Roadha Mihaaru
ޖެކް ސްޕެރޯގެ ރޯލުން ޖޮނީ ޑެޕް ފެންނާނެ؟

ކެޕްޓަން ޖެކް ސްޕެރޯގެ ރޯލުން ޖޮނީ ޑެޕް ފެންނާނެ؟

03 މާޗް 2020

މަގުބޫލު ފިލްމު ސީރީޒް "ޕައިރޭޓްސް އޮފް ދަ ކެރީބިއަން" ގެ ކުރިއަށް އޮތް ފިލްމުގެ މައި ކެރެކްޓާ ކެޕްޓަން ޖެކް ސްޕެރޯގެ ރޯލުން ޖޮނީ ޑެޕް ނުފެންނާނެކަމުގެ އަޑުތައް މީގެ ދެ އަހަރު ކުރިން ފެށިގެން ދެކެވެމުން ދަނިކޮށް، އެ ވާހަކަ މުޅިން އެހެން ގޮތަކަށް އެނބުރެން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މަގުބޫލު ފިލްމު ސީރީޒް "ޕައިރޭޓްސް އޮފް ދަ ކެރީބިއަން" ގެ ކުރިއަށް އޮތް ފިލްމުގެ މައި ކެރެކްޓާ ކެޕްޓަން ޖެކް ސްޕެރޯގެ ރޯލުން ޖޮނީ ޑެޕް ނުފެންނާނެކަމުގެ އަޑުތައް މީގެ ދެ އަހަރު ކުރިން ފެށިގެން ދެކެވެމުން ދަނިކޮށް، އެ ވާހަކަ މުޅިން އެހެން ގޮތަކަށް އެނބުރެން ފަށައިފި އެވެ.

ފުރަތަމަ ފަހަރަށް ޑެޕް ކުޅުނު ޖެކް ސްޕެރޯގެ އައިކޮނިކް ކެރެކްޓާ އިން ހަ ވަނަ ފިލްމުން އޭނާ އަށް ފުރުސަތު ނުދޭން ޑިޒްޒީން ނިންމާފައިވާ ކަމަށް މި ސީރީޒްގެ އޮރިޖިނަލް ސްކްރީ ރައިޓަރު ސްޗުއަޓް ބީޓީ ޑެއިލީ މެއިލް ޓީވީ އަށް 2018 ގައި ދިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ. އޭގެ ފަހުން ޑިޒްނީގެ ރައީސް ޝޯން ބެއިލީ ވެސް އެކަން ކަށަވަރުކޮށް ދީފައިވެ އެވެ.

މި ނިންމުމާ ގުޅިގެން ވަރަށް ގިނަ ބަޔަކު ވަނީ ޑެޕާ ނުލައި "ޕައިރޭޓްސް އޮފް ދަ ކެރީބިއަން" އެއްޗަކަށް ނުވާނެ ކަމަށް ބުނެ ޑިޒްނީގެ ނިންމުމަށް ފާޑު ކިޔައިފަ އެވެ. ގިނަ ބަޔަކު ބުނެފައިވާ ގޮތުގައި ޖެކް ސްޕެރޯގެ ކެރެކްޓާ، ޑެޕަށް ވުރެ ވަކިން މޮޅަށް ކުޅެވޭނެ އެކްޓަރަކު ނުހުންނާނެ އެވެ.

ފަހުން އަޑު އަރާފައިވާ ގޮތުން "ޕައިރޭޓްސް އޮފް ދަ ކެރީބިއަން" ސީރީޒްގެ ހަ ވަނަ ފިލްމުގައި ޖެކް ސްޕެރޯގެ ކެރެކްޓާ ކުޅެން ޒެކް އެފްރޯނަށް ވަނީ ހުށަހަޅައިފަ އެވެ. ނަމަވެސް މީޑިއާތަކުން މިހާރު ބުނަމުން އަންނަނީ އެ ކެރެކްޓާ ޑެޕް ލައްވައި ކުޅުވަން ޑިޒްނީން މިހާރު ސީރިއަސްކޮށް އަލުން ވިސްނަމުން އަންނަ ކަމަށެވެ. އަދި އެ އޭނާ އެ ރޯލް ކުޅުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް ހޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ގިނަ ނޫސްތަކުން ބުނެ އެވެ.

ނަމަވެސް މިކަމާ ބެހޭ ގޮތުން ޑިޒްނީން އަދި ރަސްމީކޮށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

"ޕައިރޭޓްސް އޮފް ދަ ކެރީބިއަން" ގެ ފަސް ފިލްމެއް މިހާތަނަށް ގެނެސްދީފައިވާ އިރު، އާ ފިލްމު ވެސް ޕްރޮޑިއުސްކުރާނީ ޖެރީ ބްރުކެއިމާ އެވެ. އެކަމަކު ހަ ވަނަ ފިލްމު ޑައިރެކްޓަރަކު ކުރާނެ މީހަކު އަދި ނުނިންމަ އެވެ.

މީގެ ފުރަތަމަ ތިން ފިލްމު ޑައިރެކްޓްކުރީ ގޯ ވާބިންޒްކީ އެވެ. ހަތަރު ވަނަ ބައި ރޮބް މާޝަލް ޑައިރެކްޓްކުރި އިރު، ފަސް ވަނަ ފިލްމު ޑައިރެކްޓްކުރީ ޖޯޗިމް ރޮނިން އާއި އެޒްޕެން ސެންޑްބާގެވެ.

ބެލުންތެރިންގެ ބޮޑު ތަރުހީބެއް ހޯދި "ޕައިރޭޓްސް" ގެ ފުރަތަމަ ބައި "ދަ ކާޒް އޮފް ދަ ޕާލް" 2003 ގައި ރިލީޒް ކުރި އިރު ދެވަނަ ފިލްމު "ޑެޑް މޭން ޗެސްޓް" ސިނަމާތަކަށް އައީ 2006 ގަ އެވެ. އަދި ތިން ވަނަ ފިލްމު "ވޯލްޑްސް އެންޑް" 2007 ގައި ގެނެސް ދިން އިރު، ހަތަރު ވަނަ ބައި "އޮން ސްޓްރޭންޖާޒް ޓައިޑްސް" ރިލީޒް ކުރީ 2011 ގަ އެވެ. އަދި ފަސް ވަނަ ބައި "ޑެޑް މޭން ނޯ ޓޭލްސް" ސިނަމާތަކަށް އައީ 2017 ގަ އެވެ.