Roadha Mihaaru
ދަރިވަރުންނަށް ފުރުސަތުތަކެއް ހޯދައިދެވިއްޖެ: ބްރައިޓްވޭ

ދަރިވަރުންނަށް ބައިނަލްއަގުވާމީ ފެންވަރުގައި ގިނަ ފުރުސަތުތަކެއް ހޯދައިދެވިއްޖެ: ބްރައިޓްވޭ ސްކޫލް

18 ސެޕްޓެމްބަރ 2019

މި އަހަރު އެ ސްކޫލްގެ ދަރިވަރުންނަށް ބައިނަލްއަގުވާމީ ފެންވަރުގައި ގިނަ ފުރުސަތުތަކެއް ހޯދައިދެވިފައިވާ ކަމަށް ހުޅުމާލޭގައި ހިންގާ ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލުން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މި އަހަރު އެ ސްކޫލްގެ ދަރިވަރުންނަށް ބައިނަލްއަގުވާމީ ފެންވަރުގައި ގިނަ ފުރުސަތުތަކެއް ހޯދައިދެވިފައިވާ ކަމަށް ހުޅުމާލޭގައި ހިންގާ ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލުން މިއަދު ބުނެފި އެވެ.

އެ ސްކޫލް ހިންގާ ކޮލިޓެޓް އެޑިއުކޭޝަންގެ މެނޭޖިން ޑިރެކްޓަރު މޫސާ ރަޝީދު ވިދާޅުވީ ސްކޫލުގައި ދަރިވަރުންނަށް ފޯރުކޮށްދެމުން އަންނަ ތައުލީމާ އެކު ބައިނަލްއަގުވާމީ ފެންވަރުގައި ފުރުސަތުތައް ތަނަވަސްކޮށްދިނުމަކީ މައިގަނޑު އެއް އަމާޒު ކަމަށެވެ. އެކަމުގެ ތެރެއިން ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

އަދަދުތައް ވިދާޅުވަމުން އޭނާ ފާހަގަކުރެއްވި ގޮތުގައި މި އަހަރުގެ މިހާތަނަށް ދަރިވަރުންނަށް 86 ފުރުސަތު ހޯދައިދެވުނެވެ. އޭގެ ތެރޭގައި ހިމެނެނީ މޮޑެލް އިސްލާމިކް ކޮންފަރެންސް އާއި ސިންގަޕޫރު މެތުސް އޮލިމްޕިއާޑާއި ވަންޑާ ސައިންސް އޮލިމްޕިޔާޑާއި އޭޝިޔާ ޕެސިފިކް ޔޫތު ރޮބޮޓިކްސް ކޮމްޕެޓިޝަންގެ އިތުރުން ވޯލްޑް ސްކޮލާސް ކަޕެވެ.

"ﷲ ގެ ހެޔޮ ރަހުމަތުންނާއި ދަރިވަރުންނާއި ބެލެނިވެރިން އަދި ސްކޫލް މަސައްކަތުން ރަނގަޅު ނަތީޖާތަކެއް ވެސް ދަރިވަރުން ހޯދާފައިވޭ،" މޫސަ ވިދާޅުވި އެވެ.

ބޭރުގައި އޮތް ޕްރޮގްރާމެއްގައި ބްރައިޓް ވޭގެ ދަރިވަރުންތަކެއް ގައުމީ ދިދަ ހިފަހައްޓައިގެން -- ފޮޓޯ: ބްރައިޓްވޭ ސްކޫލް

ބޭރުގައި އޮތް ޕްރޮގްރާމެއްގައި ބްރައިޓް ވޭގެ ދަރިވަރުންތަކެއް ގައުމީ ދިދަ ހިފަހައްޓައިގެން -- ފޮޓޯ: ބްރައިޓްވޭ ސްކޫލް

ބްރައިޓްވޭގެ ދަރިވަރުން ވަނީ އޭޕްރީލް 12-15 އަށް ތުރުކީގެ އިސްތަންބޫލްގައި ބޭއްވި މޮޑެލް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގެ ކޮންފަރެންސް އޮތީ އެޕްރީލް 12-15 އަށެވެ. ޖޫން 21-26 އަށް ޗައިނާގެ ބެއިޖިންގައި ބޭއްވި ވޯލްޑް ސްކޮލާސް ކަޕްގެ ގްލޯބަލް ރައުންޑުގައި ބްރައިޓް ވޭގެ 24 ދަރިވަރުން ބައިވެރިވެ ރަނގަޅު ކާމިޔާބީއެއް ހޯދި އެވެ.

އޭގެ ތެރެއިން ދެ ޓީމު، (ހަ ދަރިވަރުން) ވަނީ އަންނަ ނޮވެމްބަރު މަހު އެމެރިކާގެ މަޝްހޫރު ޔޭލް ޔުނިވަސިޓީގައި އޮންނަ ޗެމްޕިއަންސް ރައުންޑަށް ހޮވިފަ އެވެ.

ސިންގަޕޫރުގައި ޖުލައި 6-8 އަށް އޮތް މެތްސް އޮލިމްޕިޔާޑްގައި 14 ދަރިވަރުން ބައިވެރިވެ ދެ ރަންމެޑަލާ އެކު ޖުމްލަ ހަތް މެޑަލް ހޯދި އެވެ.

މެލޭޝިޔާގައި ޖުލައި 26-29 އަށް ބޭއްވި ވަންޑާ ސައިންސް މުބާރާތުގައި 16 ދަރިވަރުން ބައިވެރިވެ 12 މެޑަލް ކާމިޔާބުކުރި އެވެ. އަދި ސިންގަޕޫރުގައި ޖުލައި 26-27 އަށް ބޭއްވި އޭޝިއާ ޕެސިފިކް ޔޫތު ރޮބޮޓިކްސް ކޮމްޕެޓިޝަނުގައި 19 ދަރިވަރުން ބައިވެރިވެ ރަނގަޅު ކުރިއެރުންތަކެއް ހޯދި އެވެ.

ސިންގަޕޫރުގެ އިރުޝާދު ޓްރަސްޓާއި ކޮލިޓެޓް ގުޅިގެން ސިންގަޕޫރުގެ މޮޑެލްއަކަށް ހިންގާ ބްރައިޓް ވޭގެ އަމާޒަކީ މި އަހަރަށް ވުރެ ހުރިހާ ގޮތަކުން ވެސް ފުރިހަމަ އަދި ކާމިޔާބު ނަތީޖާތަކެއް އަންނަ އަހަރު ދަރިވަރުންނަށް ހޯދައިދިނުމެވެ.

"ފުރަތަމަ އަހަރަށް ބަލާއިރު ނަތީޖާތަކާ ދޭތެރޭ ހިތްހަމަޖެހޭ. މުޅިން ތަފާތު މުބާރާތްތަކަކަށް ދަރިވަރުން ތަމްރީން ކުރާއިރު ދިމާވާ ދަތިތަކެއް ހުރޭ. އަނެއްކާ އާ ސިސްޓަމެއް،" މޫސަ ވިދާޅުވި އެވެ.

"ދަރިވަރުންނާއި ޓީޗަރުން އަދި ބެލެނިވެރިން ހޭނެން ވަގުތު ނަގާނެ. އަޅުގަނޑުމެން ސިންގަޕޫރުން ޓްރެއިނަރުން ގެނެސްގެން ވެސް ތަމްރީން އެބަ ދެން. އަޅުގަނޑު ވަރަށް އުފާވޭ ދަރިވަރުން މި ފުރުސަތުތަކަށް ދޭ ސަމާލުކަމާއި ޝައުގުވެރިކަން ފެނުނީމަ."

ބޭރުގައި ބޭއްވި ޕްރޮގްރާމެއްގައި ބްރައިޓް ވޭ ދަރިވަރުންތަކެއް ބައިވެރިވަނީ -- ފޮޓޯ: ބްރައިޓްވޭ ސްކޫލް

ބޭރުގައި ބޭއްވި ޕްރޮގްރާމެއްގައި ބްރައިޓް ވޭ ދަރިވަރުންތަކެއް ބައިވެރިވަނީ -- ފޮޓޯ: ބްރައިޓްވޭ ސްކޫލް

އޭނާ ވިދާޅުވި ގޮތުގައި އެހެންމެ ޓީޗަރުންނާއި ބެލެނިވެރިންގެ އެއްބާރުލުން ވެސް ވަރަށް ރަނގަޅެވެ. އޭނާ ވަނީ އެ ހުރިހާ ފަރާތްތަކަށް ވެސް ޝުކުރު އަދާކުރައްވައިފަ އެވެ.

"ދަރިވަރުންނާއި ޓީޗަރުންނާއި ބެލެނިވެރިން އަދި މެނޭޖްމަންޓުން ކުރާ މަސައްކަތަށް ބަލާއިރު ކުރިއަށް އޮތް އަހަރު މި އަހަރަށް ވުރެ މާ ފުރިހަމަ ނަތީޖާއެއް ހޯދޭނެ ކަމަށް ޔަގީންކުރަން. އިރާދަކުރެއްވިޔާ ލިބެން ވެސް ލިބޭނެ،" މޫސަ ވިދާޅުވި އެވެ.

ދުނިޔޭގައި އެންމެ ފުރިހަމަ އަދި ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދޭ ސިންގަޕޫރު މޮޑެލް ސްކޫލެއްގެ ގޮތުގައި ބްރައިޓް ވޭ އިންޓަނޭޝަނަލް ސްކޫލް ފެށީ މި އަހަރުގެ ދިރާސީ އަހަރާ އެކު އެވެ. މިހާރު އެ ސްކޫލުގައި 800 އަށް ވުރެ ގިނަ ދަރިވަރުން އަންނަނީ ތައުލީމް ހާސިލްކުރަމުންނެވެ.

ބްރައިޓް ވޭ ހިންގުމުގައި ކޮލިޓެޓާ އެކު މަސައްކަތްކުރާ އިރުޝާދު ޓްރަސްޓަކީ ސިންގަޕޫރު، މެލޭޝިޔާ، އިންޑޮނޭޝިޔާ އަދި އޭޝިޔާގެ އެހެނިހެން ގައުމުތަކުގައި ފުޅާ ދާއިރާއެއްގައި ތައުލީމު ފޯރުކޮށްދެމުން އަންނަ ކުންފުންޏެކެވެ.