Roadha Mihaaru
ލޮކްޑައުންގައި ވެސް ކެންގަރޫކިޑްސް ހުއްޓުމެއް ނެތް!

ލޮކްޑައުންގައި މެދުނުކެނޑި ކިޔަވައިދިނުމުގައި ކެންގަރޫ ކިޑްސްގެ ތަޖުރިބާ

25 އޮކްޓޯބަރ 2020

ކޮވިޑް-19 އާ ގުޅިގެން ދިރިއުޅުން ހާސްކަމުގެ ތެރެއަށް ވެއްޓިފައި އޮއްވާ ބެލެނިވެރިންނަށް އިތުރު ނުތަނަވަސްކަމެއް ގެނުވި އެއްކަމަކީ، ތުއްތު ދަރިވަރުން ސްކޫލަށް ނުދެވި "ގޭގައި ބަންދުވެފައި" ތިބެން ޖެހުމުގެ ސަބަބުން ޖިސްމާނީ އަދި ނަފްސާނީގޮތުން އެ ކުދިންނަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކެވެ.

ކޮވިޑް-19 އާ ގުޅިގެން ދިރިއުޅުން ހާސްކަމުގެ ތެރެއަށް ވެއްޓިފައި އޮއްވާ ބެލެނިވެރިންނަށް އިތުރު ނުތަނަވަސްކަމެއް ގެނުވި އެއްކަމަކީ، ތުއްތު ދަރިވަރުން ސްކޫލަށް ނުދެވި "ގޭގައި ބަންދުވެފައި" ތިބެން ޖެހުމުގެ ސަބަބުން ޖިސްމާނީ އަދި ނަފްސާނީގޮތުން އެ ކުދިންނަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކެވެ.

"އަޅުގަނޑުގެ ދަރިފުޅަކީ ވަރަށް އެކްޓިވްކޮށް ހެލި ފެލިވެ އުޅޭ ކުއްޖެއް. ކޮވިޑްގެ ކުރިން ނޯމަލް ދުވަސްވަރު ދަރިފުޅުގެ އެންމެ އެކްޓިވް، އެންމެ ހެޕީ ވަގުތަކީ ކްލާސްމޭޓުންނާ އެކު ސްކޫލުގައި ހޭދަކުރާ ވަގުތުތައް. އަޅުގަނޑުގެ ހުންނަނީ އެންމެ ކުއްޖެއްކަމުން ދަރިފުޅާ އެކު ގޭތެރޭގައި އިންޓަރެކްޓްވާނެ އެހެން ކުދިންނެއް ނުތިބޭ،" ޕްލޭ ސްކޫލުގެ ބެލެނިވެރިޔަކު ބުންޏެވެ.

"އެހެންވެ ލޮކްޑައުންއާ ގުޅިގެން ވަރަށް ކަންބޮޑުވި މި ކްރިޓިކަލް އޭޖުގައި މިކަމާ ގުޅިގެން ދަރިފުޅުގެ ހެދިބޮޑުވުމަށް ނޭދެވޭ ބަދަލެއް އަތުވެދާނެތީ. ސްކޫލްގެ ލައިވް ކްލާސްތައް އެހާ އަވަހަށް ފެށީމަ މިކަމަށް ވަރަށް ބޮޑު ރިލީފެއް ލިބުނު."

އޭނާ ބުނި ގޮތުގައި ކްލާސް ކުދިންނާ ދިމާވެ، ފިލާވަޅުތައް ކުރިއަށް ގެންދާލެއް އިންޓަރެކްޓިވް ކަމުން އެކަންވީ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށެވެ.

އުމުރުން ދެ އަހަރާއި ހަތް އަހަރާ ދެމެދުގެ އުމުރުފުރާއަކީ، ދިރާސާތަކުން ދައްކާގޮތުގައި ކުޑަކުދިންގެ ސިކުނޑި އެންމެ ހަލުވިމިނެއްގައި ހެދިބޮޑުވާ ދުވަސްވަރެވެ. އެހެންކަމުން، މިފަދަ މުހިއްމު އުމުރެއްގައި، އަބަދު ގޭގައި ތިބެންޖެހުމުން، ދަރިވަރުންނަށް ނަފްސާނީ އަދި ޖިސްމާނީގޮތުން ކޮށްފާނެ ނޭދެވޭ އަސަރަކުން ހިމާޔަތްކުރުމަކީ ކެންގަރޫ ކިޑްސްގެ ފަރާތުން އެންމެ ބޮޑު ސަމާލުކަމެއް ދިން ކަންތަކެވެ.

އެހެންވެ ލޮކްޑައުންވުމާ އެކު އެންމެ ދުވަހެއް ވެސް މަޑުނުކޮށް، ސްކޫލްގެ ކިޔެވުން އޮންލައިންކޮށް ފަށައި، ފިލާވަޅުތައް ބައްޓަންކުރުމުގައި ވެސް އެންމެ ބޮޑު ސަމާލުކަމެއް ދިނީ އެ ކަންކަމަށެވެ. އަދި އޮންލައިންކޮށް ކިޔެވުމަށް ދަރިވަރުން ހޭނެމުން ދިޔަ ވަރަކަށް ފިލާވަޅުތައް އިތުރުކޮށް، އާންމުކޮށް ސްކޫލްގައި ކިޔަވައިދިނުން ކުރިޔަށް ގެންދާ ގޮތަށް ހަފްތާއަކު ފަސް ދުވަހު ވެސް، ލައިވް ކްލާސްތަކާއި ވީޑިއޯ ލެސަންތައް ސްކޫލުން ކުރިއަށް ގެންދެއެވެ.

އުނގެނުމުގެ އެންމެ މުހިންމު އަސާސީ ހުނަރުތައް ދަސްކުރަން ފަށާފައި ވަނިކޮށް ލޮކްޑައުންއާ ގުޅިގެން ކުއްލިއަކަށް ހުއްޓުމަކަށް އައުމުން އެ ދަރިވަރުންނަށް ކުރިމަތިވާނެ އުނގެނުމުގެ ހުސްކަން ގޭގައި ހަމަޖައްސާނެ ގޮތެއް ހޯދުމަކީ ވެސް ވަރަށް ގިނަ ބެލެނިވެރިންގެ ފިކުރަކަށް ވިއެވެ.

"އާ އަހަރު ފެށެންވާއިރަށް އިނގިރޭސި، ޚާއްސަކޮށް ދިވެހި ބަހުން ޖުމްލަ ހަދަން އަޅުގަނޑުގެ ދަރިފުޅަށް ދަސްވުމަކީ ވަރަށް ބޮޑަށް އަޅުގަނޑު ބޭނުންވެފައި ހުރި ކަމެއް. މިބައި ސްކޫލުގައި ފަށާފައި ވަރަށް ރަނގަޅަށް ކުރިޔަށް ދަނިކޮށް ކުއްލިއަކަށް ލޮކްޑައުންގައި ސްކޫލް ބަންދުވެ ކިޔެވުން ހުއްޓިދާނެތީ ވަރަށް ކަންބޮޑުވި،" ކެންގަރޫ ކިޑްސްގެ އެސްކޭޖީގެ ބެލެނިވެރިއަކު ބުންޏެވެ.

"ޖުމްލަ ހެދުން ފަދަ ބަހުގެ ހުނަރުތައް އޮންލައިންކޮށް ގެންދާއިރު ވެސް އެހާ ތުއްތު ކުދިންނަށް ރަނގަޅަށް ގެންދެވޭނެކަމާ މެދު ވަރަށް ކަންބޮޑުވެ އެކަމާ ވަރަށް ވިސްނުނު. އެހެން ހުއްޓާ ވަރަށް އުފާވި ސީދާ އޮންލައިން ކުލާސްތަކުގެ ތެރެއިން ދަރިފުޅަށް ޖުމްލަ ހަދަން ދަސްވީމަ."

އޭނާ ބުނި ގޮތުގައި ދަރިފުޅު ވެސް އެކަމާ ވަރަށް އުފާވެގެން ބައެއް ފަހަރު އޭނާގެ ފޯނު ނަގައިގެން އާއިލާގެ މީހުންނަށް ވެސް އަމިއްލަ ނަމުގަ ޖުމްލަ ހަދާލައިފައި މެސެޖް ވެސް މިހާރު ފޮނުވަ އެވެ.

"އެކަމާ ވަރަށް އުފާވޭ،" އެ ބެލެނިވެރިޔާ ބުންޏެވެ.

އުމުރުގެ ހަގުކަމާ އެކު އޮންލައިންކޮށް ޕްރީ ސްކޫލު އުމުރުގެ ތުއްތު ކުދިންނަށް އުނގަންނައިދިނުމަކީ އެހެން ގްރޭޑްތަކާ އަޅާބަލާއިރު އިތުރު ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމެއް ނަމަވެސް ދަރިވަރުން ޝައުގުވެރިވާ ގޮތަށް ފިލާވަޅުތައް ތައްޔާރު ކުރުމަށް ޓަކައި ކެންގަރޫ ކިޑްސްގެ މުދައްރިސުން ކުރައްވާ ބުރަ މަސައްކަތުގެ ނަތީޖާ ބެލެނިވެރިން ފާހަގަ ކުރެ އެވެ.

"ޝައުގުވެރި އެއްޗެހި ހޯދައިގެން އެހާ ކޮމްޕްލީޓް ލެސަނެއް މި ހަދަނީ. އަނެއްކާ ލައިވް ކުލާހުގައި ގެންދާ ބަޔާ ގުޅުވައިގެން ކޮންމެ ފިލާވަޅަކަށް ކުލާސް ޑޯޖޯ (ޕޭރަންޓް އެޕްލިކޭޝަން) ގައި އިތުރަށް ބޭނުންތެރި ބައިވަރު ރިސޯސް ހިއްސާކުރޭ. މިއީ ވަރަށް ގިނަ މަސައްކަތް، އެކަމާ ވަރަށް އުފާވޭ، ވަރަށް ޝުކުރުވެރިވަން." ކެންގަރޫ ކިޑްސް ގެ އެސްކޭޖީ ގެ ބެލެނިވެރިޔަކު ބުންޏެވެ.

މީގެ އިތުރުން އޮންލައިން ކުލާސްތަކުގެ ވީޑިއޯތަކުގައި ފެންނަ ކޮންމެ ހަރަކާތަކީ ވެސް ސީދާ އެ ދަރިވަރުންގެ މުދައްރިސުން ހުށަހަޅައިދޭ ހަރަކާތަކަކަށް ވާތީ، މިކަމުގެ ސަބަބުން، ދަރިވަރުންގެ ޝައުގުވެރިކަން އިތުރުވާ ކަން ވެސް ބެލެނިވެރިން ފާހަގަކުރެ އެވެ.

"އަޅުގަނޑު ދަރިފުޅު ހަމަގައިމު ވެސް ވަރަށް އުފާވޭ މުދައްރިސުން ވީޑިޔޯތަކުގައި ފެންނާތީ. ބުނާނެ ޓީޗަރު މެޖިކް ހަދަނީއޭ، ނަންބާސް ގެންނާނޭ، އެހެންވީމަ އެގޮތަށް ޓީޗާސް ފެންނަ ގޮތަށް ވީޑިއޯތައް ހަދާލައިފައި ހުންނާތީ ވަރަށް ހިތްހަމަޖެހޭ،" ކެންގަރޫ ކިޑްސްގެ ނާސަރީގެ ބެލެނިވެރިއަކު ބުންޏެވެ.

ކުއްލިއަކަށް ކޮމިއުނިޓީ ލޮކްޑައުންއަކަށް ދިޔަ ނަމަވެސް އެންމެ ދުވަހެއް ވެސް ވައްޓާނުލައި ކްލާސްތައް އޮންލައިން މޯޑަށް އޮމާންކަމާ އެކު ބަދަލުކުރެވުމުގެ މައިގަނޑު ސަބަބަކީ ކޮމިއުނިޓީ ސްޕްރެޑަކަށް ކެންގަރޫ ކިޑްސް އިން ދުރާލައި ތައްޔާރުވެފައި އޮތުމެވެ. މިގޮތުން މުދައްރިސުންނަށް އާންމު ގޮތެއްގައި ސްކޫލްގެ ހަތަރު ފާރުގެ ތެރެއިން ލިބެން ހުންނަ ވަސީލަތްތަކާއި އާލާތްތައް ލޮކްޑައުން ތެރޭގައި ގެއިން ލިބޭނެ ގޮތް މަގުފަހިކޮށްދީ، ވީޑިއޯ އެޑިޓްކުރުން، ނެރޭޓް ކުރުން، ޒޫމް އެޕްލިކޭޝަން ފަދަ އޮންލައިން ޓެކްނޮލޮޖީތަކަށް މުދައްރިސުން އިތުރަށް އަހުލުވެރިކުރުވުމަށް ޓަކައި ބޭނުންވާ ތަމްރީނާއި ވަސީލަތްތައް ފޯރުކޮށްދިނުމަށް ހާއްސަ މަސައްކަތްތަކެއް ކުރިއަށް ގެންދިޔަ އެވެ.

"ޓީޗަރުންނާއި މެނޭޖްމަންޓް ކުރާ މަސައްކަތް ވަރަށް ބޮޑަށް އެޕްރީޝިއޭޓް ކުރެވޭ. ހިތަށް އަރާ ހާދަ ޓައިމް އެންޑް އެނާޖީ އެކޭ. ޓީޗަރުން، މެނޭޖްމަންޓް، ކޯޑިނޭޓަރުން ވެސް އެބަޖެހޭ ޑައިރެކްޓަރުންނާއި އެޑިޓަރުންނާއި އެކްޓަރުންނަށް ވެސް ވެގެން އުޅެން. ލޮކްޑައުން ތެރޭގައި ވެސް ދަރިވަރުންނަށްޓަކައި އިތުރަށް އެފަޓްލައިގެން އެ ކޮށްދެއްވާ މަސައްކަތް ވަރަށް ފާހަގަކުރެވޭ،" އެސްކޭޖީގެ ބެލެނިވެރިއަކު ބުންޏެވެ.

މި ލޮކްޑައުންގެ ތެރޭގައި މިހާތަނަށް ކުރެވުނު މަސައްކަތާ މެދު ސްކޫލްގެ ޕްރިންސިޕަލް އައިމިނަތު ތަހުމީނާ ވަރަށް ބޮޑަށް ހިތްހަމަޖެހި ވަޑައިގަނެ އެވެ.

"ލޮކްޑައުންވެގެން މިހާ ދުވަހު އަޅުގަނޑުމެން ތަފާތު އެކި ގޮންޖެހުންތަކާ އެކު ވެސް ރަނގަޅު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް އަޅުގަނޑު ގަބޫލުކުރަން. މިކަން ބެލެނިވެރިންގެ ފީޑްބެކްތަކާއި، ދަރިވަރުންގެ ހާޒިރީ އާއި، ދަރިވަރުންގެ އުނގެނުން ހާސިލްވި މިންވަރަށް އައިސްފައިވާ ހެޔޮބަދަލުން އެނގިގެންދޭ،" ޕްރިންސިޕަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިގޮތަށް މަސައްކަތް ކުރެވުމުގެ އެންމެ ބޮޑު ސަބަބަކީ މުދައްރިސުންނާއި މުވައްޒަފުންގެ ފަރާތުން ކުރަމުންދާ މިންނަތް މަސައްކަތާއި، ބެލެނިވެރިންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުމެވެ. ނަމަވެސް މި ކްރިޓިކަލް އުމުރުފުރާގެ ބައެއް ދަރިވަރުން އެކި ސަބަބުތަކާހުރެ ނަމަވެސް މިފަދަ ދަނޑިވަޅެއްގައި ސްކޫލު މެދުވެރިކޮށް ކިޔެވުން އެއްކޮށް ހުއްޓާލައި، ކޮވިޑްގެ ހާލަތު ރަނގަޅުވުމުން ކިޔެވުން ފަށަން މަޑުކުރަން ޖެހިފައިވާތީ އޭނާ ހިތާމަ ފާޅުކުރެއްވި އެވެ.

"މީގެ ސަބަބުން ދަރިވަރުންނަށް އަނބުރާ އިއާދަ ނުކުރެވޭ ފަދަ ގެއްލުންތަކެއް ލިބޭނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ. އަޅުގަނޑުމެން މި އަންނަނީ ދަރިވަރުންނަށް އުނގަންނައިދިނުމުގެ އިތުރުން، އެ ކުދިންގެ ނަފްސާނީ، ޖިސްމާނީ އަދި އިޖުތިމާއީ ދުޅަހެޔޮކަމަށް މި ހާލަތުގައި އަންނާނެ ލޮޅުންތައް ވީހާ ވެސް ކުޑަކުރުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަމުން،" ޕްރިންސިޕަލް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެންމެންގެ ވެސް އުއްމީދަކީ ސްކޫލް އަލުން ހުޅުވި، ސްކޫލުގެ މާހައުލުން ދަރިވަރުންނާއި ބެލެނިވެރިންނާ ބައްދަލުވާނެ ދުވަހެއް ވީ އެންމެ އަވަހަކަށް އައުން."