Roadha Mihaaru
ލަންކާގެ ހަމަލާއާ އައިއެސްއާ ގުޅުމެއް ނެތް: ސީއައިޑީ

ލަންކާގެ ބޮމުގެ ހަމަލާއާ އައިއެސްއާ ގުޅުމެއް ނެތް: ސީއައިޑީ

25 ޖުލައި 2019

ކޮލަމްބޯ (ޖުލައި 25) - ސްރީ ލަންކާގައި ދިން ބޮމުގެ ހަމަލާތަކާ އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅުމެއް ނެތް ކަމަށް އެ ގައުމުގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) ގެ ވެރިޔާ ރަވީ ސެނަވިރަތުނަ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (ޖުލައި 25) - ސްރީ ލަންކާގައި ދިން ބޮމުގެ ހަމަލާތަކާ އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅުމެއް ނެތް ކަމަށް އެ ގައުމުގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) ގެ ވެރިޔާ ރަވީ ސެނަވިރަތުނަ ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ ތިން ފައްޅިއަކާއި ލަގްޒަރީ ހޮޓާތަކުގައި އަމިއްލަ އަށް މަރުވެގެން ބޮން ގޮއްވި ލަންކާގެ މީހުންނާއި ބޭރުގެ އެއްވެސް ގްރޫޕަކާ ގުޅުމެއް ނެތް ކަމަށެވެ.

"ބޮން ގޮއްވި މީހުން އައިއެސްގެ ޚިޔާލަށް ތާއީދު ކުރޭ. ނަމަވެސް އެ މީހުންނާއި އައިއެސްއާ ސީދާ ގުޅުމެއް އޮތް ކަމަށް ތަހުގީގުން ނުދައްކާ،" އެޕްރީލް 21 ވަނަ ދުވަހު ދިން ބޮމުގެ ހަމަލާ ތަހުގީގު ކުރާ ޕާލަމެންޓުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ސެނަވިރަތުނަ ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި ބޮމުގެ ހަމަލާ ދިން ލަންކާގެ ނޭޝަނަލް ތައުހީދު ޖަމާއަތް (އެންޓީޖޭ) ގެ މެންބަރުން ވަނީ އެއީ އައިއެސް އިން ދިން ހަމަލާއެއް ކަމަށް ދައްކުވަން މަސައްކަތްކޮށްފަ އެވެ. އެންޓީޖޭގެ ލީޑަރު ޒަހްރާން ހާޝިމް ވަނީ ބޮމުގެ ހަމަލާ ދިން މީހުންނާ އެކު، އައިއެސްގެ ލީޑަރު އަބޫ ބަކްރު އަލް ބަޣުދާދީ އަށް ބައިއަތު ހިފާފައިވާ ކަމަށް ބުނެ ވީޑިއޯއެއް ހަދައިފަ އެވެ. ހަމަލާގެ ދެ ދުވަސް ފަހުން އައިއެސް އިން ވަނީ އެ ވީޑިއޯ އާއްމުކޮށްފަ އެވެ.

ބޮމުގެ ހަމަލާ ދިންތާ ފަސް ދުވަސް ފަހުން ލަންކާ ފުލުހުން ވަނީ އެންޓީޖޭ އިން އެ ވީޑިއޯ ރެކޯޑްކުރި ތަނަށް ވަދެ އެ މީހުން ބޭނުންކުރި ތަކެތި ހިފަހައްޓައިފަ އެވެ.

ތަހުގީގު ޓީމުގެ އެހެން އޮފިޝަލެއް ކަމަށްވާ ޝާނީ އަބޭސޭކަރަ ޕާލަމެންޓުގެ ކޮމިޓީގައި ވިދާޅުވީ އެންޓީޖޭ އިން ހިންގާ ތަންތަނުން މި އަހަރު ކުރީކޮޅު ފުލުހުން ވަނީ 150 ކިލޯގެ ގޮވާތަކެތި އަތުލައިގެންފައި ކަމަށެވެ.

"އެ އެއްޗެހި އަތުލައި ނުގަތް ނަމަ އެންޓީޖޭ އިން ދިން ގެއްލުން އަދި މާބޮޑުވާނެ،" އަބޭސެކަރަ ވިދާޅުވި އެވެ. "ހަމަލާ ދިން އިރު ވެސް އެެންޓީޖޭގެ މައްސަލަތައް ދަނީ ބަލަމުން."

ލަންކާގައި ބޮމުގެ ހަމަލާ ދޭން އުޅޭކަމުގެ މައުލޫމާތު އިންޑިއާ އިން ކުރިން ވަނީ ފޯރުކޮށްދީފަ އެވެ. ނަމަވެސް އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވާތީ ލަންކާ ފުލުހުންނާއި ސިފައިންގެ އިސް ވެރިން މަގާމުން ދުރުކޮށް އެ މީހުންގެ ތަހުގީގު ވަނީ ފަށައިފަ އެވެ.

ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެފައި ވަނީ ބޮމުގެ ހަމަލާތަކުގެ ފަހަތުގައި ވަނީ ބައިނަލްއަގުވާމީ ޑްރަގު ޑީލަރުން ކަމަށެވެ.