Roadha Mihaaru
ރަނިލް އަށް ޕާޓީ ތެރޭން ގޮންޖެހުންތައް ކުރިމަތިވެއްޖެ

ރަނިލް އަށް ޕާޓީ ތެރޭން ގޮންޖެހުންތައް ކުރިމަތިވެއްޖެ

19 ސެޕްޓެމްބަރ 2019

ކޮލަމްބޯ (ސެޕްޓެމްބަރު 19) - ސްރީ ލަންކާގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) އިން ރިޔާސީ ކެންޑިޑޭޓަކު ނެރުމުގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކުގައި ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ އަށް އިތުރު ގޮންޖެހުމެއް ކުރިމަތިވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (ސެޕްޓެމްބަރު 19) - ސްރީ ލަންކާގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) އިން ރިޔާސީ ކެންޑިޑޭޓަކު ނެރުމުގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކުގައި ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ އަށް އިތުރު ގޮންޖެހުމެއް ކުރިމަތިވެއްޖެ އެވެ.

ޔޫއެންޕީގެ ކެންޑިޑޭޓަކީ ރަނިލް ކަމަށް ކުރިން ބެލެވުނު ނަމަވެސް ރިޔާސީ ރޭހަށް ނުކުންނަވާނެ ކަމަށް ޕާލަމެންޓުގެ ރައީސް ކަރޫ ޖަޔަސޫރިއާ އާއި ޕާޓީގެ ޑެޕިއުޓީ ލީޑަރު ސަޖިތު ޕްރެމަދާސާ ވިދާޅުވުމުން ވާދަވެރިކަން ވަނީ ބޮޑުވެފަ އެވެ.

ރައީސް މައިތުރިޕާލާ ސިރިސޭނާ އާއި ރަނިލްއާ ދެމެދު މިދިޔަ އަހަރު ފަހުކޮޅު އުފެދުނު ސިޔާސީ ދެކޮޅުވެރިކަން ހައްލުކުރުމުގައި އިސްރޯލެއް އަދާކުރެއްވި ޖަޔަސޫރިއާ، 78، ވިދާޅުވެފައި ވަނީ އޭނާ ވެސް ގައުމުގެ ރައީސްކަން ބޭނުންވާ ކަމަށެވެ.

"އެގްޒެކެޓިވް ޕްރެޒިޑެންސީ އުވާލުމުގެ ނިޔަތުގައި އަޅުގަނޑު ވެސް ރިޔާސީ ރޭހަށް ނުކުންނާނަން. ވެރިކަމުގެ ލައްޒަތު ބޭނުމެއް ނުވޭ،" ޖަޔަސޫރިއާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެގްޒެކެޓިވް ޕްރެޒިޑެންސީ އުވާލަން 1995 ވަނަ އަހަރުން ފެށިގެން ދަނީ މަސައްކަތް ކުރަމުން ކަމަށާއި އެކަމަކު އެކަން މިހާތަނަށް ވަނީ ފެއިލްވެފައި ކަމަށެވެ.

މިދިޔަ އަހަރު އޮކްޓޯބަރު މަހު ބޮޑު ވަޒީރުކަމުން ރަނިލް ދުރުކޮށް އެ މަގާމަށް ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ ހަމަޖެއްސުމާ ގުޅިގެން އުފެދުނު މައްސަލާގައި ޖަޔަސޫރިއާ ވަނީ ރަނިލް ވަކިކުރުމާ ދެކޮޅު ހައްދަވައިފަ އެވެ.

ރިޔާސީ ރޭހަށް ނުކުންނަވާނެކަން ޖަޔަސޫރިއާ އިއުލާން ކުރެއްވުމުގެ ކުރިން ސަޖިތު، 52، ވަނީ ޔޫއެންޕީގެ ކެންޑިޑޭޓަކަށް ވާނީ އޭނާ ކަމަށް އިއުލާން ކުރައްވައިފަ އެވެ. ކުރީގެ ރައީސް ރަނަސިންހަ ޕްރެމަދާސާގެ ދަރިކަލުން ވަނީ ރިޔާސީ ކެންޑިޑޭޓަކު ހޮވުމުގައި ޕާޓީގެ އެގްޒެކެޓިވްގެ ސިއްރު ވޯޓެއް ނެގުމަށް ގޮވާލައްވައިފަ އެވެ.

ޔޫއެންޕީން ކެންޑިޑޭޓަކު ހަމަޖައްސާނެ ގޮތަކާއި ވަގުތެއް އަދި ނޭނގެ އެވެ. ރިޔާސީ އިންތިޚާބު އޮންނާނީ ނޮވެމްބަރު 16 ގަ އެވެ.

އިދިކޮޅު ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ވަނީ ރާޖަޕަކްސާގެ ކޮއްކޯފުޅު ގޯޓާބޭ ރާޖަޕަކްސާ ހަމަޖައްސައިފަ އެވެ. ސަޖިތު ވިދާޅުވީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ލިބިއްޖެ ނަމަ ގޯޓާބޭ ބަލިކުރާނެ ކަމަށެވެ.

ދެހާސް ފަނަރަވަނަ އަހަރުގެ އިންތިޚާބަށް ސިރިސޭނާ އެންމެ ފަހު ވަގުތު ނުކުންނެވީ ރާޖަޕަކްސާގެ ސްރީ ލަންކާ ފްރީޑަމް ޕާޓީން ވަކިވެވަޑައިގެން، ރަނިލްއާ އެކު އެވެ. ނަމަވެސް ސިރިސޭނާ އާއި ރަނިލް ފަހުން ވަނީ ވަރަށް ބޮޑަށް މައްސަލަ ޖެހި އަދި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ރަނިލް މަގާމުން ދުރުކޮށްފަ އެވެ. މަގާމު ދޫކޮށްލަން ރަނިލް ދެކޮޅު ހެއްދެވުމުން އެ މައްސަލަ އެންމެ ފަހުން ހައްލު ކުރީ ސުޕްރީމް ކޯޓް މެދުވެރިކޮށެވެ. ކޯޓުން ނިންމީ ސިރިސޭނާގެ ނިންމުން ގާނޫނާޚިލާފު ކަމަށެވެ.

އާ ދައުރަކަށް ކުރިމަތިލައްވާނެކަން ސިރިސޭނާ އަދި އިއުލާން ކުރައްވައިފައެއް ނުވެ އެވެ.