Roadha Mihaaru
ފަނޑިޔާރު ޑީޑީ ވަކިކުރުމުގެ މައްސަލަ ކޮމިޓީ އަށް

ފަނޑިޔާރު ޑީޑީ ވަކިކުރުމުގެ މައްސަލަ މަޖިލިހުގެ ކޮމިޓީ އަށް

27 އޯގަސްޓް 2019

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ވަކިކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި މައްސަލަ ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީ އަށް މިރޭ ފޮނުވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ވަކިކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި މައްސަލަ ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީ އަށް މިރޭ ފޮނުވައިފި އެވެ.

ޖޭއެސްސީ އިން ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީގައި ވަނީ ފަނޑިޔާރުންގެ ގާނޫނުގެ ދަށުން ފަނޑިޔާރު ޑީޑީ ވަޒީފާ އިން ވަކިކުރަން އެ ކޮމިޝަނުން ނިންމުމާ ގުޅިގެން އެކަން ތަންފީޒުކޮށް ދިނުމަށް އެދޭ ކަމަށެވެ. އަދި ސިޓީއާ އެކު، ތަހުގީގު ކުރި ކޮމިޓީގެ ރިޕޯޓާއި ރައްދުވާ ފަރާތުގެ ބަޔާނާއި އެހެން ލިޔެކިޔުންތަކުގެ ކޮޕީ ވެސް ފޮނުވި އެވެ.

ޑީޑީގެ މައްޗަށް ކުރާ އެންމެ ބޮޑު ތުހުމަތަކީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ މައްސަލާގެ ތުހުމަތު ކުރެވޭ މީހަކު ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ފައިސާ ދިންއިރު ފަނޑިޔާރު ޑީޑީ އަށް ވެސް ފައިސާ ލިބިފައި އޮތް ކަމަށް ތުހުމަތުކުރެވުމެވެ. ޑީޑީ ވަނީ ރިޝްވަތުގެ އެއްވެސް އަމަލެއް އަދި ޖިނާއީ އެއްވެސް އަމަލެއް ދުވަހަކު ވެސް ހިންގަވާފައި ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.

ޑީޑީ ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމާފައި ވަނިކޮށް ސުޕްރީމް ކޯޓުން ވަނީ އެ ސަސްޕެންޝަނަށް އަމަލު ކުރުން ފަސްކޮށް، އިތުރު ފިޔަވަޅެއް އެ މައްސަލާގައި ނާޅަން އަމުރުކޮށްފަ އެވެ. އެކަމަކު ޖޭއެސްސީން ވަނީ އެ އަމުރު ގަބޫލު ނުކޮށް، ސަސްޕެންޝަން ދެމި އޮންނާނެ ކަމަށް ނިންމައިފަ އެވެ. ޑީޑީ ވަނީ ކުރިން ހައި ކޯޓުގެ އިސް ފަނޑިޔާރު ކަން ކުރައްވައިފަ އެވެ.

މަޖިލީހުން ފާސް ކޮށްގެން ފަނޑިޔާރު ކަމުން ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ދާދި ފަހުން ވަނީ މަގާމުން ވަކިކޮށްފަ އެވެ.