ނަފްސާނީ ބަލީގެ މީހުންނަށް ފަރުވާދޭ މަރުކަޒެއް އައިޖީއެމްއެޗުގައި މިއަދު ހުޅުވައިފި އެވެ.
25 މާޗް 2019
ނަފްސާނީ ބަލީގެ މީހުންނަށް ފަރުވާދޭ މަރުކަޒެއް އައިޖީއެމްއެޗުގައި މިއަދު ހުޅުވައިފި އެވެ.
އެފަދަ މަރުކަޒެއް ގާއިމްކޮށް އާސަންދައިގެ ދަށުން ފަރުވާދޭން ފެށުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަމެކެވެ.
ސެންޓަ ފޯ މެންޓަލް ހެލްތު ހުޅުވައި ދެއްވުމަށް ފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ނަފްސާނީ ބަލިތަކަށް ފަރުވާދޭ ހާއްސަ މަރުކަޒަކީ އެކަމުގެ އުނދަގޫ ތަހައްމަލު ކުރާ މީހުންނަށް ކޮންމެ ވެސް ވަރެއްގެ ލުޔެއް ލިބޭނެ ކަމެއް ކަމަށެވެ. އަދި އެ ބަލީގެ ހާލަތަށް ބަދަލެއް އަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ކޮންމެ މީހަކަށް ވެސް ނަފްސާނީ ބަލީގެ އަސަރުކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އަމިއްލަ އަށް ނޭނގި ނަމަވެސް ނަފްސާނީ ބަލި ތަހައްމަލުކުރާ މީހުން މަދެއްނޫން ކަމަށް ރައީސް ވިދާޅުވި އެވެ.
ނަފްސާނީ ބަލީގެ ތަޖުރިބާކާރުންނަށް ދެއްކުމަށް ނަން ނޯޓުކޮށްފައި ތިބި މީހުންގެ ލިސްޓު ވަރަށް ދިގުކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި އެކަމަށް ބޭނުންވާ ބޭސް ރާއްޖެ އިން ފަސޭހައިން ލިބޭނެ ގޮތެއް ނެތް ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު އެދެނީ މި ހާލަތު މި އަށް ވުރެ ރަނގަޅު ގޮތަކަށް ބަދަލުވުން. މިއަދު މި ހުޅުވި މެންޓަލް ހެލްތް ސެންޓަރަކީ ނަފްސާނީ ބަލި ތަހައްމަލް ކުރާ މީހުންނަށް ކުރިމަތިވާ އުނދަގޫތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެ މަރުކަޒަކަށް ވާނެ ކަމަށް އަޅުގަނޑު އުއްމީދުކުރަން،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، މެންޓަލް ހެލްތު ސެންޓަރު އިތުރަށް ތަރައްގީކުރާނެ އެވެ. އެކަމަށްޓަކައި ތަޖުރިބާ ލިބިފައިވާ ޑޮކްޓަރުންނާއި ފަންނީ މީހުން ތަމްރީނުކުރަން ސަރުކާރުން ވަރަށް އިސްކަންދޭނެ ކަމަށް ވިދާޅުވި އެވެ.
މެންޓަލް ހެލްތު ސެންޓަރު ހުޅުވައިދެއްވުމަށް ރައީސް ސޯލިހު (މ) އަދި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އައިޖީއެމްއެޗުގައި.-- ފޮޓޯ: ރައީސް އޮފީސް
ސިއްހީ ހިދުމަތްދޭ ތަނެއް ގާއިމްކޮށްގެން އެކަނި ނަފްސާނީ ބަލިތަކަށް ޝިފާއެއް ނުލިބޭނެ ކަމަށާއި އާއިލާގެ ލޯތްބާއި އޯގާތެރިކަމާއި އެހީތެރިކަން ބޭނުންވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެފަދަ މީހުންގެ އާއިލާތަކަށް ވެސް މުޖްތަމައުގެ އޯގާތެރިކަމާއި އެހީތެރިކަން ބޭނުންވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެފަދަ އުނދަގޫތައް ތަޙައްމަލް ކުރަމުންދާ މީހުންނަށް އަޅުގަނޑުގެ އޮތް އިލްތިމާސަކީ އެކަނި މި ބުރަ އުފުއްލަވަން ނުހައްދަވާށޭ. ނަފްސާނީ ބަލީގެ ތަޖްރިބާކާރެއްގެ އެހީ ހޯއްދަވާށޭ. އަޅުގަނޑުމެން އެންމެން ވެސް މި ތިބީ ތިބޭފުޅުންނާ އެކުގައި،" ނަފްސާނީ ބަލީގެ މީހުންނަށް ހިތްވަރު ދެއްވަމުން ރައީސް ވިދާޅުވި އެވެ.
މެންޓަލް ހެލްތު ސެންޓަރުގައި އެޑްމިޓްކޮށްގެން ވެސް ފަރުވާދޭނެ އެވެ. އަދި ކައުންސެލިން ދިނުމާއި ބަލިތައް ދެނެގަނެ ފަރުވާދޭނެ އެވެ. އޭގެ އިތުރުން ނަފްސާނީ ބައްޔަށް ހޭލުންތެރިކަން އިތުރުކުރުމަށް އެ ސެންޓަރުން ހަރަކާތްތައް ހިންގާނެ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.
ކުރުމުއްދަތެއްގައި 2500 މީހުން ނަފްސާނީ ފަރުވާ ހޯދި
"ނަފްސާނީ ފަރުވާގެ ފެންވަރު ރަނގަޅުކޮށް ހިލޭ ދޭނަން"
މެންޓަލް ހެލްތު ސެންޓަރުން 395 މީހުން ފަރުވާ ހޯދި
"ސިއްހީ ހިދުމަތުގެ ޝަކުވާތަކާ ގުޅޭ ގޮންޖެހުން ގިނަ"
ނަފްސާނީ ބަލީގެ ފަރުވާ އެހެން ހަރުފަތަކަށް!
ރާއްޖޭގެ ފުރަތަމަ މެންޓަލް ހެލްތު ކޮންފަރެންސް ފަށައިފި
ނަފްސާނީ ބަލީގެ ވޭނަށް ވުރެ ފަރުވާ އުނދަގޫ: ރައީސް
ބޭހަށް ބަރޯސާވާން ޖެހުނަ ނުދޭން ރައީސްގެ އިލްތިމާސެއް
މެންޓަލް ހެލްތު ސެންޓަރުގެ ކިއޫ ކުޑަކުރެވޭތޯ ބަލަނީ
ނަފްސާނީ ބަލީގެ 3،000 މީހުން އަދިވެސް ކިއޫގައި!