Roadha Mihaaru
މިދިޔަ ހަފްތާ 769 އުޅަނދުގައި ސްޓިކާ ޖެހި

މިދިޔަ ހަފްތާ 769 އުޅަނދުގައި ސްޓިކާ ޖެހި

25 އޯގަސްޓް 2019

ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި 700 އަށް ވުރެ ގިނަ އުޅަނދުގައި މިދިޔަ ހަފްތާ ޓްރެފިކް ސްޓިކާ ޖަހާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި 700 އަށް ވުރެ ގިނަ އުޅަނދުގައި މިދިޔަ ހަފްތާ ޓްރެފިކް ސްޓިކާ ޖަހާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މާލެ ސިޓީގައި ބަލާ ޓްރެފިކް މައްސަލަތަކުގެ ހިސާބުތައް ކޮންމެ ހަފްތާއަކު ފުލުހުން އަންނަނީ އާންމުކުރަމުންނެވެ. އެތަނުން މިއަދު އާންމު ކުރި ހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ 17 އިން ފެށިގެން މިދިޔަ ހުކުރު ދުވަހާ ހަމައަށް 769 އުޅަނދުގައި ސްޓިކާ ޖަހާފައިވާ ކަމަށެވެ. ގަވާއިދާ ހިލާފަށް ޕާކުކުރާ ފުރަތަމަ ފަހަރު ޖޫރިމަނާ ކުރަނީ 250ރ. އިންނެވެ. އެކަން ތަކުރާރު ކޮށްފި ނަމަ ދެވަނަ ފަހަރު 500ރ. އިން ޖޫރިމަނާކޮށް އަދި ތިން ވަނަ ފަހަރު 750ރ. އިން ޖޫރިމަނާކުރެ އެވެ. އެހެންވެ ޖޫރިމަނާގެ ގޮތުގައި ފަސް ލައްކަ ރުފިޔާ ލިބޭނެ ކަމަށް ބެލެވެ އެެވެ.

ފުލުހުން މިއަދު ކުރި ޓްވީޓެއް

އެތަނުން ބުނި ގޮތުގައި މިދިޔަ ހަފްތާ 557 އުޅަނދެއް އެތަނުން ބަލާ ފާސްކުރި އެވެ. އަދި 47 އުޅަނދެއް ޓޯ ކުރި ކަމަށް ވެސް ފުލުހުން ބުނެފައި ވެ އެވެ.

ޓްރެފިކް ފުލުހުން ބެލި މައްސަލަތަކުގެ ތެރެއިން މިދިޔަ ހަފްތާ އެންމެ ގިނައީ އިންޝުރަންސާއި ރޯޑް ވާދިނެސް ނެތް މައްސަލަތައް ކަމަށް އެތަނުން ބުންޏެވެ. އެފަދަ 115 މައްސަލައެއް ބެލި އިރު، ލައިސަންސަކާ ނުލާ ދުއްވި 140 މީހުން ހިފެހެއްޓި ކަމަށް ވެސް އެތަނުން ބުންޏެވެ. އަދި ލައިސަންސް ނުލާ ދުއްވި 107 މައްސަލައަކާއި ޓްރެފިކް ސައިންތަކާ ހިލާފަށް ދުއްވި 17 މައްސަލައެއް ވެސް މިދިޔަ ހަފްތާ ބެލިކަމަށް އެތަނުން ބުންޏެވެ.

މީގެ އިތުރުން މިދިޔަ ހަފްތާގައި 43 މަގުމަތީ އެކްސިޑެންޓެއް ހިނގި ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި މި އެކްސިޑެންޓުތަކުގައި 13 މީހަކަށް އަނިޔާވެފައިވާ ކަމަށް ވެސް އެތަނުން ބުންޏެވެ.

ގަވާއިދާ ހިލާފަށް ޓެކްސީ ދުއްވި އަށް މައްސަލައަކާއި ހެލްމެޓް ނާޅާ ދުއްވި 22 މީހަކަށް މިދިޔަ ހަފްތާގައި ނަސޭހަތްދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.