Roadha Mihaaru
މިލައިދޫ ރިސޯޓަށް މުވައްޒަފުން ހޯދަން އިތުރު ބުރެއް

މިލައިދޫ ރިސޯޓަށް މުވައްޒަފުން ހޯދަން އިތުރު ބުރެއް ބާއްވަނީ

20 ސެޕްޓެމްބަރ 2016

ބ. އަތޮޅުގައި ޔުނިވާސަލް އެންޓަޕްރައިސަސް އިން އަލަށް ހަދާ މިލައިދޫ އައިލެންޑް ރިސޯޓުގެ އެކި ވަޒީފާތަކަށް މީހުން ހޯދުމުގެ ދެވަނަ ބުރެއް މާދަމާ ބާއްވަން ނިންމައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ބ. އަތޮޅުގައި ޔުނިވާސަލް އެންޓަޕްރައިސަސް އިން އަލަށް ހަދާ މިލައިދޫ އައިލެންޑް ރިސޯޓުގެ އެކި ވަޒީފާތަކަށް މީހުން ހޯދުމުގެ ދެވަނަ ބުރެއް މާދަމާ ބާއްވަން ނިންމައިފި އެވެ.

ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ އަދި އެންމެ ބޮޑު ޓޫރިޒަމް ކުންފުނި ކަމަށްވާ ޔުނިވާސަލްގެ އޮފިޝަލަކު މިއަދު ވިދާޅުވީ އަންނަ ނޮވެމްބަރު މަހު ހުޅުވަން ނިންމާފައިވާ ފަސް ތަރީގެ ރިސޯޓުގެ ޕްރީ އޮޕެނިން ޓީމުގެ ގޮތުގައި އެކި ވަޒީފާތަކަށް ހޯދާ 200 އެއްހާ މީހުންގެ ތެރެއިން 75 ޕަސެންޓް މީހުން ލިބިފައިވާ ކަމަށެވެ. އަދި އިތުރަށް ބޭނުންވާ މީހުން ހޯދަން އޯޕަން ޑޭއެއް މާދަމާ ހެނދުނު 9:00 އިން ފެށިގެން ރޭގަނޑު 8:00 އަށް ސޯލްޓް ރެސްޓޯރަންޓްގައި ކުރިޔަށް ގެންދަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިދިޔަ މަހު އަޅުގަނޑުމެން ބޭއްވި އޯޕަން ޑޭއަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނު. ނަމަވެސް އަޅުގަނޑުމެންގެ ހުރިހާ ވަޒީފާތަކަށް ބޭނުންވާ އަދަދަށް މީހުން ކުރިމަތިލާފައި ނުވާތީ އިތުރު ބުރެއް ބާއްވަން ނިންމީ،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވަޒީފާއަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް މާލޭގައި އޮޕަންޑޭއެއް ބާއްވަނީ ވަޒީފާއަށް ކުރިމަތިލާ ގިނަ ބަޔަކު ތިބީ މާލޭގައި ކަމަށް ވާތީ ކަމަށެވެ.

މިލައިދޫގައި ހަދާފައިވާ ބީޗް ވިލާއެއް: މިއީ ޔުނިވާސަލް ގްރޫޕުން 1992ގެ ފަހުން ހުޅުވާ ފުރަތަމަ ރިސޯޓް. ފޮޓޯ: މިލައިދޫ ޑޮޓްކޮމް

މިލައިދޫގައި ހަދާފައިވާ ބީޗް ވިލާއެއް: މިއީ ޔުނިވާސަލް ގްރޫޕުން 1992ގެ ފަހުން ހުޅުވާ ފުރަތަމަ ރިސޯޓް. ފޮޓޯ: މިލައިދޫ ޑޮޓްކޮމް

"މި ވަޒީފާތަކަށް އެކަށީގެންވާ ރަނގަޅު މުސާރަ އާއި ތަމްރީނު ދެވޭނެ. މިއީ ވަޒީފާ ބޭނުންވާ ފަރާތްތަކަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވަޒީފާއަށް ޝައުގުވެރިވާ ފަރާތްތަކާ އިންޓަވިއުކުރުމަށް ފަހު ހޮވޭ މީހުންނަށް އެކަން ވަގުތުން އަންގާނެ ކަމަށެވެ.

ސަތޭކަ އެނދުގެ މިލައިދު އަކީ 1992 ގެ ފަހުން ޔުނިވާސަލްއިން ހުޅުވާ ފުރަތަމަ ރިސޯޓެވެ. އެ ކުންފުނީގެ ހިއްސާ އޮންނަ މަތީ ފެންވަރުގެ ނުވަ ރިސޯޓް ރާއްޖޭގައި ހިންގަ އެވެ. އޭގެ ތެރޭގައި ބޭރުގެ މަޝްހޫރު ބްރޭންޑްތަކުން ހިންގާ ރިސޯޓްތަކެއް ވެސް ހިމެނެ އެވެ.