Roadha Mihaaru
"އެވެންޖާޒް: އެންޑްގޭމް" އަށް ކެމެރެން މަރުހަބާ ކިޔައިފި

"އެވެންޖާޒް: އެންޑްގޭމް" އިން "އެވެޓާ" ގެ ރެކޯޑް މުގުރައިލުމުން ޖޭމްސް ކެމެރެން މަރުހަބާ ކިޔައިފި

23 ޖުލައި 2019

އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުގެ ރިކޯޑް ދަމަހައްޓަމުން އަންނަތާ 10 އަހަރު ފަހުން "އެވެޓާ" ގެ ރެކޯޑް "އެވެންޖާޒް: އެންޑްގޭމް" މި ހަފުތާގެ ތެރޭގައި މުގުރާލުމާ ގުޅިގެން ޑައިރެކްޓަރު ޖޭމްސް ކެމެރެން އެ ފިލްމުގެ ޓީމަށް މަރުހަބާ ކިޔައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުގެ ރިކޯޑް ދަމަހައްޓަމުން އަންނަތާ 10 އަހަރު ފަހުން "އެވެޓާ" ގެ ރެކޯޑް "އެވެންޖާޒް: އެންޑްގޭމް" މި ހަފުތާގެ ތެރޭގައި މުގުރާލުމާ ގުޅިގެން ޑައިރެކްޓަރު ޖޭމްސް ކެމެރެން އެ ފިލްމުގެ ޓީމަށް މަރުހަބާ ކިޔައިފި އެވެ.

"އެވެޓާ" ގެ ނަމުގައި ހިންގާ ކެމެރަންގެ ޓްވީޓާގައި މާވެލް ސްޓޫޑިއޯ ޓެގްކޮށް އަދި "އެވެންޖާޒް: އެންޑްގޭމް" ގެ ކެރެކްޓާއަކުން "އެވެޓާ" ގެ ހަނދާންތައް އާކޮށްދޭ ފޮޓޯއަކާ އެކު ބުނީ "މަރުހަބާ" ކަމަށެވެ.

އެ ޓްވީޓާ ގުޅިގެން "އެވެންޖާޒް: އެންޑްގޭމް" ގެ ޑައިރެކްޓަރުން ކަމަށްވާ އެންތަނީ އާއި ރުޒޯ ކުރި ޓްވީޓެއްގައި "ޓައިޓޭނިކް" އާއި "އެވެޓާ" އަދި "ޓާމިނޭޓާ" ގެ ހަނދާންތައް އާކޮށްދޭ ފޮޓޯތަކަކާ އެކު ބުނީ ކެމެރެންއަކީ އެ މީހުންގެ ވަރަށް ބޮޑު އިންސްޕިރޭޝަނެއް ކަމަށާއި މި ބާވަތުގެ ފިލްމުތައް ހަދަން ލޯ ހުޅުވައި ދިން މީހަކީ ވެސް ކެމެރެން ކަމަށް ބުންޏެވެ. އަދި އޭނާ ދެން ގެނެސްދޭ ފިލްމު ބަލައިލަން ކެތްމަދުވެފައިވާ ކަމަށް ވެސް އެ މީހުން ބުންޏެވެ.

މާވެލް އާއި ޑިޒްނީ ގުޅިގެން ގެނެސް ދިން "އެވެންޖާޒް" ސީރީޒްގެ ފަހު ފިލްމު އަދި ކުރިން އެންމެ ބޮޑު އާމްދަނީއެއް ހޯދި ދެވަނަ ފިލްމުގެ ރެކޯޑް އޮތް ކެމެރެންގެ 1997 ގެ "ޓައިޓޭނިކް" މުގުރާލުމުން ވެސް ކެމެރެން ފިލްމުގެ ޓީމަށް މަރުހަބާކިޔައި މެއި މަހު ޓްވީޓްކުރި އެވެ.

މިދިޔަ އެޕްރީލް މަހުގެ 26 ވަނަ ދުވަހު ރިލީޒްކުރި "އެވެންޖާޒް: އެންޑްގޭމް" ބޮކްސް އޮފީހުގައި މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމާ އެކު ހަމަޖެހިލީ މިހާތަނަށް ފިލްމަށް ލިބުނު 2.791 ބިލިއަން ޑޮލަރާ އެކީގަ އެވެ. އެ ފިލްމު ހަދާފައި ވަނީ 356 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ.

ދެހާސް ނުވަ އަހަރު ކެމެރެން ގެނެސް ދިން "އެވެޓާ" ގެ އާމްދަނީއަކީ 2.788 ބިލިއަން ޑޮލަރެވެ. މިހާރު އެ ފިލްމަކީ އެންމެ ބޮޑު އާމްދަނީއެއް ހޯދި ދެވަނަ ފިލްމެވެ.

"އެވެންޖާޒް: އެންޑްގޭމް" އިން "އެވެޓާ" ގެ ރެކޯޑް މުގުރާލި އިރު، ކެމެރެން މިހާރު އަންނަނީ "އެވެޓާ" ގެ އިތުރު ހަތަރު ފިލްމެއް ގެނެސް ދޭން ތައްޔާރުވަމުންނެވެ. އެގޮތުން "އެވެޓާ 2" ޑިސެމްބަރު 17، 2021 ގައި ގެނެސް ދޭނެ އެވެ.

ފަހަރުގައި އަނެއްކާ ވެސް މިއީ ބޮކްސް އޮފީހުގެ ތާރީހާއި ރެކޯޑް ބަދަލުކޮށްލާނެ ފިލްމަކަށް ވެދާނެ އެވެ.