Roadha Mihaaru
"ލަޔަން ކިންގް" ވެސް ބިލިއަން ފަހަނަޅައި ހިނގައްޖެ

"ލަޔަން ކިންގް" ވެސް ބިލިއަން ފަހަނަޅައި ހިނގައްޖެ

31 ޖުލައި 2019

މި މަހު ރިލީޒްކުރި ޑިޒްނީގެ "ލަޔަން ކިންގް" ވެސް ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ހޯދައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި މަހު ރިލީޒްކުރި ޑިޒްނީގެ "ލަޔަން ކިންގް" ވެސް ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ހޯދައިފި އެވެ.

މި މަހުގެ 19 ވަނަ ދުވަހު ރިލީޒްކުރި ފިލްމު ދުނިޔޭ އެކި ކަންކޮޅުތަކުގައި ދައްކައިގެން ލިބުނު ޖުމްލަ އާމްދަނީ 1 ބިލިއަން ފަހަނައަޅައި ދިޔައީ ރިލީޒް ކުރިތާ ގާތްގަނޑަކަށް 12 ވަރަކަށް ދުވަހުގެ ތެރޭގަ އެވެ.

ޖޮން ފެވަރޯ 260 މިލިއަން ޑޮލަރުގެ ބަޖެޓަކުން ޑައިރެކްޓް ކުރި "ލަޔަން ކިންގް" އަކީ ޑިޒްނީން މި އަހަރުގެ މިހާތަނަށް ގެނެސް ދިން ފިލްމުތަކުގެ ތެރެއިން ބިލިއަން ޑޮލަރު ފަހަނައަޅައި ދިޔަ ހަތަރު ވަނަ ފިލްމެވެ.

އެ ލިސްޓްގައި ދެން ހިމެނެނީ ބޮކްސް އޮފީހުގައި މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުގެ ރެކޯޑް އޮތް އެވެންޖާޒް: އެންޑްގޭމް (2.793 ބިލިއަން ޑޮލަރު) އާއި އަލައްދިން (1.011 ބިލިއަން ޑޮލަރު) ގެ އިތުރުން ކެޕްޓަން މާވެލް (1.128 ބިލިއަން ޑޮލަރު) އެވެ.

މި އަހަރު ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީ ހޯދި ފަސް ވަނަ ފިލްމުގެ މަގާމު "ލަޔަން ކިންގް" ހޯދި އިރު، މީގެ ތެރޭގައި ދެން ހިމެނެނީ ސްޕައިޑަ-މޭން: ފާ ފްރޮމް ހޯމް (1.037 ބިލިއަން ޑޮލަރު) އެވެ.

"ލަޔަން ކިންގް" އަކީ ޑިޒްނީން 1994 ގައި ގެނެސް ދިން އެނިމޭޓެޑް ފިލްމު އަސްލަކަށް ބަލައިގެން ހަދާފައިވާ ފޮޓޯރިއަލިސްޓިކް ކޮމްޕިއުޓާ-އެނިމޭޓެޑް ފިލްމެކެވެ.

މިއަށް އަޑު އަޅައި ދީފައިވާ ފަންނާނުންގެ ތެރޭގައި ބިޔޯންސޭ، ޑޮނަލްޑް ގްލޯވާ، ސެތު ރޯޖެން، ބިލީ އެއިޝްނާ، ޖޯން ކާނީ، ޖޯން އޮލިވާ އަދި ޖޭންސް އާލް ޖޯންސް ހިމެނެ އެވެ.

ހޮލީވުޑްގެ ވިޔަފާރި ދިރާސާ ކުރާ މީހުން ބުނާ ގޮތުން ޑިޒްނީން ބޮކްސް އޮފީހުގައި ވަރުގަދަކަން ދައްކަމުން އަންނަ އިރު، އެ ސްޓޫޑިއޯ އިން މި އަހަރު ގެނެސްދޭން ހުރި ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ފްރޯޒެން 2" އާއި "މެލަފިސަންޓް: މިސްޓްރެސް އޮފް އީވިލް" ގެ އިތުރުން "ސްޓާ ވޯސް: ދަ ރައިޒް އޮފް ސްކައިވޯލްކާ" އަކީ ވެސް ބިލިއަނަކަށް ވުރެ ބޮޑު އާމްދަނީއެއް ހޯދާނެ ކަމަށް ބެލެވޭ ފިލްމުތަކެވެ.