Roadha Mihaaru
ޑިބްރޭނާ އަށް ގާޑިއޯލާގެ ތައުރީފް

ޑިބްރޭނާ އަށް ގާޑިއޯލާގެ ތައުރީފް

18 ސެޕްޓެމްބަރ 2016

މެންޗެސްޓާ (ސެޕްޓެމްބަރު 18) - ލިއޮނަލް މެސީ ނެގުމަށް ފަހު، ދެން އޭނާ ކޯޗުކޮށްދިން އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި މެންޗެސްޓާ ސިޓީގެ ކެވިން ޑިބްރޭނާ ހިމެނޭނެ ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މެންޗެސްޓާ (ސެޕްޓެމްބަރު 18) - ލިއޮނަލް މެސީ ނެގުމަށް ފަހު، ދެން އޭނާ ކޯޗުކޮށްދިން އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި މެންޗެސްޓާ ސިޓީގެ ކެވިން ޑިބްރޭނާ ހިމެނޭނެ ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ޕްރިމިއާ ލީގަށް ޗެލްސީން ތައާރަފްވި ޑިބްރޭނާ ޖަރުމަނުގެ ވޮލްފްސްބާގަށް ކުޅުމަށް ފަހު ސިޓީއާ ގުޅުނީ މިދިޔަ އަހަރެވެ. އެ ޓީމާ އެކު އޭނާ އަންނަނީ މެދުތެރޭގައި މޮޅަށް ކުޅެ ލަނޑު ވެސް ޖަހަމުންނެވެ. ސިޓީ އަށް ކުޅެދިން 48 މެޗުން އޭނާ ވަނީ 18 ގޯލް ޖަހައި 16 އެސިސްޓްކޮށްފަ އެވެ.

"މެސީ އަށް ޖާގަ ދޭނީ ވަކި މޭޒަކުން. އިތުރު ކުޅުންތެރިޔަކަށް އެ ފުރުސަތެއް ނުލިބޭނެ. އެކަމަކު ދެން ހުރި މޭޒުން ޑިބްރޭނާ އަށް ފުރުސަތު އޮންނާނެ،" ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާގެ ކޯޗިން ކެރިއަރުގައި އޭނާ ވަނީ ދުނިޔޭގައި އުފެދުނު ހުނަރުވެރި ގިނަ މިޑްފީލްޑަރުންނަށް ކޯޗުކޮށްދީފަ އެވެ. އޭގެ ތެރޭގައި ޒަވީ ހެނާންޑޭޒް އާއި އަންދްރޭ އިނިއެސްޓާ ހިމެނެ އެވެ.

"ޑިބްރޭނާ އަކީ އާދަޔާހިލާފު މޮޅު ކުޅުންތެރިއެއް. ބޯޅަ ނެތިއްޔާ ބޯޅަ ހޯދަން ފުރަތަމަ މަސައްކަތްކުރާނީ. ބޯޅަ ލިބުމުން، އެންމެ ރަނގަޅު ގޮތަކަށް އެ ބޯޅަ ނިންމާލާނެ. އަބަދުވެސް އޭނާގެ ހުރިހާ ނިންމުމެއް ވަރަށް ފުރިހަމަ،" ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ ބުނީ ޑިބްރޭނާ އަކީ ގިނަ ވަގުތު ގޭގައި، އަންހެނުންނާއި ދަރިންނާ އެކު ހޭދަކުރާ ކުޅުންތެރިއެއް ކަމަށާއި މެޗުގެ ކުރިން ވެސް އޭނާ ހުންނާނީ ހަމަޖެހިފައި ކަމަށެވެ.

"އޭނާ އަކީ އެންމެ މޮޅު އެއް ކުޅުންތެރިޔާ. އޭނާ ހުރުމަކީ ބޮޑު ނަސީބެއް،" ގާޑިއޯލާ ބުންޏެވެ.