31 ޖުލައި 2019
ސިއްހީ ދަައިރާގެ އެންމެ ބޮޑު މައްސަލައަކީ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދޭން ރާވާފައި ހުރި ކަންކަމުގެ ތެރެއަށް ކޮރަޕްޝަނާއި ފަސާދަ ވަނުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ
ސިއްހީ ދަައިރާގެ އެންމެ ބޮޑު މައްސަލައަކީ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދޭން ރާވާފައި ހުރި ކަންކަމުގެ ތެރެއަށް ކޮރަޕްޝަނާއި ފަސާދަ ވަނުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ
ބ. އޭދަފުށީގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލަށް 50 އަހަރުފުރުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިއަދު ވެސް ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ ރަށްރަށުން އެކަށީގެންވާ ގޮތަށް ސިއްހީ ފަރުވާ ލިބެން ނެތުން ކަމަށެވެ. އެ ފަރުވާތަކަށް މާލެ އައި ކަމުގައި ވިއަސް ވަކި ބައްޔެއްގެ ހާއްސަ ޑޮކްޓަަރަކަށް ދެއްކުމަށް އެތައް ދުވަހަކު އިންތިޒާރުގައި ތިބެންޖެހޭ ކަމަށް ވިދާޅުވި އެވެ.
އެހެންވެ އެކަންކަމަށް ލުއިފަސޭހަ ކޮށްދޭން ތައާރަފްކޮށްފައިވާ އާސަންދަ ފަދަ ނިޒާމުތަކުގެ ހަގީގީ މަގުސަދު ހާސިލްނުވެ ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑުވަނީ ކޮރަޕްޝަންގެ ސަބަބުން ކަމަށް ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ބ. އަތޮޅު ހޮސްޕިޓަލަށް 20 އަހަރަށްވުރެ ގިނަ މުއްދަތެއް ވަންދެން ހިދުމަތްކުރި މީހަކަށް އެވޯޑު ހަވާލުކޮށްދެއްވަނީ- ފޮޓޯ: ރައީސް އޮފީސް
"މިހެން ދެންނެވިއަސް ސިއްހީ ހިދުމަތަކީ ރާއްޖޭގެ ކޮންމެ ރަށެއްގައި ހަރުދަނާކުރަން ޖެހިފައިވާ ކަމެއް. އިމާރާތުގެ ދަތިކަމާއި އެކަށީގެންވާ ވަރަށް ޑޮކްޓަރުންނާއި ނަރުހުން އަދި ސިއްހީ އެހީތެރިން ނެތުމަކީ ކޮންމެ ރަށަކަށް ވެސް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް. ލެބޯޓްރީގެ ހިދުމަތް ވެސް އެކަށީގެންވާ ފެންވަރަށް ތަރައްގީވެފައި ނެތް،" ރައީސް ވިދާޅުވި އެވެ.
އެ ޝަކުވާތައް އުފެދުނީ ރާއްޖެ ތަރައްގީކުރަން ގެންގުޅުނު ސިޔާސަތުގެ ސަބަބުން ކަމަށާއި އެއީ މާލެ އަށް މީހުން ތޮއްޖެހޭ ގޮތަށް ރޭވި ތަރައްގީގެ މަޝްރޫއުތައް ކަމަށް ވިދާޅުވި އެވެ. އޭގެ ނަތީޖާއަކަށްވީ، އެމަނިކުފާނު ވިދާޅުވި ގޮތުގައި، އެކްސްރޭއެއް ނަގަން އަދި ޑޮކްޓަރަށް ދައްކަންޖެހުނަސް މާލެއަށް އައުމެވެ. އެއީ އެ ރައްޔިތުން ކުރަންޖެހޭ ވަރަށް ބޮޑު ހަރަދެެއް ކަމަށް ވިދާޅުވި އެވެ.
އެ ސިޔާސަތުގެ ދަށުން ބ. އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތް ބިނާކުރުމުގެ މަސައްކަތް މި އަހަރު ފަށާނެކަން ރައީސް ވަނީ އިއުލާނުކުރައްވައިފަ އެވެ. ދައުލަތުގެ ބަޖެޓުން 53 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާ އެ އިމާރާތް އަންނަ އަހަރު ނިމުމުން، ފިޒިއޮތެރަޕީ އާއި ޑަޔަލިސިސްގެ ހިދުމަތާއި ސްކޭންގެ ހިދުމަތްތައް ލިބޭނެ ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުގެ ސިއްހީ ހިދުމަތުގެ ސިޔާސަތަކީ ރައްޔިތުންނާ ވީހާ ގާތުން، އެމީހަކު ހުރި ރަށަކުން ނޫނީ އެ އަތޮޅަކުން އެކަށީގެންވާ ފަރުވާ ފޯރުކޮށްދިނުން ކަމަށެވެ. އެކަން ކޮށްދެވޭނީ ލާމަރުކަޒީ އުސޫލުން ރާއްޖޭގެ ސިއްހީ ނިޒާމަށް ބަދަލުތަކެއް ގެނެސް ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގެ ފެންވަރު ރަނގަޅުކޮށްގެންނެވެ. ބޭސްކުރަން މާލެއަށް ކުރާ ދަތުރުތައް ވެސް ހުއްޓުމަކަށް އަންނާނީ އޭރުން ކަމަށް ވިދާޅުވި އެވެ.
ޕްރައިމަރީ ހެލްތު ވޯކަރުންގެ މުހިއްމުކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ ރާއްޖެ ދުށް އެންމެ ނުރައްކާތެރި ދެ ރޯގާ ކަމަށްވާ ކޮލެރާ އާއި ޝިގެއްލާ ފަދަ ބަލިތަކުން ސަލާމަތްވުމުގައި ވެސް އެންމެ މުހިއްމު ދައުރެއް އަދާކުރީ ޕްރައިމަރީ ހެލްތުކެއާގެ ދަށުން ތަމްރީނުކުރި ހެލްތު ވޯކަރުންނާއި ފޫޅުމައިންނާއި ޑޮކްޓަރުންނާއި ނަރުހުން ކަމަށެވެ. އެހެންވެ އެ ދާއިރާއަށް ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
"އެކަމުގެ ފަހަތުގައި ވަނީ ރާއްޖޭގައި ކުރިން އޮތް ޕްރައިމަރީ ހެލްތު ކެއާ ވޯކަރުން، ބަލި ޖެހުމުގެ ކުރިން ބަލިން ރައްކާތެރިވުމަށް ކުރި މަސައްކަތުން. ނަމަވެސް މިހާރު މީހުން ގެއްލިގެން އެ ދަނީ ގައިންގަޔަށް ނާރާ ބަލިތަކުގައި. މިއަހަރުން ފެށިގެން ޕްރައިމަރީ ހެލްތުކެއާ ޕްރޮގްރާމަށް ހާއްސަ ސަމާލުކަމެއް ދޭނަން،" ރައީސް ވިދާޅުވި އެވެ.
ބ. އަތޮޅު ހޮސްޕިޓަލަށް 50 އަހަރުފުރުން ފާހަގަކުރަން މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
ސިއްހީ މަރުކަޒެއްގެ ގޮތުގައި ހިދުމަތްދޭން ފަށައި 2001 ވަނަ އަހަރު ހޮސްޕިޓަލަކަށް ބަދަލުކުރިއަސް ބ. އަތޮޅު ހޮސްޕިޓަލުގައި ހަގީގީ ހޮސްޕިޓަލަކުން ލިބެންވާ ހުރިހާ ހިދުމަތްތަކެއް ލިބެން ނެތްކަމަށް ވިދާޅުވި އެވެ. ހޮސްޕިޓަލްގެ ރަންޔޫބީލް ފާހަގަކުރަމުން އަންނައިރު ވެސް ރައްޔިތުން އެންމެ ބޭނުންވާ ފެންވަރަށް ހިދުމަތް ނުލިބޭ ކަމަށް ވިދާޅުވި އެވެ. އެހެން ނަމަވެސް ބ. އަތޮޅަކީ ސިއްހަތަށް ވަރަށް ރަނގަޅަށް ސަމާލުކަން ދޭ ބަޔަކު އުޅޭ ތަނެއް ކަން ފާހަގަކުރެއްވި އެވެ.
ބ. އަތޮޅުގައި ޓޫރިޒަމް ފުޅާވަމުން އަންނަ ނިސްބަތަށް ބަލާއިރު އެ އަތޮޅުގެ ސިއްހީ ހިދުމަތް ފުޅާކުރުމަކީ ތަރައްގީއަށްޓަކައި ވެސް ވަރަށް މުހިއްމު ކަމެއް ކަމަށާއި މާލެ އާއި އއ. އަތޮޅު ފިޔަވައި އެންމެ ގިނަ ރިސޯޓު ހިންގަނީ ބ. އަތޮޅަށްވުމުން އެ އަތޮޅުގެ ޓޫރިޒަމަށް ފައިދާހުރި ކޮންމެ ކަމަކީ ރައްޔިތުންނަށް ލިބޭނެ ކުރިއެރުމެއް ކަމަށް ވިދާޅުވި އެވެ.
ރައީސް ވަނީ ސިއްހީ ދާއިރާ ހަރުދަނާކުރަން ސަރުކާރުން މަސައްކަތްތައް ކުރަމުން އަންނައިރު ފަރުދީގޮތުން އެ މަސައްކަތް ކުރުމަަށް އިލްތިމާސްކުރައްވައިފަ އެވެ. އެމަނިކުފާނު ވިދާޅުވީ އޭގެ ސަބަބުން ދައުލަތުގެ ބަޖެޓުން ކުރާ ހޭދަ އެތައް ތަނެއް ކުޑަވެ، ކޮންމެ މީހަކު އުފުލަންޖެހޭ ބުރަ މަދުވާނެ ކަމަށެވެ. ނަމަވެސް އާދަތައް ހުންނަގޮތުން ސިއްހީ ކަންކަމުގައި އަދިވެސް ބުރަވެވެނީ ފަހަތު ފަޔަށް ކަމަށް ވިދާޅުވި އެވެ.
"ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ ބަދަލުގައި ގިނަ މީހުންނަށް ތިބެވެނީ ބަލިވުމުން ބޭސްކުރަން. މިއީ އަޅުގަނޑުމެން ކޮންމެހެން ބަދަލުކުރަންޖެހޭ އާދައެއް. ހަރަކާތްތެރި ދިރިއުޅުމަކަށް އާދަވުމަކީ އެތައް ބައްޔަކުން ދުރުކޮށްދޭ ކަމެއް،" ރައީސް ވިދާޅުވި އެވެ.
މިިރޭގެ ރަސްމިއްޔާތުގައި، ބ. އަތޮޅު ހޮސްޕިޓަލަށް 20 އަހަރަށްވުރެ ގިނަ މުއްދަތެއް ވަންދެން ހިދުމަތްކުރެއްވި ބޭފުޅުންނަށް އެވޯޑު ދެއްވާފައި ވެ އެވެ.
އާސަންދަ ރިފޯމްވީމަ އަމިއްލައަށް ކުރާ ހޭދަ ކުޑަވާނެ
ބޭހަށް ބަރޯސާވާން ޖެހުނަ ނުދޭން ރައީސްގެ އިލްތިމާސެއް
ބޮޑެތި ލުއިތަކެއް ދޭން ސަރުކާރުން ނިންމައިފި
ހުޅުމާލޭ ހޮސްޕިޓަލް ހިންގަނީ އާސަންދަ އިން: އަމީން
"ސިއްހީ ހިދުމަތުގެ ޝަކުވާތަކާ ގުޅޭ ގޮންޖެހުން ގިނަ"
ނަފުސާނީބަލީގެ މީހުންނަށް ފަރުވާދޭ މަރުކަޒެއް ހުޅުވައިފި
ބޭރުގައި ދިރިއުޅުނަސް އާސަންދަ: އިތުރު ބުރައެއް؟
ހުޅުމާލެ ހޮސްޕިޓަލް ހެލްތު މިނިސްޓްރީގެ ދަށަށް
އާފިޔާ ކިޔައިދިނީ ކެންސަރު ހޮސްޕިޓަލެއްގެ މުހިއްމުކަން
އޮޕްޝަނަލް ވެކްސިން އާސަންދައިން ލިބޭގޮތް ހަދަނީ