Roadha Mihaaru
ވޯލްޑް ސްކޮލާސް ކަޕްގެ ފަހު ބުރަށް ގިނަ ޓީމުތަކެއް

ދިވެހި ގިނަ ޓީމުތަކެއް ވޯލްޑް ސްކޮލާސް ކަޕްގެ ފަހު ބުރަށް

01 ޖުލައި 2019

ޗައިނާގެ ވެރިރަށް ބެއިޖިންގައި އޮތް ވޯލްޑް ސްކޮލާސް ކަޕްގެ ގްލޯބަލް ރައުންޑުގައި ބައިވެރިވި ދިވެހި ގިނަ ދަރިވަރުން ގިނަ މެޑެލްތަކާ އެކު ފައިނަލް ބުރަށް ދަތުރުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޗައިނާގެ ވެރިރަށް ބެއިޖިންގައި އޮތް ވޯލްޑް ސްކޮލާސް ކަޕްގެ ގްލޯބަލް ރައުންޑުގައި ބައިވެރިވި ދިވެހި ގިނަ ދަރިވަރުން ގިނަ މެޑެލްތަކާ އެކު ފައިނަލް ބުރަށް ދަތުރުކޮށްފި އެވެ.

މިިދިޔަ ހަފުތާގައި އޮތް ބުރުގައި، ބިލަބޮންގް ސްކޫލާއި އަހުމަދިއްޔާ ސްކޫލާއި ބްރައިޓްވޭ ސްކޫލާއި ޣިޔާސުއްދީން ސްކޫލުގެ އިތުރުން ވިލާ ހައި އިންޓަނޭޝަނަލް ސްކޫލްގެ ދަރިވަރުން ބައިވެރިވި އެވެ. އޭގެ ތެރެއިން ގިނަ ޓީމުތަކެއް ވަނީ އެމެރިކާގެ ޔޭލް ޔުނިވާސިޓީގައި ބާއްވާ ފައިނަލް ބުރަށް ކޮލިފައިވެފަ އެވެ.

ބިލަބޮންގް ސްކޫލުގެ 34 ދަރިވަރުން ގްލޯބަލް ރައުންޑުގައި ބައިވެރިވި އެވެ. އޭގެ ތެރެއިން އެމެރިކާގައި ބާއްވާ ފައިނަލް ބުރަށް ޖޫނިއާ ބައިގެ 15 ދަރިވަރުން ހޮވުނެވެ. އެ ދަރިވަރުންނަށް ޖުމްލަ 133 މެޑަލް ލިބިފައިވެ އެވެ.

ވޯލްޑް ސްކޮލާސްކަޕްގެ ދެ ވަނަ ބުރަށް ފުރުމުގެ ކުރިން ޣިޔާސުއްދީން ސްކޫލުގެ ދަރިވަރުން ފޮޓޯއަކަށް ހުއްޓިލައިގެން.-- ފޮޓޯ: ޣިޔާސުއްދީން ސްކޫލު

ވޯލްޑް ސްކޮލާސްކަޕްގެ ދެ ވަނަ ބުރަށް ފުރުމުގެ ކުރިން ޣިޔާސުއްދީން ސްކޫލުގެ ދަރިވަރުން ފޮޓޯއަކަށް ހުއްޓިލައިގެން.-- ފޮޓޯ: ޣިޔާސުއްދީން ސްކޫލު

ޣިޔާސުއްދީން ސްކޫލުން ގްލޯބަލް ރައުންޑުގައި ބައިވެރިވި ހަތް ޓީމެއް ފައިނަލަށް ދަތުރުކުރި އެވެ. އޭގެ ތެރެއިން ސައުތު އޭޝިޔާއިން 10 ވަނަ އަށް އެ ސްކޫލުގެ ޖޫނިއަ ޓީމެއް ދިޔައިރު ސީނިއަ ޓީމެއް ވަނީ ސައުތު އޭޝިޔާއިން ތިން ވަނައަށް އަރައިފަ އެވެ.

އެ ސްކޫލުގެ ސުލަފް މޫސާ ލަތީފް ވަނީ ސީނިއާ ޓޮޕް ސްކޯލަރުންގެ ތެރޭގައި ހިމެނިފަ އެވެ. އަދި ޖޫނިއަ ބައިން ނަބީހް ޝަމީމު ވެސް ޓޮޕް ސްކޯލަރުންގެ ތެރޭގައި ހިމެނުނެވެ.

އަހުމަދިއްޔާ ސްކޫލުގެ ދަރިވަރުން، ސްކޮލާސްކަޕްގެ ގްލޯބަލް ރައުންޑުގައި.-- ފޮޓޯ: އަހުމަދިއްޔާ ސްކޫލު

އަހުމަދިއްޔާ ސްކޫލުގެ ދަރިވަރުން، ސްކޮލާސްކަޕްގެ ގްލޯބަލް ރައުންޑުގައި.-- ފޮޓޯ: އަހުމަދިއްޔާ ސްކޫލު

ޣިޔާސުއްދީނަށް މުޅި ޖުމްލަ 155 މެޑަލް ލިބުނެވެ. ސީނިއާ ބައިން ރަން 38 މެޑަލާއި ރިހި 55 މެޑައްޔެވެ. ސީނިއަ ބައިން ޓްރޮފީ ލިބުނު ޓީމުގައި ހިމެނެނީ ސުލަފް އާއި ޝައިނާ މުހައްމަދު ޝައިނީ އަދި އާމިނަތު އަޒްކާ އެވެ.

ޖޫނިއާ ބައިން ރަން 32 މެޑަލް އަދި ރިހި 30 މެޑަލް ލިބުނެވެ. އަދި އެ ބައިން ސްކޯލާސް ޗެލެންޖުން ޔޫސުފް ޝާރިގް ޝާހިދަށް ޓްރޮފީ ލިބުނެވެ.

ބިލަބޮންގް ސްކޫލުގެ ދަރިވަރުން، ސްކޮލާސްކަޕްގެ ގްލޯބަލް ރައުންޑަށް ފުރުމުގެ ކުރިން ވެލާނާ އެއާޕޯޓުގައި-- ފޮޓޯ: އަހުމަދިއްޔާ ސްކޫލު

ބިލަބޮންގް ސްކޫލުގެ ދަރިވަރުން، ސްކޮލާސްކަޕްގެ ގްލޯބަލް ރައުންޑަށް ފުރުމުގެ ކުރިން ވެލާނާ އެއާޕޯޓުގައި-- ފޮޓޯ: އަހުމަދިއްޔާ ސްކޫލު

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގެ އައިޝަތު ޒޭބާ އަތޯ ވެސް ވަނީ ސީނިއަ ބައިގެ ޓޮޕް ސްކޮލާސް ތެރޭގައި ހިމެނިފަ އެވެ. އަދި ޒޭބާ އާއި އިބްރާހިމް މިކްޔާލް އަހުމަދާއި އާދަމް ނަވީން މުހައްމަދު ހިމެނޭ ޓީމު، ސައުތު އޭޝިއާގެ ޓޮޕް ޓީމުތަކުގެ ތެރޭގައި ވެސް ހިމެނުނެވެ.

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގެ 17 ދަރިވަރުން ސީނިއަ ބައިގައި ވާދަކޮށް 22 ރަން އަދި 35 ސިލްވަ މެޑެލް ހޯދި އެވެ.

ގްލޯބަލް ރައުންޑްގައި އަހުމަދިއްޔާ ސްކޫލުގެ 24 ދަރިވަރުން ބައިވެރިވިއިރު ފައިނަލް ވަނަ ބުރަށް ދެ ޓީމު ކޮލިފައިވި އެވެ. އެ ސްކޫލަށް ރަން 13 އަދި ރިހި 19 މެޑެލް ލިބުނެވެ.

ބްރައިޓްވޭ ސްކޫލުގެ ދެ ޓީމެއް ފައިނަލް ބުރަށް ހޮވުނެވެ. އެ ދަރިވަރުންނަށް ޖުމްލަ 37 މެޑަލް ލިބިފައިވެ އެވެ.

ސްކޮލާސް ކަޕް ބަހާލާފައި އޮންނަނީ ދެ ބަޔަކަށެވެ. އެގޮތުން ޖޫނިއަ ބައިގައި ވާދަކުރަނީ 14 އަހަރުން ދަށުގެ ދަރިވަރުންނެވެ. ސީނިއަ ޓީމުތަކުގައި ތިބެނީ 14 އަހަރުން މަތީގެ ދަރިވަރުންނެވެ.