Roadha Mihaaru
އަހުމަދިއްޔާގެ ކާމިޔާބީގެ އަސްލަކީ އަހުލާގު

އަހުމަދިއްޔާގެ ކާމިޔާބީގެ އަސްލަކީ އަހުލާގާއި ތަރުބިއްޔަތަށް އިސްކަން ދިނުމުގެ ނަތީޖާ

03 ޖުލައި 2023

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާ ބެހޭ ގޮތުން އަބަދުވެސް އިވޭނީ މަތީ ސާނަވީގައި ރަންވަނަތައް ހޯދާ ކުދިން ތިބޭ ވަރަށް ގަދަ ތަނެއްގެ ގޮތުގަ އެވެ. ކޮންމެ އޯލެވެލް އިމްތިހާނެއްގައި ވެސް އެ ސްކޫލަށް ޝަރަފުވެރި ވަނަތަކެއް އެ ކުދިން ހޯދައިދެނީ ފަހުރުވެރިކަމާ އެކު އެވެ. ވަރަށް އާދައިގެ ގޮތަކަށް ފެށި އެ ސްކޫލުން ރާއްޖޭގެ އެހެން ސްކޫލްތައް ފަހަތަށް ޖައްސާލައި ހޯދަމުން އަންނަ ކާމިޔާބީތައް އާދައިގެއެއް ނޫނެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާ ބެހޭ ގޮތުން އަބަދުވެސް އިވޭނީ މަތީ ސާނަވީގައި ރަންވަނަތައް ހޯދާ ކުދިން ތިބޭ ވަރަށް ގަދަ ތަނެއްގެ ގޮތުގަ އެވެ. ކޮންމެ އޯލެވެލް އިމްތިހާނެއްގައި ވެސް އެ ސްކޫލަށް ޝަރަފުވެރި ވަނަތަކެއް އެ ކުދިން ހޯދައިދެނީ ފަހުރުވެރިކަމާ އެކު އެވެ. ވަރަށް އާދައިގެ ގޮތަކަށް ފެށި އެ ސްކޫލުން ރާއްޖޭގެ އެހެން ސްކޫލްތައް ފަހަތަށް ޖައްސާލައި ހޯދަމުން އަންނަ ކާމިޔާބީތައް އާދައިގެއެއް ނޫނެވެ.

ތައުލީމީ ދުވަސްވަރު ދަރިވަރުންނަށް އިލްމު އުގަންނައި ދިނުމުގައި، ދޭ ތައުލީމާ އެއްވަރަށް ތަރުބިއްޔަތު ދޭން ޖެހޭ ކަމަށް އަބަދުވެސް ބުނާ އެއް ސްކޫލަކީ ވެސް އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލެވެ. އެ ސްކޫލުގެ މައިގަނޑު އަސާސްތައް ބިނާވެފައި އޮންނަނީ އަހުލާގު ރަނގަޅު، ކިޔެވުމަށް މޮޅު، ހުނަރުވެރި، ފަންނުވެރި ކުދިންތަކެއް ބިނާކުރުމުގެ މައްޗަށެވެ.

"އަހުމަދިއްޔާ އަކީ ތަފާތު ސްކޫލެއް. ޑިސިޕްލިން ނުވަތަ އަހުލާގު އަޅުގަނޑުމެން އެންމެ ހާއްސަ ކަމެއްގެ ގޮތުގައި ދެކެނީ. މި ސްކޫލުގައި މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑުތަކުގެ އިތުރުން އަހުލާގީ ފެންވަރު ހިފެހެއްޓުމަށް އަޅުގަނޑުމެންގެ އަމިއްލަ ގަވައިދުތަކާއި އުސޫލުތައް ހުންނާނެ،" އަހުމަދިއްޔާގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު ވިދާޅުވި އެވެ.

"މިއީ ދަރިވަރުންނަށް ރަނގަޅު ތަރުބިއްޔަތެއް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ހަދާފައިވާ އުސޫލުތަކަކާއި ގަވައިދުތަކެއް."

އޭނާ ވިދާޅުވީ، އެ ސްކޫލުން މެދުކެނޑުމެއް ނެތި ހޯދަމުންދާ ކާމިޔާބީގެ އަސްލަކީ ކުދިން ތަރުބިއްޔަތުކުރުމުގައި ގެންގުޅޭ އަސާސްތައް ކަމަށެވެ.

"މި ސްކޫލަކީ ކޮންމެ އަހަރަކު އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދާ އެއް ސްކޫލް. އޯލެވެލް އިމްތިހާނުންނާއި އޭ ލެވެލް އިމްތިހާނުން ވެސް ކޮންމެ އަހަރަކު ވެސް އަޅުގަނޑުމެންނަށް ބޮޑު ކާމިޔާބީއެއް ލިބޭ. މި ކާމިޔާބީ މިހާތަނަށް މި ދެމެހެއްޓެނީ އަޅުގަނޑުމެން މި ގެންގުޅޭ އުސޫލުތަކުގެ ސަބަބުން." ޕްރިންސިޕަލް ވިދާޅުވި އެވެ.

އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ޕްރިންސިޕަލް ރަޝީދު "މިހާރު" އަށް އެ ސްކޫލްގެ ކާމިޔާބީގެ ވާހަކަތައް ކިޔައި ދެއްވަނީ.--- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ޕްރިންސިޕަލް ރަޝީދު "މިހާރު" އަށް އެ ސްކޫލްގެ ކާމިޔާބީގެ ވާހަކަތައް ކިޔައި ދެއްވަނީ.--- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މިދިޔަ އަހަރުގެ އޭލެވެލް އިމްތިހާނުގައި އަހުމަދިއްޔާ އިން ބައިވެރިވި 206 ކުދިންގެ ތެރެއިން 87 ކުއްޖަކު ވަނީ އެ އިމްތިހާނުގެ 10 ގައި ހިމެނިފަ އެވެ. އޭ ލެވެލް އިމްތިހާނުގައި ތިން ދަރިވަރަކު ފަސް މާއްދާ އިން އޭ ސްޓާ ހޯދައިގެން އެއް ވަނަ ހާސިލްކުރި އެވެ. އެ ތިން ކުދިންނަށް ރައީސްގެ ސްކޮލާޝިޕް ލިބުނު އިރު 25 ދަރިވަރަކަށް ހައި އެޗީވާސް ސްކޮލާޝިޕް ވަނީ ލިބިފަ އެވެ.

އަހުމަދިއްޔާގެ ކުދިންގެ ތައުލީމުގެ ފެންވަރު ހިފެހެއްޓުމުގެ ގޮތުން ޓީޗަރުން ނެގުމުގައި ވެސް ގިނަ ކަންތައްތަކަކަށް ބަލައި، ބޮޑު ޕްރޮސެސްއެއް އޮވެ އެވެ.

އިންޓަވިއުގެ އެކި މަރުހަލާތަކަށް ފަހު، ހޮވާ ޓީޗަރުންނަށް އޮރިއެންޓޭޝަނާއި އިންޑަކްޝަން ޕްރޮގްރާމުތައް ހިންގަ އެވެ. އަހުމަދިއްޔާގައި ކިޔަވައިދޭންޖެހޭ ފެންވަރުގައި އެ ޓީޗަރަކަށް ހިފަހައްޓާލެވޭތޯ ބެލުމަށް ޕްރޮބޭޝަނުގެ ކުރިން އެއް މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ދެ އެވެ. އެ މުއްދަތުގެ ތެރޭގައި އެ ސްކޫލުން ކަނޑައަޅާފައިވާ ފެންވަރަށް އެ ޓީޗަރަކަށް ކިޔަވައި ނުދެވޭ ނަމަ ޝަރުތު ހަމަނުވީ އެވެ.

"އަޅުގަނޑުމެން ވަރަށް ބަލާފައި، ފިލްޓާކޮށް ނަގާފަ ޓީޗަރުން ތިބޭނީ. މި ތަނުގައި ކޮންމެ ގްރޭޑެއްގެ ކޮންމެ މާއްދާއެއް ވެސް ކިޔަވާ ދޭނީ އެ ކަމަށް އެންމެ ގާބިލް ޓީޗަރުން. އެ ޓީޗަރުން ކިޔަވައިދޭ ދަރިވަރުން ބަރާބަރަށް ސްކޫލަށް އަންނަ ނަމަ އިތުރު ޓިއުޝަނެއް ބޭނުމެއް ނުވާނެ،" ރަޝީދު ވިދާޅުވި އެވެ.

"ދަރިވަރަށް އެންމެ ފުރިހަމަ އަށް ފިލާވަޅު އޮޅުން ފިލާނެ މިންވަރަށް ޓީޗަރުން ކިޔަވައިދޭނެ."

އަހުމަދިއްޔާ ސްކޫލްގެ ދަރިވަރުންތަކެއް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އަހުމަދިއްޔާ ސްކޫލްގެ ދަރިވަރުންތަކެއް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން ކުދިންނަށް ބޭނުންވާ އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް އޮންލައިން ޕްލެޓްފޯމެއް ވަނީ ގާއިމުކޮށްފަ އެވެ. އެ ޕްލެޓްފޯމު މެދުވެރިކޮށް، ކިޔެވުމުގައި ބޭނުންވާ އިތުރު އެހީތެރިކަން ހޯދޭނެ އެވެ. ކުދިންނަށް ބޭނުންވާ އިތުރު ތައުލީމީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެންރިޗްމަންޓް ޕްރޮގްރާމް ވެސް ހިންގަ އެވެ.

"ޓިއުޝަންގެ ބަދަލުގައި ސްކޫލުން ދަރިވަރަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އަޅުގަނޑުމެންގެ ފަރާތުން ހޯދޭނެ. މި ތަނުގައި ދަރިވަރުންނަށް ކިތަންމެ ގިނަ ވަގުތެއް ވެސް ކިޔެވުމަށް ހޭދަ ކުރެވޭނެ،" ޕްރިންސިޕަލް ވިދާޅުވި އެވެ.

އަހުމަދިއްޔާއަކީ ބެލެނިވެރިންގެ މެދުގައި މަގުބޫލު، ކުދިންގެ ޑިމާންޑު ބޮޑު ސްކޫލަކަށް ވުމުން، އެ ސްކޫލުން ފުރުސަތު ދެނީ އެންޓްރަންސް އެގްޒާމަކަށް ފަހު އެވެ. އެއީ ދިވެއްސާއި އިނގިރޭސި އަދި ހިސާބު ޓެސްޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ކުދިންނަށެވެ. އެ ގޮތަށް ބަލަން ޖެހެނީ ޑިމާންޑާ އެއް ވަރަށް އަހުމަދިއްޔާގައި ޖާގަ ނެތުމުންނެވެ.

އަހުމަދިއްޔާ އަކީ ކިތަންމެ މަގުބޫލު ތަނަކަށް ވިޔަސް އަދި ކުދިން ކިޔަވަން ބޭނުންވާ ތަކަށް ވިޔަސް ޖާގައިގެ ދަތިކަން ޒަމާނުއްސުރެ އިންތިހާ އަށް ބޮޑެވެ. ޖާގަ ނެތިގެން ސްކޫލުން ބޭރުގައި ބައެއް ކްލާސްތައް ހިންގި ޒަމާނެއް ވެސް ދިޔަ އެވެ. ބޭބީ ނާސަރީއިން ފެށިގެން ގްރޭޑު 12 އާ ހަމައަށް ކިޔަވާދޭ އިރު، މިހާރު ހުރި އިމާރާތަށް ވުރެ ޖާގަ ތަނަވަސް ބިމެއް ލިބުމަކީ އެ ސްކޫލުން ސަރުކާރުގައި އަބަދުވެސް އެދެމުން އައި ކަމެކެވެ.

އަހްމަދިއްޔާގެ ޕްރީ ސްކޫލް ދަރިވަރުންތަކެއް. -- ފޮޓޯ: ނިޝާން އަލީ | މިހާރު

އަހްމަދިއްޔާގެ ޕްރީ ސްކޫލް ދަރިވަރުންތަކެއް. -- ފޮޓޯ: ނިޝާން އަލީ | މިހާރު

"މި ސްކޫލަށް ހުޅުމާލެ އިން ވެސް އެތައް ދަރިވަރުންނެއް އާދޭ. އެ ދަރިވަރުންނަށް ކުރިއަށް އޮތްތަނުގައި ލުއި ފަސޭހަވެގެން ދާނެ އުފާވެރި ޚަބަރެއް އަޅުގަނޑުމެންނަށް ވަނީ ލިބިފައި. އަޅުގަނޑުމެންނަށް އެބަ އޮތް ހުޅުމާލޭގައި އަހުމަދިއްޔާގެ އިތުރު ސްކޫލެއް ހެދުމަށް ބިމެއް ލިބޭނެ ކަމަށް ރައީސް ވިދާޅުވެފައި،" ރަޝީދު ވިދާޅުވި އެވެ.

"އެ ބިމުގެ ކަންތައްތައް ހަމަޖެހުނުހާ އަވަހަކަށް އެ ތަނުގައި ސްކޫލް އިމާރާތްކޮށް، ވަރަށް އަވަހަށް ކިޔަވައި ދޭން ފަށާނަން."

އެއީ މިހާތަނަށް އެ ސްކޫލަށް ލިބުނު އެންމެ ހިތްހަމަޖެހުނު އެއް ޚަބަރެވެ. ސްކޫލްގެ މެނޭޖުމަންޓުން އިތުރަށް ބޭނުންވާ ހިސާބަށް ވެސް ދިއުމަށް އަޅާނެ ވަރަށް ބޮޑު ފިޔަވަޅަކަށް ވާތީ އެވެ. ޖާގަ ބޮޑު އިމާރާތެއްގައި، އެންމެ ޒަމާނީ ގޮތަށް، ޖާގައާ މެދު ވިސްނަން ނުޖެހި ކިޔަވައި ދެވޭނެ ދުވަހެއް ފެންނާތީ އެވެ.

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ އަމާޒަކީ އެ ސްކޫލުން ދެމުންގެންދާ ހިދުމަތްތައް އިތުރަށް ފުޅާކޮށް، ތައުލީމާއި ކުޅިވަރާއި ފަންނުވެރި ދާއިރާތަކުން ހުރި ފުރުސަތުތައް އިތުރަށް ފަހިކޮށްދިނުމެވެ. އެ ސްކޫލުން ހޯދަމުންދާ ރަންވަނަތަކުގައި ދެމި ތިބެ، ތަރުބަވީ ތައުލީމެއް ފޯރުކޮށްދިނުމެވެ.