Roadha Mihaaru
ރާއްޖެ އަށް ތާއީދުކޮށްދޭން މަޑަގަސްކަރައިގައި އެދިއްޖެ

އައިއޯއައިޖީ: ރާއްޖޭގެ ބިޑަށް ތާއީދުކޮށްދޭން މަޑަގަސްކަރައިގައި އެދިއްޖެ

13 ޖުލައި 2019

އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމުތަކުގެ ކުޅިވަރު މުބާރާތް 2023 ވަނަ އަހަރު ރާއްޖޭގައި ބާއްވަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި، މަޑަގަސްކަރައިގެ ތާއީދު ހޯދުމަށް ރައީސް އިބްރާހިމް މުހައްމު ސޯލިހުގެ ސިޓީފުޅެއް އެ ގައުމުގެ ބޮޑުވަޒީރަށް އަރުވައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމުތަކުގެ ކުޅިވަރު މުބާރާތް 2023 ވަނަ އަހަރު ރާއްޖޭގައި ބާއްވަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި، މަޑަގަސްކަރައިގެ ތާއީދު ހޯދުމަށް ރައީސް އިބްރާހިމް މުހައްމު ސޯލިހުގެ ސިޓީފުޅެއް އެ ގައުމުގެ ބޮޑުވަޒީރަށް އަރުވައިފި އެވެ.

މި ސިޓީފުޅު، އެ ގައުމުގެ ބޮޑުވަޒީރުގެ ހާއްސަ މަންދޫބު އަދި އެކްޓިން ފޮރިން މިނިސްޓަރު ހާޔޯ އެންޑްރިއާނާއިނަރިވޭލޯގެ އަތްޕުޅަށް އެރުވީ، ރައީސް ސޯލިހުގެ މަންދޫބެއްގެ ގޮތުން އެ ގައުމަށް ވަޑައިގެންނެވި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ރާއްޖޭގައި ބާއްވަން ކުރާ ބިޑަށް ތާއީދު ހޯދުމަށް ޝާހިދާއި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ގައުމުތަކަށް ކުރައްވަމުން އަންނަ ދަތުރުފުޅުގައި، އެ ސަރަހައްދުގެ އެންމެ ބޮޑު ގައުމު ކަމަށްވާ މަޑަގަސްކަރައިގެ އޮލިމްޕިކް ކޮމިޓީގެ ރައީސާ ވެސް ވަނީ ބައްދަލުކުރައްވައިފަ އެވެ.

މަޑަގަސްކަރަ އަކީ ވެސް 2023 ވަނަ އަހަރުގެ ގޭމްސް ބާއްވަން ބިޑްކޮށްފައިވާ ގައުމެކެވެ. އެކަމަކު އެ ގައުމުން މީގެ ކުރިން ދެ ފަހަރު ގޭމްސް ބާއްވާފައިވާތީ، އަލަށް ބާއްވަން މަސައްކަތްކުރާ ގައުމަކަށް އެ ފުރުސަތު ދިނުމުގެ ގޮތުން ރާއްޖެ އަށް ތާއީދު ދޭން ރާއްޖޭން ވަނީ އެދިފަ އެވެ.

މި ދަތުރުފުޅުގެ ތެރެއިން ސީޝެލްސް އަށް ވަޑައިގެން ކުރެއްވި މަސައްކަތުން، އެ ގައުމުގެ ތާއީދު ރާއްޖެ ވަނީ ލިބިފަ އެވެ. ސީޝެލްސްގެ ރައީސް ޑެނީ ފޯއާއާ އެކު ބޭއްވި ބައްދަލުކުރެއްވުމަށް ފަހު މިނިސްޓަރު މަހުލޫފް ވިދާޅުވީ ރާއްޖޭގައި އައިއޯއައިޖީ ބޭއްވުމަށް ކުރާ މަސައްކަތުގައި ސީޝެލްސްގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށާއި ކުޅިވަރާއި ޒުވާނުންނާ ގުޅޭ ކަންތައްތަކުގައި ސީޝެލްސްއާ ގާތްގުޅުމެއް ކުރިއަށް އޮތްތަނުގައި ބާއްވަން ވަނީ ނިންމައިފަ އެވެ.

ދެން އޮތީ ގޭމްސް ބާއްވަން ބިޑްކޮށްފައިވާ ގައުމެއް ކަމަށްވާ ކޮމޮރޯސް އާއި މި އަހަރުގެ ގޭމްސް ބާއްވާ މޮރިޝަސް އަށް ކުރައްވާ ދަތުރުފުޅެވެ. މީގެ ތެރެއިން މޮރިޝަސް އަށް ދެ ބޭފުޅުން ވަޑައިގަންނަވާނީ، އަންނަ ބުރާސްފަތި ދުވަހު ފަށާ މި އަހަރު ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތާ ވެސް ދިމާވާ ގޮތަށެވެ.

ގޭމްސް ބާއްވަން ބިޑްކުރާ ގައުމުތަކުގެ ވަސީލަތްތައް ބެލުމުގެ ގޮތުން އައިއޯއައިޖީގެ ޑެލިގޭޝަނެއް އެ ގައުމުތަކަށް ޒިޔާރަތްކުރެ އެވެ. ފާއިތުވި ހަފުތާގައި އައިއޯއައިޖީގެ ޑެލިގޭޝަން ވަނީ ރާއްޖޭގެ ވަސީލަތްތައް ބަލައި ސަރުކާރުގެ ފަރާތްތަކާ ބައްދަލުކުރައްވައިފަ އެވެ. ގޭމްސް ކޮމިޝަންގެ ރައީސް އަދި ސީޝެލްސްގެ އޮލިމްޕިކް ކޮމިޓީގެ ރައީސް އެންޓޯނިއޯ ގޯޕާލް ވިދާޅުވީ ރާއްޖެ އަށް ބިޑް ކާމިޔާބުވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

އައިއޯއައިޖީ 2023 ވަނަ އަހަރު ބާއްވާ ގައުމެއް ކަނޑައަޅާނީ މި މަހު މޮރިޝަސްގައި ބާއްވާ ގޭމްސްގެ ނިންމުމުގެ ރަސްމިއްޔާތާ ވީހާ ވެސް ގާތްކޮށްފަ އެވެ.

ރާއްޖޭގެ ގައުމީ ޓީމުތަކުން އަންނަނީ މި މަހު 18 އިން 29 އަށް މޮރިޝަސްގައި އޮންނަ މި އަހަރުގެ އައިއޯއައިޖީ އަށް ތައްޔާރުވަމުންނެވެ. ސަރުކާރުގެ އެހީގައި ބައެއް ގައުމީ ޓީމުތަކުން އަންނަނީ ރާއްޖޭން ބޭރުން ވެސް ތަމްރީންތައް ފުރިހަމަކުރަމުންނެވެ.

މި މަހު މޮރިޝަސްގައި ކުރިއަށްދާ އައިއޯއައިޖީ ބާއްވަން 2015 ވަނަ އަހަރު ރާއްޖޭން ޝައުގުވެރިކަން ފާޅުކުރި އެވެ. އެކަމަކު ވަގުތު ނެތުމާއި ސަރުކާރުގެ މާބޮޑު އެއްބާރުލުމެއް ނުލިބުމުން ކުރިއަށް ނުދިއައީ އެވެ. ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތްތައް ރާއްޖޭގައި ބޭއްވުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދުތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ. ރާއްޖޭގެ އޮލިމްޕިކް ކޮމިޓީން އައިއޯއައިޖީ ރާއްޖޭގައި ބޭއްވުމަށް ސަރުކާރަށް ހިޔާލު ދިނުމުން އެކަން ކުރުމަށް ފެހި ސިގްނަލް ރައީސް ސޯލިހު ވަނީ ދެއްވައިފަ އެވެ. އަދި ވަގުތުން މަސައްކަތް ކުރެއްވުމަށް ކުޅިވަރުގެ ހުރިހާ ދާއިރާއަކަށް ލަފާދެއްވައި މިނިސްޓްރީން އެކަމަށް ފާރަވެރިވި އެވެ.

އައިއޯއައިޖީ ބޭއްވުމަށް ލިބޭ އެންމެ ބޮޑު ފަސޭހަ އަކީ ސަރުކާރުގެ ޑިވެލޮމްޕަންޓް ޕްލޭނެވެ. އެ ޕްލޭނުގައިވާ ގޮތުން ރާއްޖެ ފަސް ސަރަހައްދަކަށް ބަހާލައިގެން ތަރައްގީކުރާއިރު ކުޅިވަރުގެ އިންފްރާސްޓްރަކްޗާގެ ގިނަ މަސައްކަތްތަކެއް ކުރާނެ އެވެ. އަދި އެކި ކުޅިވަރުތަކުގެ ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކެއް ރާއްޖޭގައި ބޭއްވުމަށް މަސައްކަތްކުރަމުން އަންނައިރު، އެ މުބާރާތްތައް ކުރިއަށްދާނީ ހަމައެކަނި މާލޭގެ ބަދަލުގައި ރާއްޖޭގެ އެކި ހިސާބުތަކުގަ އެވެ.