Roadha Mihaaru
ސިއްހީ ހިދުމަތަށް އެންމެ ބޮޑު ހަރަދެއް ކުރީ ރާއްޖެއިން

މި ސަރަހައްދުން ސިއްހަތަށް އެންމެ ބޮޑު ހޭދައެއް ކުރީ ރާއްޖެ އިން: ސާވޭ

12 ސެޕްޓެމްބަރ 2019

ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ގައުމުތަކުން ސިއްހީ ހިދުމަތަށް ހޭދަކޮށްފައިވާ އަދަދަށް ބަލާއިރު، އާބަދީގެ ނިސްބަތުން 2017 ވަނަ އަހަރު އެންމެ ބޮޑު ހަރަދެއް ކޮށްފައި ވަނީ ރާއްޖެ އިން ކަމަށް ސާވޭއަކުން ދައްކައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ގައުމުތަކުން ސިއްހީ ހިދުމަތަށް ހޭދަކޮށްފައިވާ އަދަދަށް ބަލާއިރު، އާބަދީގެ ނިސްބަތުން 2017 ވަނަ އަހަރު އެންމެ ބޮޑު ހަރަދެއް ކޮށްފައި ވަނީ ރާއްޖެ އިން ކަމަށް ސާވޭއަކުން ދައްކައިފި އެވެ.

ޑަބްލިއެޗްއޯ އާއި ހެލްތު މިނިސްޓްރީ ގުޅިގެން 2015-2017 އަށް ކުރި "ނެޝަނަލް ހެލްތު އެކައުންޓްސް" ސާވޭ އިން ދެއްކި ގޮތުގައި 2017 ގައި ރާއްޖެ އިން ސިއްހީ ހިދުމަތަށް ހަ ބިލިޔަން ރުފިޔާ ހަރަދުކުރި އެވެ. އޭގެ ތެރެއިން 77 ޕަސެންޓް ހަރަދުކުރީ ސަރުކާރުންނެވެ. އަދި ސަރުކާރުން ކުރި ހަރަދުގެ 60 ޕަސެންޓް ހަރަދުކޮށްފައި ވަނީ މީހުން ޑޮކްޓަރަށް ދެއްކުމަށެވެ. ސާވޭ އިން އެނގިފައިވާ ގޮތުގައި އެ އަހަރު ދައުލަތުގެ ބަޖެޓްގެ 32.3 ޕަސެންޓް ހަރަދުކުރީ ސިއްހީ ދާއިރާއަށެވެ.

ނެޝަނަލް ހެލްތު އެކައުންޓްސް ސާވޭގެ ރިޕޯޓް ނެރުނީ ހޮޓެލް ޖެންގައި އެކަމަށް ޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ސިއްހަތަށް ގެއްލުންހުރި އާދަކާދައިގެ ސަބަބުން ސިއްހަތަށް ކުރަން ޖެހޭ ހޭދައިގެ ބޮޑުކަން އިހުސާސް ކުރެވެނީ އެތައް އަހަރެއްގެ ފަހުން ކަމަށެވެ. މިއަދު ނެރުނު ރިޕޯޓުން ހާމަވެފައި އެވަނީ އެފަދަ ހޭދައިގެ ބޮޑުކަން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަދު އަޅުގަނޑުމެން ބޯ ސިނގިރެޓްގެ ސަބަބުން ސިއްހަތަށް ކުރަން ޖެހޭ ހޭދައިގެ ބޮޑުކަން އިހުސާސް ވަނީ މީގެ އެތައް އަހަރެއްގެ ފަހުން. މިއަދު ދުފާ ދުފުމުގެ ސަބަބުން އެތައް އަހަރެއް ފަހުން ގައުމާއި ރައްޔިތުން އަދި އެ ދުފުމުގެ ހިތްފަސޭހަކަން އިހުސާސް ކުރި މީހާ ކުރަން ޖެހޭ ހޭދަ އެތައް ހާސް ގުނަޔަކަށް އިތުރުވެގެން ދޭ،" އޭނާ ވިދާޅުވި އެވެ.

އަމީން ވިދާޅުވީ ފާއިތުވި ފަސް އަހަރު ވެސް ރާއްޖޭގައި ސިއްހީ ހިދުމަތަށް ކުރާ ހަރަދު ބޮޑުވަމުން ގޮސްފައިވާ ކަމަށެވެ. ބޭހަށް ކުރާ ހަރަދު ވެސް އިންތިހާ އަށް ބޮޑުވެފައިވާ ކަމަށާއި ބޭހާއި ސިއްހީ ހިދުމަތަށް ނަގާ އަގާއި އެ ހިދުމަތްތަކުގެ ފެންވަރާ އެކަށީގެންވާ ކަން ކަށަވަރު ކުރަން، ކުރަން ޖެހާ ކަންތައްތައް ސަރުކާރުން ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އެހެންވީމާ ޑޮކްޓަރުންނަށް ވެސް ސިއްހީ ހިދުމަތް ފޯރުކޮށްދޭ ތަންތަނުގައި ތިއްބެވި އިސްވެރިންނަށް ވެސް އަދި ބޭހާ ގުޅޭ ކަންކަމުގައި އުޅުއްވާ ހުރިހާ ބޭފުޅުންނަށް ވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މިކަމަށް ތައްޔާރުވެވަޑައިގަންނަވާށޭ،" އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ ރާއްޖޭގެ ސިއްހީ ހިދުމަތް އަލުން ބައްޓަން ކުރާ އިރު، ސިއްހީ ހިދުމަތަށް ކުރާ ހަރަދާ މެދު ފުންކޮށް ސަރުކާރުން ވަރަށް ފުންކޮށް ވިސްނާނެ ކަމަށެވެ.