08 ނޮވެމްބަރ 2022
ދިރިއުޅުމަށް މުހިއްމު ބަދަލުތައް ނުގެނެސްފި ނަމަ، ކާނާއެއްގެ ގޮތުގައި ބޭސް ކާން ފަށަން ޖެހުމަކީ ދުރުގައި އޮތް ކަމެއް ނޫން ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.
ދިރިއުޅުމަށް މުހިއްމު ބަދަލުތައް ނުގެނެސްފި ނަމަ، ކާނާއެއްގެ ގޮތުގައި ބޭސް ކާން ފަށަން ޖެހުމަކީ ދުރުގައި އޮތް ކަމެއް ނޫން ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.
ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލްކުރުމުގެ މަސައްކަތް ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ނުރައްކާތެރި ބަލިތައް ފެތުރެމުން ދިޔަ ނަމަވެސް ދިވެހިންނަކީ އަބަދު ވެސް ސިއްހީ ދުޅަހެޔޮކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭ ބައެއް ކަމަށެވެ.
ކުރިން ވެސް އަދި މިހާރު ވެސް ދިވެހިން އެކަމަށް ސަމާލުކަން ދިނަސް ދިރިއުޅުމާއި ސިއްހަތާ ދެމެދަށް ވަންނަނީ ނުރަނގަޅު އާދަތަކެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، ކެއުމާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުތައް ނުގެނެސްފި ނަމަ ކާނާއެއްގެ ގޮތުގައި ބޭސްތައް ކާން ފަށަން ޖެހުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ.
"...ބަދަލުކޮށްލަންވީ އަޅުގަނޑުމެންގެ ކެއުމުގެ އާދަތަކާއި ކާބޯތަކެތި. ކާންވީ އަނގަޔަށް މީރު ޖަންކް ފުޑެއް ނޫން. އަޅުގަނޑުމެން ކާންވީ ހަށިގަނޑަށް ފައިދާ ހުރި ކާނާ. ތަރުކާރީ އާއި މޭވާ. މިއަދު އަޅުގަނޑުމެން އެ ބަދަލު ނުގެނެސްފިއްޔާ ކާނާއެއްގެ ގޮތުގައި ބޭސްތައް ކާން ފަށަން ޖެހުމަކީ މާ ދުރުގައި އޮތް ކަމެއް ނޫން،" ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވި އެވެ.
މި ސަރުކާރުން ވެރިކަމަށް އައިސް "ދުޅަހެޔޮ ހަށިހެޔޮ އީދު" ގެ ނަމުގައި ކުޅިވަރު ހަރަކާތްތަކެއް ފެށީ ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ހެލިފެލިވެ ނުވަތަ ހަރަކާތްތެރިވެ އުޅުމުގެ މުހިންމުކަން އަންގައިދިނުމަށް ކަމަށެވެ. ހުރިހާ އުމުރު ފުރައެއްގެ މީހުން ވެސް އުޅެންވީ ހަރަކާތްތެރި ދިރިއުޅުމެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ގައުމީ ޔުނިވާސިޓީން ހެދި ދިރާސާ އިން ދައްކަނީ އާބާދީގެ ބޮޑު ބައެއް ކޮލެސްޓްރޯލާއި ލޭ މައްޗާއި ހަކުރު މައްޗަށް ދިއުމުގެ މައްސަލަ ދިމާވާ ކަމަށެވެ.
ރައީސް ވިދާޅުވީ ގައިންގަޔަށް ނާރާ ބަލިތައް ޖެހުމަށް މެދުވެރިވާ ނުރަނގަޅު އާދަތައް ދިވެހިންގެ މެދުގައި ފެތުރިފައިވާ މިންވަރު އެ ދިރާސާއިން ވަރަށް ރަނގަޅަށް ފެނިއްޖެ ކަމަށެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި، އެ ދިރާސާއިން އެނގިގެން ދިޔައީ ކަމެއް ނުކޮށް ބަލަން ތިބެވެން ނެތްކަމެވެ.
"...ތެދުވާށޭ. ތެދުވެ ހަރަކާތްތެރިވާން ފަށާށޭ. ދުވެ، ކުޅެ، ކަސްރަތު ކުރަން ފަށާށޭ. ވަޒީފާ އަދާކުރުމުގައި ވެސް ހަރަކާތްތެރިވެ އުޅުމަށް ސަމާލުކަން ދޭށޭ،" ރައީސް އިލްތިމާސްކުރެއްވި އެވެ. "ގިނަ ވަގުތު އިށީނދެ ތިބެގެން މަސައްކަތް ކުރުމަކީ ވެސް، ހަށިގަނޑަށް ދެވޭ ވަރަށް ބޮޑު ގެއްލުމެކޭ. ޓީވީ ބެލުމާއި ގޭމް ކުޅުމުގައި ގިނަ ވަގުތު ހޭދަކުރުމަކީ ވެސް ސިއްހީ އެތައް މައްސަލަތަކެއްގެ ފެށުން ކަމަށް،"
ހަށިގަނޑުގެ ވަޒަން ގެއްލި، ޖިސްމަށް ނުކުޅަދާނަ މިންވަރަށް ސަމައްތަރު ހެޔޮވުމަކީ ދުޅަހެޔޮވުމެއް ނޫން ކަމަށާއި އެފަދަ ހާލަތަކަށް ހަށިގަނޑު ބަދަލުކޮށްލާ ސަބަބުތަކެއް ވެސް އެބަހުރި ކަމަށް ވިދާޅުވި އެވެ. އެއްކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ ހެލިފެލިވެ އުޅުން މަދުވުމާއި ސިއްހަތަށް ގެއްލުންދެނިވި ކެއުމުގެ އާދަތަކެއް ގެންގުޅުމެވެ.
މުބާރާތެއްގައި ބަޔަކު ދުވަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މި ހުރިހާ ނުރަނގަޅު ކަމަކީ ވެސް، ރައީސް ވިދާޅުވި ގޮތުގައި، ގައިންގަޔަށް ނާރާ ބަލިތައް ޖެހުމަށް މެދުވެރިވާ އެންމެ ބޮޑެތި ސަބަބުތަކެވެ.
ސިއްހަތަށް ގެއްލުންދޭ ނުރަނގަޅު އަނެއް ކަމަކީ ދުންފަތުގެ އިސްތިއުމާލުކުރުމެވެ. އެމްއެންޔޫގެ ދިރާސާގައި ބުނީ އާބާދީގެ 26 ޕަސެންޓް މީހުން ކޮންމެވެސް ބާވަތެއްގެ ދުންފަތުގެ އިސްތިއުމާލެއް ކުރާ ކަމަށެވެ. އޭގެ ތެރެއިން 22 ޕަސެންޓް މީހުންނަކީ ކޮންމެ ދުވަހަކު ވެސް ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނެވެ.
މިހާރު މި ފެންނަ ޒުވާނުންގެ ކުއްލި މަރުތައް ވެސް އެފަދަ ނުރަނގަޅު އާދަތަކާ ގުޅިފައި އޮތުމަކީ ވެދާނެ ކަމަކަށް ވާތީ، އެކަމުގެ ހަގީގަތް ބެލުމަށް ދިރާސާތަކެއްކޮށް ހޯދައި ބަލަންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ދުންފަތުގެ ނުރައްކަލުން ދިވެހިން ސަލާމަތްކުރުމަށް މި ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރާ ކަމަށެވެ. ރާއްޖޭގައި ވިއްކާ ދުންފަތުގެ ބާވަތްތަކުގައި ފޮޓޯ ޖެހި އިންޒާރުގެ މެސެޖްތައް ޖަހަން ފެށުން ފަދަ މީގެ ކުރިން ކުރަން ނުކެރުނު ކަންކަން ކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަށް ބޭނުންވާ "ނޭޝަނަލް ސެޒޭޝަން ޓޫލް ކިޓް" ތައްޔާރުކޮށް ރާއްޖޭގެ ހުރިހާ ސިއްހީ މަރުކަޒުތަކަކުން މިހާރު ދެވޭގޮތަށް ހެލްތު މިނިސްޓްރީން ވަނީ ހަމަޖައްސައިފަ އެވެ. އެ ހިދުމަތް އެބަ ލިބޭ. އަދި ސެޒޭޝަންގެ ހުރިހާ ޚިދުމަތްތަކަކާއި ބޭހުގެ ހަރަދު އާސަންދައިން ހަމަޖައްސައިދީފައިވާއިރު، ކުޅިވަރާއި ކަސްރަތު ކުރުމުގެ ފުރުސަތުތައް ރާއްޖޭގެ ހުރިހާ ރަށެއްގައި ފަހިކޮށްދިނުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
އެކަމުގެ ތެރޭގައި އައުޓްޑޯ ޖިމްތަކާއި ފުޓްބޯޅަ އާއި ފުޓްސަލް އަދި ވޮލީ ކުޅޭނެ އިންތިޒާމުތައް ހިމެނެ އެވެ. ސާވިކަލް ކެންސަރުން އަންހެންކުދިން ރައްކާތެރިކުރުމަށް ބޭނުންވާ ވެކްސިން ވެސް، ނޭޝަނަލް ވެކްސިން ޝެޑިއުލަށް އިތުރުކޮށް މުޅި ރާއްޖޭގައި މިހާރު އަންނަނީ ދެމުންނެވެ. މި ރާއްޖެއަކީ މި ސަރަހައްދުގައި އެންމެ ފުރަތަމަ މި ވެކްސިން ދޭން ފެށި އެއް ގައުމެވެ.
ރައީސް ވިދާޅުވީ މީގެ އިތުރުން ކެންސަރާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރާ ކަމަށެވެ. ރާއްޖޭގައި ކެންސަރުގެ ހާލަތު ހުރި ގޮތް ދެނެގަތުމުގެ ދިރާސާއެއްގެ ހެލްތުން ކުރަމުން އަންނައިރު، ކެންސަރުގެ ފަރުވާ ފުޅާ ކުރުމާ ކެންސަރަށް ހާއްސަ ހޮސްޕިޓަލެއް ހެދުމުގެ މަސައްކަތް ވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.
އެ ހުރިހާ ކަމަކަށް އިސްކަންދީ، ދިވެހީންގެ ބަލި ބަލި ހާލަތު ރަނގަޅުކުރުމަށް ހެލްތު މިނިސްޓްރީން ވަނީ އަންނަ އަހަރު "ޕްރިމަރީ ހެލްތް ކެއާ" ގެ ބޮޑު މަސައްކަތް އަންނަ އަހަރު ފަށަން ނިންމައިފަ އެވެ. "އަޅުގަނޑުމެން މި ކަންބޮޑުވާ ބަލިބައްޔަކީ މުލައްދަނޑީގައި ބަނދެލާ ތަވީދަކުން ނުވަތަ އުނަގަނޑުގައި އަޅާ ބަޑިއަކުން ފަސޭހަވާނެ ބަލިބައްޔެއް ނޫން. އަދި ވިލާތު ބޭސް ގުޅައަކުން ނުވަތަ ވެކްސިނަކުން ފަރުވާ ދެވޭނެ ވެސް ބައްޔެއް ނޫން،" ރައީސް ވިދާޅުވި އެވެ. "މި ބަލިތަކަށް އޮތް ފަރުވާއަކީ އަޅުގަނޑުމެންގެ އަޒުމާއި ހިތްވަރު. ބޭނުންވަނީ ބަދަލެއް. ބޭނުންވަނީ ފެށުމެއް. އެ ބަދަލުގެ ފެށުމަކީ މިރޭ ކަމުގައި އަޅުގަނޑުމެން ހަދަންވެއްޖެ. ފުރަތަމަ ބަދަލަކީ ހަރަކާތްތެރި ދިރިއުޅުމުގެ އާދަތަކަށް ހިޖްރަކުރުން. ދުވަހުގެ ތާވަލުން ކުޅިވަރާއި ކަސްރަތަށް ކޮންމެ ވެސް ވަގުތުކޮޅެއް ހުސްކުރުން. ހިންގެވުމަށް އިސްކަން ދެއްވައި އިންޖީނުލީ އެއްގަމު އުޅަނދުތައް ބޭނުންކުރެއްވުން ވީވަރަކުން މަދުކުރެއްވުން،" ރައީސް ވިދާޅުވީ އަދިވެސް އެންމެ ބޮޑު ބައެއް ހޭދަކުރަނީ ބަލިވުމުން ބޭސްކުރުމަށެވެ. ބަލިން ރައްކާތެރިވުމަށް ހަރަދު ކުރާ އެންމެ ރުފިޔާއަކުން ސޯޅަ ރުފިޔާ ސަލާމަތްކުރެވޭއިރު، ފިނޭންސް މިނިސްޓްރީން ބަޖެޓު ހަދާއިރު އެންމެ މުހިންކަން ދޭންވީ އެއް ދާއިރާ އެ އޮތީ ފެންނަން ކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
ބޮޑެތި ލުއިތަކެއް ދޭން ސަރުކާރުން ނިންމައިފި
"ސިއްހީ ދާއިރާގެ އެންމެ ބޮޑު މައްސަލައަކީ ކޮރަޕްޝަން"
ނަފުސާނީބަލީގެ މީހުންނަށް ފަރުވާދޭ މަރުކަޒެއް ހުޅުވައިފި
ބާކީ މުވައްޒަފުންނަށް އަންނަ މަހު އެލަވަންސް ލިބޭނެ
މޭ މަހުން ފެށިގެން ސިއްހީ ދާއިރާގެ މުސާރަ ބޮޑުކުރަނީ
އާސަންދަ ރިފޯމްވީމަ އަމިއްލައަށް ކުރާ ހޭދަ ކުޑަވާނެ
ނަފްސާނީ ބަލީގެ ވޭނަށް ވުރެ ފަރުވާ އުނދަގޫ: ރައީސް
ސިއްހީ ދާއިރާގެ މުސާރަ ވަރަށް އަވަހަށް ބޮޑުވާނެ
ޕްރައިމަރީ ހެލްތު ކެއާއަށް ހެލްތު ސާވިސް އުފައްދަނީ
ނަރުހުންގެ މުސާރަ 3-4 މަސް ތެރޭގައި ބޮޑުކުރަނީ