Roadha Mihaaru
ހަމުގެ ކުލަ އަލިކުރާ ކްރީމްތަކާ ދެކޮޅަށް ފިޔަވަޅުއަޅަނީ

ހަމުގެ ކުލަ އަލިކުރާ ކްރީމްތަކާ ދެކޮޅަށް ޕާކިސްތާނުގައި ފިޔަވަޅު އަޅަނީ

30 ޖުލައި 2019

ޕާކިސްތާނުގައި ވިއްކާ ފެއާނެސް ކްރީމް ނުވަތަ ގައިގެ ހަން އަލިކުރުމަށް ބޭނުންކުރާ ގިނަ އަދަދެއްގެ ކްރީމްތަކުން ކަނޑައަޅާފައިވާ މިންވަރަށް ވުރެ ގިނައިން އަދި ސިއްހަތަށް ގެއްލުންވާ ވަރަށް މާކިއުރީ ހުރިކަން ޓެސްޓްތަކުން ދައްކާފައިވާތީ އެ ވިއްކާ ކުންފުނިތަކާ ދެކޮޅަށް ފިޔަވަޅު އަޅަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޕާކިސްތާނުގައި ވިއްކާ ފެއާނެސް ކްރީމް ނުވަތަ ގައިގެ ހަން އަލިކުރުމަށް ބޭނުންކުރާ ގިނަ އަދަދެއްގެ ކްރީމްތަކުން ކަނޑައަޅާފައިވާ މިންވަރަށް ވުރެ ގިނައިން އަދި ސިއްހަތަށް ގެއްލުންވާ ވަރަށް މާކިއުރީ ހުރިކަން ޓެސްޓްތަކުން ދައްކާފައިވާތީ އެ ވިއްކާ ކުންފުނިތަކާ ދެކޮޅަށް ފިޔަވަޅު އަޅަން ނިންމައިފި އެވެ.

މިކަމާ ބެހޭ ގޮތުން އެ ގައުމުގެ ކްލައިމެޓް ޗޭންޖް މިނިސްޓަރު ޒަރްތާޖް ގުލް ޖިއޯ ޓީވީގައި ވިދާޅުވީ ޕާކިސްތާނުގެ ބާޒާރުގައި މި ވަގުތު ވިއްކަން ހުރި ލޯކަލް އަދި އިންޓަނޭޝަނަލް 59 ފެއާނެސް ކްރީމް ބްރޭންޑްގެ ތެރެއިން މިންގަނޑަށް ފެތޭ ގޮތަށް ހުރީ އެންމެ ތިން ބްރޭންޑެއް ކަމަށެވެ.

ބާކީ 56 ބްރޭންޑްގައި މިނަމާޓާ ކޮންވެންޝަން އޮން މާކިއުރީގައި ކަނޑައަޅާފައިވާ މިންވަރަށް ވުރެ ގިނައިން މާކިއުރީ ބޭނުންކޮށްފައިވާކަން ޓެސްޓްތަކުން ދައްކާތީ ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެފަދަ ބާވަތްތައް ބޭނުން ކުރުމަކީ ހަމަށް ސިއްހީ މައްސަލަތައް ވެސް ކުރިމަތިވާނެ ކަމަކަށްވާތީ ފެއާނެސް ކްރީމް ގަންނަ އިރު، އެކަމަށް ކަސްޓަމަރުން ސަމާލުކަން ދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ވަކިން ހާއްސަކޮށް މާ އަގުހެޔޮކޮށް ވިއްކަން ހުންނަ މިފަދަ އުފެއްދުންތަކަށް ސަމާލުވުމަށް މިނިސްޓަރު އިލްތިމާސް ކުރެއްވި އެވެ.

"މިހާރު މި މައްސަލަ މި އަންނަނީ އިތުރަށް ބަލަމުން. އަދި ބަލަންޖެހޭ ހުރިހާ ކަމެއް ބަލައި ނިމުނީމަ، މިންގަނޑަށް ނުފެތޭ ފެއާނެސް ކްރީމް ތައްޔާރުކުރާ ކުންފުނިތަކާއި ވިއްކާ ކުންފުނިތަކަށް މި އަހަރުގެ ޑިސެމްބަރުގެ އެއްތިރީހުގެ ފަހުން ފިޔަވަޅު އަޅަން ފަށާނެ،" ޒަރުތާޖް ވިދާޅުވި އެވެ.

ޕާކިސްތާނުގެ ކްލއިމެޓްޗޭންޖް މިނިސްޓަރު ޒަރްތާޖް ގުލް.

ޕާކިސްތާނުގެ ކްލއިމެޓްޗޭންޖް މިނިސްޓަރު ޒަރްތާޖް ގުލް.

އޭޝިއާގެ ބައެއް ގައުމުތަކުގައި ދޮންވާން ބޭނުން ކުރާ ކްރީމްތަކަށް ބޮޑު ތަރުހީބެއް އޮންނަ އިރު، ދުނިޔޭގެ ބައެއް ގައުމުތަކުން މިކަހަލަ އުފެއްދުންތަކާ ވަރަށް ދެކޮޅެވެ. އަދި މިއީ ހަމުގެ ކުލައަށް ބަލައި ނަސްލީ ތަފާތު ކުރުމަށް ވެސް ހިތްވަރުދޭ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރެ އެވެ.

ކުރިއާ ހިލާފަށް ދޮންވާން ބޭނުން ކުރާ ކްރީމްތަކަކީ މިހާރު ހަމައެކަނި އަންހެނުންނަށް ހާއްސަ އެއްޗެއް ވެސް ނޫނެވެ. އެފަދަ އުފެއްދުންތައް ތައްޔާރު ކުރާ ކުންފުނިތަކުން ފިރިހެނުންނަށް ވެސް ހާއްސަ ދޮންވާ ކްރީމް ތައްޔާރުކޮށް، ވިއްކަ އެވެ.