Roadha Mihaaru
ސިއްހީ ދާއިރާއަށް އެންމެ ހަރަދުކުރަނީ ރާއްޖެއިން:ޕޫނަމް

ސިއްޚީ ދާއިރާ އަށް އެންމެ ބޮޑު ޚަރަދެއް ކުރަނީ ރާއްޖެއިން: ޕޫނަމް

06 ސެޕްޓެމްބަރ 2017

ސައުތު އީސްޓް އޭޝިއާގެ ގައުމުތަކުގެ ތެރެއިން ސިއްހީ ދާއިރާ އަށް އެންމެ ބޮޑު ޚަރަދެއް ކުރަނީ ރާއްޖެއިން ކަން ފާހަގަކޮށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން މި ސަރަހައްދަށް ކަނޑައަޅާފައި ހުންނަވާ ރީޖަނަލް ޑިރެކްޓަރު ޑރ. ޕޫނަމް ކެތްރަޕަލް ސިންހާ މިއަދު ތައުރީފު ކުރައްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސައުތު އީސްޓް އޭޝިއާގެ ގައުމުތަކުގެ ތެރެއިން ސިއްހީ ދާއިރާ އަށް އެންމެ ބޮޑު ޚަރަދެއް ކުރަނީ ރާއްޖެއިން ކަން ފާހަގަކޮށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން މި ސަރަހައްދަށް ކަނޑައަޅާފައި ހުންނަވާ ރީޖަނަލް ޑިރެކްޓަރު ޑރ. ޕޫނަމް ކެތްރަޕަލް ސިންހާ މިއަދު ތައުރީފު ކުރައްވައިފި އެވެ.

ޑަބްލިއުއެޗްއޯގެ ސައުތު އީސްޓް އޭޝިއާ ސަރަހައްދުގެ ބައްދަލުން ފެށުމަށް ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޕޫނަމް ވިދާޅުވީ އެހެން ގައުމުތަކުން ސިއްހީ ދާއިރާ އަށް ޚަރަދު ކުރަނީ ރާއްޖެ އަށް ވުރެ ދެގުނަ މަދުން ކަމަށެވެ.

އޭނާ ވިދާޅުވީ ދިވެހި ދައުލަތުގެ ބަޖެޓުން ސިއްހީ ދާއިރާ އަށް 26 ޕަސެންޓް ޚާއްސަ ކޮށްފައިވާއިރު އެއީ ވަރަށް ބޮޑު އަދަދެއް ކަމަށެވެ.

"...އެހެންވީމަ މި ކަންތައްތަކާ އެކުގައި ވެސް ދެމުންދާ ޚިދުމަތްތައް ބަލައިގަންނަން ޖެހޭ،" ރާއްޖޭގެ ސިއްހީ ދާއިރާ އަށް ތައުރީފު ކުރައްވަމުން ޕޫނަމް ވިދާޅުވި އެވެ.

ޑަބްލިއުއެޗްއޯ އިން ބުނިގޮތުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ބޭސްފިހާރައެއް ހުޅުވުމަކީ ސިއްހީ ދާއިރާ އިން ކާމިޔާބު ހޯދާކަމުގެ ހެއްކެކެވެ.

ޕޫނަމް ވިދާޅުވީ ސައުތު އީސްޓް އޭޝިއާގެ ގައުމުތަކުގެ ތެރެއިން ރާއްޖެ އަކީ ބޭސްފަރުވާ އަށް ގައުމުން ބޭރަށް މީހުން ދާ ހަމައެކަނި ގައުމު ކަމަށެވެ.

އޭނާ ވިދާޅުވީ މި ސަރަހައްދުގައި 11 ގައުމު ހިމެނޭއިރު، ރާއްޖެ ވެފައި ވަނީ ބޭސްފަރުވާ އަށް ބޭރަށް ދާން ބޭނުންވާ މީހުން އުޅޭ ގައުމެއްގެ ގޮތުގައި ކަމަށެވެ.

ޕޫނަމް ވިދާޅުވި ގޮތުގައި ސަރުކާރުންނާއި އަމިއްލަ ފަރާތްތަކުން ވެސް ރާއްޖޭގައި ހޮސްޕިޓަލްތައް ހަދަމުން އަންނައިރު، އަމިއްލަ ގައުމުގައި ތިބެގެން ފަރުވާ ހޯދާ މީހުންގެ އަދަދު އިތުރުވެ އަދި ސިއްހީ ހިދުމަތް ވެސް އަވަސްވާނެ އެވެ. އެކަމަކު މި ހާލަތުގައި ވެސް ދިވެހިން ބޭނުން ވަނީ ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ދިއުމަށް ކަން ޕޫނަމް ފާހަގަކުރެއްވި އެވެ.

ފަރުވާ ހޯދުމަށް އެހެން ގައުމުތަކަށް ދިއުމަކީ ޚަރަދު ބޮޑު ކަމެއް ކަމަށާއި ދަތުރުފަތުރަށް ވެސް ސަރުކާރުން ބޮޑު ހޭދައެއް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބޭރަށް ދިއުމަށް ބޮޑު ޚަރަދެއް އެބަކުރޭ. އެކަމަށް ދާ މީހުންނަށް [ސަރުކާރުން] ކުރަންޖެހޭ ދަތުރުފަތުރުގެ ޚަރަދު ބޮޑު. [މި ސަރަހައްދުގެ] އެހެން ގައުމުތަކުގައި އެ ކަހަލަ އެހީތަކެއް ރައްޔިތުންނަށް ނުލިބޭ،" ޕޫނަމް ވިދާޅުވި އެވެ.