Roadha Mihaaru
އިންތިޚާބަށް ފަހު ރަނިލްގެ މަގާމު ގެއްލޭނެކަން ޔަގީން

އިންތިޚާބަށް ފަހު ރަނިލްގެ މަގާމު ގެއްލޭނެކަން ޔަގީންވެއްޖެ

09 ނޮވެމްބަރ 2019

ކޮލަމްބޯ (ނޮވެމްބަރު 9) - ސްރީ ލަންކާގައި އަންނަ ހަފުތާގައި ބާއްވާ ރިޔާސީ އިންތިޚާބަށް ފަހު ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ މަގާމު ގެއްލޭނެކަން ގާތްގަނޑަކަށް ޔަގީންވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (ނޮވެމްބަރު 9) - ސްރީ ލަންކާގައި އަންނަ ހަފުތާގައި ބާއްވާ ރިޔާސީ އިންތިޚާބަށް ފަހު ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ މަގާމު ގެއްލޭނެކަން ގާތްގަނޑަކަށް ޔަގީންވެއްޖެ އެވެ.

އިންތިޚާބުގައި ވާދަކުރާ އެންމެ ވާދަވެރި ދެ ކެންޑިޑޭޓުން ވެސް ވިދާޅުވެފައި ވަނީ ރައީސްކަމުގެ މަގާމަށް ހޮވިއްޖެ ނަމަ ބޮޑު ވަޒީރުގެ މަގާމު ރަނިލް އަށް ނުދޭނެ ކަމަށެވެ.

އިދިކޮޅު ކެންޑިޑޭޓް ގޯޓާބޭ ރާޖަޕަކްސާ އާއި ރަނިލްގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) ގެ ކެންޑިޑޭޓް ސަޖިތު ޕްރަމަދާސާ ވިދާޅުވެފައި ވަނީ އިންތިޚާބު ވެއްޖެ ނަމަ އައްޔަން ކުރާނީ އާ ބޮޑު ވަޒީރެއް ކަމަށެވެ.

"ޕާލަމެންޓުގެ އަޣުލަބިއްޔަތު ހިފެހެއްޓޭވަރުގެ ބޮޑު ވަޒީރެއް އަދި އަޅުގަނޑު އައްޔަން ކުރާނީ،" ޓީވީ މެދުވެރިކޮށް ބުރާސްފަތި ދުވަހު ދެއްވި ބަޔާނެއްގައި ސަޖިތު، 52، ވިދާޅުވި އެވެ.

ޔޫއެންޕީގެ ރިޔާސީ ކެންޑިޑޭޓް އެހެން ވިދާޅުވުމާ އެކު އުމުރުން 70 އަހަރުގެ ރަނިލްގެ ސިޔާސީ ކުރިމަގު ވަނީ ބަނަވެފަ އެވެ.

ގޯޓާބޭ ވެސް ކުރިން ވިދާޅުވެފައި ވަނީ ޔޫއެންޕީގެ ލީޑަރު، ރަނިލް މަގާމުން ދުރުކުރާނެ ކަމަށެވެ.

ލަންކާގެ ގާނޫނު އަސާސީ އަށް ގެނައި ބަދަލުގައިވާ ގޮތުން ބޮޑު ވަޒީރަށް ވަނީ ބޮޑެތި ބާރުތަކެއް ދީފަ އެވެ. އޭގެ ތެރޭގައި ކެބިނެޓް އެކުލަވާލުމާއި ސަރުކާރު ހިންގުމުގައި ދުވަހުން ދުވަހަށް ކުރަން ޖެހޭ މަސައްކަތްތައް ހިމެނެ އެވެ.

ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ކޮއްކޯފުޅު ގޯޓާބޭ ވަނީ 2005-2015 އަށް ޑިފެންސް ސެކްރެޓަރީގެ މަގާމު އަދާކުރައްވައިފަ އެވެ. ކުރީގެ ރައީސް ރަނަސިންހަ ޕްރަމަދާސާގެ ދަރިކަލުން ސަޖިތު އަކީ ޔޫއެންޕީ ސަރުކާރުގެ ހައުސިން މިނިސްޓަރެވެ. ޕްރަމަދާސާ އަވަހާރަކޮށްލީ 1993 ވަނަ އަހަރު ތަމަޅަ ޓައިގަރުން ދިން ހަމަލާއެއްގަ އެވެ.

މި މަހު 16 ވަނަ ދުވަހު ބާއްވާ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 16 މިލިއަން މީހުންނަށް ލިބިފައިވެ އެވެ.