Roadha Mihaaru
1300 އުޅަނދެއްގައި މިދިޔަ ހަފުތާގައި ސްޓިކާ ޖެހި

ގަވާއިދާ ހިލާފަށް ޕާކުކުރުމުން 1300 އަށް ވުރެ ގިނަ އުޅަނދުގައި މިދިޔަ ހަފުތާގައި ސްޓިކާ ޖަހައިފި

30 ޖޫން 2019

ގަވާއިދާ ހިލާފަށް ޕާކުކޮށްގެން މިދިޔަ ހަފުތާގެ ތެރޭގައި 1،300 އަށް ވުރެ ގިނަ އުޅަނދުގައި ސްޓިކާ ޖަހައިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ގަވާއިދާ ހިލާފަށް ޕާކުކޮށްގެން މިދިޔަ ހަފުތާގެ ތެރޭގައި 1،300 އަށް ވުރެ ގިނަ އުޅަނދުގައި ސްޓިކާ ޖަހައިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން އަންނަނީ ކޮންމެ ހަފްތާއަކު ވެސް، އޭގެ ކުރީ ހަފުތާގައި އެތަނުން ބެލި ޓްރެފިކް މައްސަލަތަކުގެ ތަފާސްހިސާބު އާންމުކުރަމުންނެވެ. ފުލުހުން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ހަފްތާގައި އެތަނުން ވަނީ ގަވާއިދާ ހިލާފަށް ފާކުކުރި 1،350 އުޅަނދެއްގައި ސްޓިކާ ޖަހައިފަ އެވެ. ގަވާއިދާ ހިލާފަށް ޕާކުކުރާ ފުރަތަމަ ފަހަރު ޖޫރިމަނާ ކުރަނީ 250ރ. އިންނެވެ. އެކަން ތަކުރާރު ކޮށްފި ނަމަ ދެވަނަ ފަހަރު 500ރ. އިން ޖޫރިމަނާކޮށް އަދި ތިން ވަނަ ފަހަރު 750ރ. އިން ޖޫރިމަނާކުރެ އެވެ. އެހެންކަމުން ޖޫރިމަނާގެ ގޮތުގައި މިލިއަނެއްހާ ރުފިޔާ ލިބޭނެ ކަމަށް ބެލެވެ އެވެ.

ފުލުހުން ކުރި ޓްވީޓެއް

ޕާކު ކުރާނެ ތަނެއް ދެއްކުމަށް ފަހު ނޫނީ ސްޓިކާ ނުޖަހާނެ ކަމަށް ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު އޭރުގެ އިދިކޮޅު ކެންޑިޑޭޓު އަދި މިހާރުގެ ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ވައުދުވެވަޑައިގެންފައި ވެ އެވެ. ނަމަވެސް ފެބްރުއަރީ މަހުން ފެށިގެން ފުލުހުން ވަނީ ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތަކުގައި އަލުން ސްޓިކާ ޖަހަން ފަށައިފަ އެވެ.

ފުލުހުން އާންމުކުރި ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ހަފްތާ 591 އުޅަނދެއް ފާސްކޮށްފައި ވެ އެވެ. އެންމެ ގިނައިން ހިފަހައްޓާފައި ވަނީ ލައިސަންސް ނެތި ދުއްވި މީހުން ކަމަށް ފުލުހުން ބުންޏެވެ. ލައިސަންސް ނެތް 117 މީހަކު ހިފަހައްޓާފައިވާ އިރު، ލައިސަންސް ކާޑާ ނުލައި ދުއްވި 85 މީހަކު ވެސް އެތަނުން ވަނީ ހިފަހައްޓައިފަ އެވެ. އަދި މުއްދަތު ހަމަވެފައިވާ ލައިސަންސަކާ އެކު ދުއްވި 11 މީހެއްގެ ލައިސަންސް ހިފެހެއްޓި ކަމަށް ވެސް އެތަނުން ބުންޏެވެ.

މާލެ ސަރަހައްދުގައި މިިދިޔަ ހަފްތާގެ ތެރޭގައި 34 އެކްސިޑެންޓް ހިނގި ކަމަށާއި، އެ އެކްސިޑެންޓުތަކުގައި 20 މީހަކަށް ޒަހަމްވެފައިވާ ކަމަށް ވެސް ފުލުހުން ބުނެފައި ވެ އެވެ. އަދި އެކްސިޑެންޓެއްގެ ސަބަބުން ފަސް މީހެއްގެ ލައިސަންސް ފުލުހުން ވަނީ އަތުލައިފަ އެވެ.

މީގެ އިތުރުން ހަތަރު ފުރޮޅުލީ ފަސް އުޅަނދަކާއި 39 ސައިކަލް ޓޯކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެފައި ވެ އެވެ. އުޅަނދުތައް ޓޯ ކުރާއިރު މި ދުވަސްވަރު ބޮޑަށް ބަލަނީ ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތަކަށް ވުރެ ގިނަ ދުވަހު ޕާކުކޮށްފައި ހުންނަ ބާ އުޅަނދުތަކަށް ކަމަށް މި މަހު ކުރީކޮޅު ފުލުހުން ބުނެފައި ވެ އެވެ.

ގަވާއިދާ ހިލާފުވެގެން ޓޯކޮށްފައި ހުރި 79 އުޅަނދެއް މި މަހު 15 ގައި ފުލުހުން ވަނީ ނައްތާލައިފަ އެވެ.