Roadha Mihaaru
އޯ2 ވެސް އިނގިރޭސިވިލާތަށް 5ޖީ ދެނީ

އޯ2 ވެސް އިނގިރޭސިވިލާތުގެ 50 ސިޓީއަކަށް 5ޖީ ދޭން ނިންމައިފި

26 ޖުލައި 2019

އިނގިރޭސިވިލާތަށް މިދިޔަ މެއި މަހު 5ޖީ ނެޓްވޯކް ތައާރަފު ކުރުމުގެ ޝަރަފު އީއީ ލިމިޓެޓުން ހޯދާފައި ވަނިކޮށް، އަނެއްކާ ވެސް އިތުރު ކުންފުންޏަކުން އެ ގައުމަށް ހިދުމަތް ދޭން ތައްޔާރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިނގިރޭސިވިލާތަށް މިދިޔަ މެއި މަހު 5ޖީ ނެޓްވޯކް ތައާރަފު ކުރުމުގެ ޝަރަފު އީއީ ލިމިޓެޓުން ހޯދާފައި ވަނިކޮށް، އަނެއްކާ ވެސް އިތުރު ކުންފުންޏަކުން އެ ގައުމަށް ހިދުމަތް ދޭން ތައްޔާރުވެއްޖެ އެވެ.

ސްޕެއިންގެ ޓެލެފޯނިކާގެ ދަށުން ހިންގާ އޯ2 އިން ބުނި ގޮތުގައި އެ ކުންފުނިން އިނގިރޭސި ވިލާތަށް 5ޖީ ނެޓްވޯކް ތައާރަފުކުރާނީ އަންނަ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. އެގޮތުން އެންމެ ފުރަތަމަ ހިދުމަތް ދޭނެ ސިޓީތަކުގެ ތެރޭގައި އީއީ ލިމިޓެޑުން ވެސް ހިދުމަތް ދޭން ފެށި ސިޓީތަކާ އެކު ހިމެނެނީ ލަންޑަން، ކާޑިފް، ބެލްފާސްޓް، އެޑިންބަރާ، ސްލޯފް އަދި ލީޑްސް އެވެ.

އޯ2 އިން ބުނި ގޮތުގައި އެ ސިޓީތަކަށް އެންމެ ފުރަތަމަ ހިދުމަތް ތައާރަފު ކުރުމަށް ފަހު، އަންނަ އަހަރުގެ ހޫނު މޫސުމުގެ ކުރިން އިނގިރޭސިވިލާތު 50 ސިޓީއަކަށް ހިދުމަތް ދޭން ވަނީ ރާވައިފަ އެވެ.

އޯ2 އިން އިނގިރޭސިވިލާތަށް 5ޖީ ތައާރަފު ކުރާ އިރު، ޓެލެފޯނިކާ އިން ޗައިނާގެ ވާވޭގެ އުފެއްދުންތައް ބޭނުން ކުރި ނަމަވެސް، އިނގިރޭސިވިލާތުގައި ހިދުމަތް ދޭން ވާވޭގެ ވަސީލަތްތަކެއް އޯ2 އިން ބޭނުމެއް ނުކުރާނެ އެވެ.

އޯ2 ގެ ޗީފް އެކްޒެޓިވް މާކް އިވަންސް.

އޯ2 ގެ ޗީފް އެކްޒެޓިވް މާކް އިވަންސް.

އޯ2 ގެ ޗީފް އެކްޒެކެޓިވް މާކް އިވަންސް ވިދާޅުވި ގޮތުގައި އެ ކުންފުނިން އިނގިރޭސިވިލާތަށް 5ޖީ ގެ ހިދުމަތް ދޭނީ މިހާރު ވެސް ޕާޓްނަރުންގެ ގޮތުގައި މަސައްކަތް ކުރާ ނޮކިއާ އާއި އެކްރިސަންގެ އެހީގަ އެވެ.

"އެއީ މި ވަގުތަށް އަހަރެމެންނަށް އޮތް އެންމެ ރަނގަޅު ގޮތަކީ،" އޭނާ ވިދާޅުވި އެވެ.

ދުނިޔޭގެ ބައެއް ގައުމުތަކުން 5ޖީ އަށް ހިޖުރަ ކުރަމުން ދިޔަ ނަމަވެސް، މި ނެޓްވޯކާ ގުޅޭ ގޮތުން ބައެއް ގައުމުތަކުގެ މެދުގައި ކަންބޮޑުވުންތަކެއް ވެސް އެބަ ހުއްޓެވެ. އެގޮތުން 5ޖީ އާންމުވެއްޖެ ނަމަ މޫސުން ލަފާ ކުރުމަށާއި އިންސާނުންގެ ސިއްހަތަށް ގެއްލުން ވެދާނެ ކަމުގެ ވާހަކަތަކެއް އަންނަނީ ދެކެވެމުންނެވެ.