Roadha Mihaaru
ޓީޗަރުންގެ ކޮންފަރެންސަށް 87 ކަރުދާސް

ޓީޗަރުންގެ ކޮންފަރެންސަށް 87 ކަރުދާސް، އެންމެ ގިނަ ކަރުދާސް ހުށަހެޅީ ހިތަދޫ ސްކޫލުން

04 ސެޕްޓެމްބަރ 2019

އައްޑޫ ގައި މިއަދު ފެށި ފަސް ވަނަ އިންޓަނޭޝަނަލް ޓީޗާސް ކޮންފެރެންސަށް 87 ކަރުދާސް ހުށަހަޅާފައިވާ ކަމަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އިން ބުނެފި އެވެ.

އަހުމަދު އަދްޝަން ސ. ހިތަދޫން އަހުމަދު އަދްޝަން

އައްޑޫ ގައި މިއަދު ފެށި ފަސް ވަނަ އިންޓަނޭޝަނަލް ޓީޗާސް ކޮންފެރެންސަށް 87 ކަރުދާސް ހުށަހަޅާފައިވާ ކަމަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އިން ބުނެފި އެވެ.

މިއަދާއި މާދަމާ ހިތަދޫ ގައި ކުރިއަށް ގެންދާ ޓީޗަރުންގެ ކޮންފެރެންސަކީ އެންއައިއީ އާއި އިނގިރޭސި ވިލާތުގެ ކެމްބްރިޖް ޔުނިވަސިޓީ ގުޅިގެން ބާއްވާ ހަރަކާތެކެވެ.

ހިތަދޫ ޝަރަފުއްދީން ސްކޫލްގައި ކުރިއަށް ގެންދާ ކޮންފަރެންސްގައި ތައުލީމީ ދާއިރާއާ ގުޅުން ހުރި އެކި ކަހަލަ ކަންކަމަށް ހާއްސަ 87 ކަރުދާހަކާ ބެހޭ ގޮތުން މަޝްވަރާ ކުރަން ނިންމި ނަމަވެސް، ކަރުދާސް ހުށަޙަޅަން ހުޅުވައިލި ފުރުސަތުގައި 100 އަށް ވުރެ ގިނަ ކަރުދާސް ހުށަހެޅި އެވެ. އަދި ކޮންފަރެންސަށް 98 ކަރުދާހެއް ފައިނަލް ކުރި އެވެ.

އެކަމަކު، ބައެއް ކަރުދާސްތައް ހުށަހެޅި ފަރާތްތަކަށް ކޮންފަރެންސްގައި ބައިވެރިވެވޭ ގޮތް ނުވުމުން ކޮންފަރެންސް ތެރޭގައި މަޝްވަރާ ކުރަން ނިންމާފައި ވަނީ ޖުމްލަ 87 ކަރުދާހަކަށެވެ.

މީގެ ތެރެއިން އެންމެ ގިނަ ކަރުދާސް ހުށަހެޅީ ކޮންފަރެންސް ކުރިއަށް ގެންދާ އައްޑޫގެ ސްކޫލްތަކުންނެވެ. އަދި އެއް ސްކޫލަކުން އެންމެ ގިނަ ކަރުދާސް ހުށަހެޅީ ހިތަދޫ ސްކޫލުންނެވެ. އެއީ 13 ކަރުދާހެވެ

ނަމަވެސް އެންއައިއީން ބުނީ އެންމެ ގިނަ ކަރުދާސް ހުށަހެޅީ އައްޑޫން ކަމަށް ވަކިން ހައިލައިޓް ކުރަން ބޭނުންނުވާ ކަމަށެވެ.

"އެހެންވެ އެބައި އަހަރެމެން ހަގީގަތުގައި ކައުންޓެއް ނުކުރަން. މީގައި މުހިއްމު ކަމަކީ ކޮންފަރެންސްގައި ބައިވެރިވާ ހުރިހާ ފަރާތްތަތަކެއް ވެސް އެއް ހަމައަކުން ބަލައިގެން ކޮންފަރެންސް ކުރިއަށް ގެންދިއުން،" ކޮންފެރެންސްގެ ކޯޑިނޭޓަރު ޝުހުދާ ރިޒްވާން ވިދާޅުވި އެވެ.

"މީގައި ބައިވެރިވާ ހުރިހާ ފަރާތްތަކަކުން ވެސް ވަރަށް މުހިއްމު ޕޭޕަރުތަކެއް ހުށަހަޅާފައި އެބަހުރި."

ކަރުދާސް ހުށަހަޅާފައިވާ ދާއިރާތަކުގެ ތެރޭގައި އެންމެ ގިނައިން ހުރީ ކަރިކިއުލަމް އިމްޕްލިމެންޓޭޝަނާއި ކަރިކިއުލަމް ރިލޭޓެޑް ޓީޗިން އާއި ޓީޗާސް ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް އަދި އިންކްލޫސިވް އެޑިއުކޭޝަން ފަދަ ދާއިރާތަކާ ގުޅުން ހުރި ކަރުދާސްތަކެވެ.

މި ފަހަރުގެ ކޮންފަރެންސްގައި 250 މަންދޫބުން ބައިވެރިވާ އިރު، އޭގެ ތެރޭގައި މެލޭޝިއާ، ސިންގަޕޫރު، އިންޑިއާ، ސްރީ ލަންކާ، ޕާކިސްތާނު އަދި އިނގިރޭސި ވިލާތުގެ ތައުލީމީ ދާއިރާގެ މީހުން ހިމެނެ އެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ކޮންފަރެންސްގެ ތެރޭގައި ވަރަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ވަނީ ރާވައިފަ އެވެ. އޭގެ ތެރޭގައި ކަރުދާސްތަައް ހުށަހެޅުމާއި ޕެނަލް ޑިސްކަޝަންތަކާ އެކު، ތައުލީމީ ދާއިރާއާ ގުޅުން ހުރި އެކި ކަހަލަ މައްސަލަތަކަށް ވާހަކަ ދައްކައި ހިޔާލުބަދަލު ކުރުން ވެސް ހިމެނެ އެވެ.

މިއަދު ފެށީ ޓީޗަރުންގެ ކޮންފަރެންސްގެ ތެރެއިން.

މިއަދު ފެށީ ޓީޗަރުންގެ ކޮންފަރެންސްގެ ތެރެއިން.

ޓީޗާސް ކޮންފަރެންސަކީ ކިޔަވައި ދިނުމުގެ ފެންވަރު މަތިކޮށް، ދިމާވާ މައްސަލަތައް ދެނެގަނެ އެ ކަންކަމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރަން ބާއްވާ ހަރަކާތެކެވެ. ޓީޗަރުންގެ ކޮންފަރެންސް އެންމެ ފަހުން ބޭއްވީ 2017 ގަ އެވެ. ހަތަރު ވަނަ އެ ކޮންފަރެންސް ގައި 220 އަށް ވުރެ ގިނަ މީހުން އެ ފަހަރު ބައިވެރިވި އެވެ.