ ކަންކަމުގައި ލަފާދީ އެހީތެރިވެދޭން އެފްއޭއެމުން މިއަދު އެކުލަވާލި ކޮމިޓީ އަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އަދި އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދު އައްޔަންކުރެއްވުމާ އެކު ކަންބޮޑުވުންތަކުގެ އޮއިވަރެއް އުފެދިއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ގައުމީ ފުޓްބޯޅަ ޓީމުތަކުގެ ކަންކަމުގައި ލަފާދީ އެހީތެރިވެދޭން އެފްއޭއެމުން މިއަދު އެކުލަވާލި ކޮމިޓީ އަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އަދި އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދު އައްޔަންކުރެއްވުމާ އެކު ކަންބޮޑުވުންތަކުގެ އޮއިވަރެއް އުފެދިއްޖެ އެވެ.

މަހުލޫފާއި އަލީ ވަހީދަކީ ސިޔާސީ މަގާމެއްގައި ތިއްބެވި ދެ ބޭފުޅުން ކަމުން، ކުޅިވަރު އެސޯސިއޭޝަނެއްގެ އެތެރޭގެ ކޮމިޓީއެއްގައި ސިޔާސީ ކުލަ ޖެހުނީ އެވެ. އެއީ 2008 އިން ފެށިގެން ދިވެހި ކުޅިވަރުން ފޮހެލަން މަސައްކަތްކުރަމުން އައި ކުލަ އެކެވެ. ދިވެހި ކުޅިވަރު އެސޯސިއޭޝަންތަކަށް ހަލުވި ދުވެއްޔެއް ލިބުނީ ވެސް 2008 ވަނަ އަހަރުން ފެށިގެން އެސޯސިއޭޝަނުގެ ހިންގުން ސިޔާސީ ފަރާތްތަކުގެ ނުފޫޒުން މިނިވަންކޮށް ކްލަބްތަކުން ހޮވާ އެގްޒެކެޓިވް ކޮމިޓީއެއް ގެނައި ހިސާބުންނެވެ.

އެކަމަކު ވެސް ފުޓްބޯޅައިގެ މަގުބޫލުކަމުގެ ފައިދާ ސިޔާސީ ގޮތުން ނަގަން ސިޔާސީ ފަރާތްތަކުން އަބަދުވެސް އައީ ދަނޑިވަޅުތަކަށް ބަލަމުންނެވެ. ދިވެހި ފުޓްބޯޅަ އަށް ކުރިއެރުން އަންނާނީ ސިޔާސީ ނުފޫޒުން އެއްކިބާވެގެން ކަމަށް ބުނެ އާއްމުން އަޑުގަދަކުރަމުން އައި ނަމަވެސް އެކަން މިހާތަނަށް ހުއްޓުވިފައެއް ނުވެ އެވެ. ގައުމީ ޓީމުގެ މެނޭޖަރުގެ މަގާމަށް ސިޔާސީ މީހަކު ލުމަކީ، މަގުބޫލުކަން ހޯދަން މިދިޔަ ސަރުކާރުތަކުން ކުރި ކަމެކެވެ. މި ސަރުކާރުގެ ދެ ވަޒީރަކަށް އެފްއޭއެމުން ތަބަކަށް ލައިފައި އެ ފުރުސަތު ދެއްވީ، ސަރުކާރުގެ ރުހުން ހޯދަންބާވަ އެވެ؟

ފުޓްބޯޅައިގެ ތެރެއަށް ސިޔާސީ ކަންކަން ވެއްދުމަކީ ފީފާ އިން ތަހަމައްލުކުރާނެ ކަމެއް ވެސް ނޫނެވެ. ސަރުކާރުން ހަރަދުކުރާ ކްލަބްތަކަކަށް އޭއެފްސީ ކަޕުން ފުރުސަތު ނުލިބުނު މައްސަލައެއް ބަލަން މިނިސްޓަރު މަހުލޫފު އުޅުއްވުމުން، ފީފާ އިން ރާއްޖެ ސަސްޕެންޑްކޮށްފާނެ ކަމުގެ އިންޒާރުތައް ދިނެވެ. އެ ކާޑުގެ ބޭނުންކޮށް އެފްއޭއެމުން އޭރު މިނިސްޓަރު މަހުލޫފު ހުއްޓުވާލެއްވީ، އޭނާގެ އެއްބާރުލުމާ އެކު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އިސްވެ އޮވެ އެފްއޭއެމްގެ ވެރިން މަގާމުން ދުރުކުރަން އުޅޭތީވެ އެވެ. މަހުލޫފު ވަނީ ސަރުކާރަށް އެކަމުގައި އެއްބާރުލުން ނުދޭ ނަމަ ކްލަބްތަކަށް ފައިސާ ނުދޭނެ ކަމުގެ ނުސީދާ އިންޒާރެއް ވެސް ދެއްވައިފަ އެވެ.

އާހިރުގައި ކަން ނިމުނުއިރު އެފްއޭއެމްގެ ވެރިން ސަލާމަތްވީ އެވެ. "އިންގިލާބް" ގެންނަން އުޅުނު ނިއު އޮތީ އަނދަގޮނޑި ޖަހައިފަ އެވެ. މިނިސްޓަރު މަހުލޫފު މިހާރު އެ ހުންނެވީ އެފްއޭއެމްގެ ވެރިންނާ އެކު އެވެ. އެ ބަޔަކު ބަލިނުކުރެވެންޏާ އެންމެ މޮޅު ގޮތަކީ އެބަޔަކާ ގުޅުމޭ ކިޔާ އުޅެ އެވެ. މިވީ އެހެންބާވަ އެވެ؟

ކޮރަޕްޝަނުގެ ތުހުމަތެއްގައި އެ ދުވަސްކޮޅު މަހުލޫފު ގޭގައި ބެހެއްޓުމުން އެކްޓިން ސްޕޯޓްސް މިނިސްޓަރުކަން ކުރެއްވީ އަލީ ވަހީދު ވެސް ވަނީ އެފްއޭއެމުން ނިއު ސަސްޕެންޑްކުރީ އެ އެސޯސިއޭޝަނުގެ ވެރިންގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމުން ކަމަށް ވިދާޅުވެފަ އެވެ. އަމިއްލަ ފައިދާއެއް ނެގުމަށް އެސޯސިއޭޝަނަކުން ކްލަބެއްގެ ދުވަސް ދުއްވާލީ ކަމަށް މިނިސްޓަރު ގަބޫލުފުޅު ކުރެއްވުމަށް ފަހު، ގޮސް މި ގުޅިވަޑައިގަތީ އެ އެސޯސިއޭޝަނާ އެވެ.

މި ހިސާބުން ހަނދާނަށް އަންނަނީ މަހުލޫފާއި އަލީ ވަހީދުގެ ކުރިފުޅުމަތީގައި، ބައްސާމް އެފްއޭއެމްގެ އެވޯޑް ހަފުލާގައި ދެއްކެވި ވާހަކަ އެވެ.

"ބަޔަކު އެއްބަސްވާން ބޭނުންނުވި ކަމުގައި ވީ ނަމަވެސް ދިވެހި ތާރީހު ދުށް މި ފަހުން ފެނުނު ކުޅިވަރުގެ އެންމެ ނުފޫޒު އަދި އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދު،"

ޖަލްސާގެ ހާޒިރީންނަށް މަރުހަބާ ދަންނަވަމުން ބައްސާމް އެ ވިދާޅުވި ބަސްފުޅުން އެތައް މާނަތަކެއް ނެގެ އެވެ. ޝަވީދަކީ ނިމިގެން ސަރުކާރުގެ ނުފޫޒު ގަދަ ބޭފުޅެކެވެ. މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސެވެ. އޭއެފްސީގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރެކެވެ. އަރަބި/ އޭޝިއާގެ ކުޅިވަރުގެ އިސްވެރިންނާ ގުޅުން ބޮޑެވެ. އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް އަދި ފަހުން ރައީސް މަގާމަށް ބައްސާމް ގެންނެވީ ވެސް ޝަވީދެވެ. އެހުރިހާ ކަމަކަށް ވިސްނައި ބަލާއިރު، ބައްސާމް އެ ދެއްވި މެސެޖުން އެނގެނީ ކޮން ކަމެއް ހެއްޔެވެ؟

ބައްސާމް އެ ދުވަހު ދެ ވަޒީރުންނަށް ހަނދާންކޮށްދެއްވީ ބާރު އޮތީ ތިމަންނާމެންގެ އަތުގައި ކަމެވެ. އެންމެ ނުފޫޒު ގަދައީ ޝަވީދު ކަމަށެވެ. އޭގެ އަށެއްކަ މަސް ފަހުން ބައްސާމް އެވަނީ އެ ދެ ވަޒީރުން އެފްއޭއެމަށް ގެންނަވައި ޝަވީދާ އެއް ކޮމިޓީއަކަށް ލައްވައިފަ އެވެ. އެހެން ގޮތަކަށް ބުނާ ނަމަ ބައްސާމް ޗެއާކުރައްވާ ކޮމިޓީއެއްގެ މެމްބަރު ކަމަށް ލައްވައި ދެ ވަޒީރުން ވެސް އޭނާގެ ދަށަށް ގެންނެވީ އެވެ.

ގަބޫލުކުރެވެ އެވެ. އޮލިމްޕިކް ކޮމިޓީގެ އިންތިހާބު އޮތީ ބޯމަތީގަ އެވެ. ނޫންކަމަށް ހެދިގެން ތިބި ނަމަވެސް ސަރުކާރުން އެ އިންތިހާބުގައި ކާމިޔާބު ހޯދަން ބޭނުންވާނެ އެވެ. ރާއްޖޭގެ ގިނަ އެސޯސިއޭޝަންތަކެއްގެ މެޖޯރިޓީއާ އެކު އެ މަގާމުގައި ހުންނެވި ޝަވީދުގެ ރުހުން ސަރުކާރަށް ބޭނުންވާނެ އެވެ. މިއީ އެކަމާ ގުޅުން ހުރި ކަމަކަށް ވެސް ވެދާނެ އެވެ. ސަބަބަކީ އެ ކޮމިޓީގައި ދެން ހިމެނުއްވި ބެޑްމިންޓަން އެސޯސިއޭޝަނުގެ ރައީސް މޫސާ ނާޝިދަކީ އޮލިމްޕިކް ކޮމިޓީގެ އެކްސްކޯ މެމްބަރަކަށް ވުމާއި އަދި އޭނާ އަކީ ޝަވީދުގެ އަރިސް މީހަކަށް ވުމެވެ. ފުޓްބޯޅައިގެ ކަމެއްގެ މޫސަ މިހާތަނަށް މީޑިއާ އަށް ފެނިފައިވަނީ، އެފްއޭއެމްގެ އިންތިހާބުގައި ބައްސާމަށް ތާއީދު އޮތްކަން ދެއްކުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކުންނެވެ.

މި ހުރިހާ ކަމެއް އެއްކިބައިގައި ބާއްވަމާ ހިނގާށެވެ. މިނިސްޓަރު މަހުލޫފާއި ޝަވީދަކީ ރާއްޖޭގެ މުޅި ކުޅިވަރު ކުރިއެރުވުމުގެ ޒިންމާ އޮތް ދެ ފަރާތެވެ. މަހުލޫފަކީ ކުޅިވަރު ވަޒީރެވެ. ނުހަނު ޝަރަފްވެރި މަގާމެކެވެ. އެއީ ދިވެހިރާއްޖޭގެ ކުޅިވަރު ކުޅުންތެރިންނާއި ކްލަބްތަކާއި އެސޯސިއޭޝަންތަކުގެ ބެލެނެވެރިޔާ އެވެ. ދިވެހި ދައުލަތުގެ ހިޔާވަހިކަން އެ ފަރާތްތަކަށް ދިނުމަށް ކުޑައެއް ދިއްކޮށްގެން ހުންނަވާ ބޭފުޅާ އެވެ. މަހުލޫފުގެ ޒިންމާ އަކީ ސަރުކާރުގެ ކުޅިވަރު ސިޔާސަތު ތަންފީޒްކޮށް، ޖުމްލަކޮށް ހުރިހާ ކުޅިވަރަކަށް އެހީވުމެވެ. އެހެންވެ މިނިސްޓަރު ވަކި ކުޅިވަރެއްގެ ގައުމީ ޓީމަށް ލަފާ ދެއްވަން ވަޑައިގަތުމަކީ، މަސްހަލަތު ފުށުއެރުމެވެ. އަދި އެއީ އެހެން ކުޅިވަރުތަކަށް ވެވޭ ނުސީދާ ބޭއިންސާފެއް ވެސް މެ އެވެ.

އަބަދާ އަބަދު ދެކެވޭ ވާހަކައަކީ ސަރުކާރުން އަހަމިއްޔަތުކަން ދެނީ ފުޓްބޯޅައަށޭ ކުދިކުދި ކުޅިވަރުތަކަށް އެހީނުވާ ވާހަކަ އެވެ. މަހުލޫފް ވަނީ މިހާތަނަށް ޖުމްލަކޮށް ހުރިހާ ކުޅިވަރަކަށް އެހީތެރިވެވަޑައިގެންފަ އެވެ. އެކަމަކު މި އެޅުއްވި ފިޔަވަޅާ އެކު އަނެއްކާ ވެސް އެހެން ކުޅިވަރުތަކުގެ ނުރުހުން އަމާޒުވާނެ އެވެ.

ހަމައެއާ އެކު ޝަވީދުގެ ޒިންމާ އަކީ ވެސް ހުރިހާ ކުޅިވަރަކަށް އެހީތެރިކަން ފޯރުކޮށްދެއްވުމެވެ. އޭނާ އަކީ ރާއްޖޭގެ އޮލިމްޕިކް ކުޅިވަރުތަކުގެ (ފުޓްބޯޅަ ހިމެނޭ ގޮތަށް) ބެލެނެވެރިޔާ އެވެ. އޭނާ އެތަނުން އެއް އެސޯސިއޭޝަނެއްގެ ކޮމިޓީއެއްގައި ހުރުމަކީ މަސްލަހަތު ފުށުއަރާނެ ކަމެކެވެ.

މި ކޮމިޓީގައި އެފްއޭއެމްގެ ރައީސް ބައްސާމް ހުންނެވުމަކީ ވެސް އަޖައިބެއް ފަދަ ކަމެކެވެ. ސަބަބަކީ ގައުމީ ޓީމުގެ ކޮމިޓީގެ ޒިންމާއަކީ ގައުމީ ޓީމުގެ ކަންކަމުގައި ލަފާ ދިނުމާއި އެހީވުން ކަމަށްވެފައި، މާދަމާ ގައުމީ ޓީމުގެ ކަންކަން ގޯހުން ގޮސްފި ނަމަ އެކަން ބަލަން ހުންނާނީ ވެސް ބައްސާމް ކަމަށް ވުމެވެ. އެހެންވެ ބައްސާމަށް ޖަވާބުދާރީވާން ޖެހޭ ޓީމަކަށް ލަފާދޭން ބައްސާމް ހުންނެވުމަކީ ޖޯކެކެވެ. އެންމެ ހެއްވާ ކަމަކީ، ފުޓްބޯޅައިގެ ކަންކަމުގައި އެއް އުސޫލަކުން ބައްސާމް ޖަވާބުދާރީވެވަޑައިގެންނަވާ ޖެހޭ ދެ ބޭފުޅުން ކަމަށްވާ ސްޕޯޓްސް މިނިސްޓަރު މަހުލޫފާއި އޮލިމްޕިކް ކޮމިޓީގެ ރައީސް ޝަވީދު، މި ކޮމިޓީގައި މަސައްކަތްކުރައްވާނީ ބައްސާމްގެ ދަށުން ކަމަށް ވުމެވެ.

އެހެން ނޫނަސް މިފަދަ ކޮމިޓީތަކަކީ ދުނިޔޭގެ ހުރިހާ ގައުމެއްގައި ޓެކްނިކަލް އެކްސްޕާޓުން ތިބޭ ކޮމިޓީތަކެކެވެ. މަހުލޫފާއި އަލީ ވަހީދު ގައުމީ ޓީމުގެ މެނޭޖަރުކަން ކުރެއްވި އެވެ. ޝަވީދު އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީ ހިންގެވި އެވެ. ތަޖުރިބާ ކޮންމެވެސް ވަރަކަށް ހުންނަވާނެ އެވެ. އެކަމަކު ގައުމީ ޓީމެއްގެ ކަންކަމުގައި ޓެކްނިކަލީ އާއި އެހެން ގޮތުން ލަފާދެއްވޭނެ މާ ގާބިލް ބޭފުން އެބަތިއްބެވި އެވެ. ސިޔާސީ ކުލައެއް ނެތް ބޭފުޅުން އެބަތިއްބެވެ.

ގައުމީ ޓީމާއި ދިވެހި ފުޓްބޯޅަ ނާޒުކު ހާލަތެއްގައި އޮއްވާ އެފްއޭއެމުން ވެސް ސަރުކާރުން ވެސް އަމަލުކުރަން ޖެހޭނީ ހާލަތު އިތުރަށް ގޯސް ނުވާނެ ގޮތަކަށެވެ. ގައުމީ ޓީމުގެ ކަންކަން ރަނގަޅުކުރަން ކޮމިޓީއެއް ނެގީ ކަމުގެ ކުލަވަރު ދައްކައި، ފަހަތުގައި ތިބެ ބާރުވެރިކަން ހޯދަން ޑްރާމާ ކުޅޭ ނަމަ ދިވެހި ފުޓްބޯޅައިގެ ހާލަތު ދާނީ ދަށަށެވެ.