Roadha Mihaaru

ކަންބޮޑުވުންތަކާ އެކު ޝާހިދު ކޮމަންވެލްތުގެ އެސްޖީއާ ބައްދަލުކުރައްވައިފި

ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޝާލީ އަޔޯކޯ ބޮޗްވޭއާ އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފި އެވެ.

ކޮމަންވެލްތުގެ އެސްޖީއާ ޝާހިދު ބައްދަލުކޮށްފި
ނާޒިމް ހަސަން
ނާޒިމް ހަސަން

13 މެއި 2025

ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޝާލީ އަޔޯކޯ ބޮޗްވޭއާ އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފި އެވެ.

ޝާހިދު، ކޮމަންވެލްތުގެ އެސްޖީއާ އެކު ބޭއްވި ބައްދަލުކުރެއްވުމާ ގުޅޭ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ ރާއްޖޭގައި ޑިމޮކްރަޓިކް ނިޒާމް ފަހަތަށްދާ ކަމުގެ ކަންބޮޑުވުން ހިއްސާކުރައްވާފައިވާނެ ކަމަށެވެ.

ޝާހިދު ވިދާޅުވި ގޮތުގައި، ޝަރުއީ ދާއިރާއަށް އަމާޒުވާ ހަމަލާތަކާއި، ރައްޔިތުންގެ މަޖިލީހުގެ ޗެކްސް އެންޑް ބެލެންސަސް ގެއްލުވާލުމާއި މިނިވަން މުއައްސަސާތަކާއި މީޑިއާގެ މިނިވަންކަން ގެއްލުވާލުމާއި ސަރުކާރުން ގާނޫނުއަސާސީއާ ހިލާފަށް އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭ މައުލޫމާތު ކޮމަންވެލްތާ ހިއްސާކުރައްވާފައި ވާނެ އެވެ.

"..އަދި މިހާރުގެ ވެރިކަމުގެ އަނިޔާވެރިކަމާ ދެކޮޅަށް ކެރިގެން ތެދުވެ ތިބި ޒުވާނުންގެ ހިތްވަރުގެ ވާހަކަ ވެސް އަޅުގަނޑު ހިއްސާކުރިން،" ޝާހިދު ވިދާޅުވި އެވެ.

ކޮމަންވެލްތުގެ އެސްޖީއާ ޝާހިދު ބައްދަލުކުރައްވައި ރާއްޖޭގެ ހާލަތު ކިޔައިދެއްވާފައިވާއިރު ކޮމަންވެލްތު ލޯޔާސް އެސޯސިއޭޝަން (ސީއެލްއޭ) އިން ވަނީ ރާއްޖޭގެ ޝަރުއީ ދާއިރާގެ މިނިވަންކަމާ މެދު ކަންބޮޑުވެ ބަޔާނެއް ނެރެފަ އެވެ.

ސީއެލްއޭ އިން ނެރުނު ބަޔާނުގައި ޝަރުއީ ދާއިރާގެ މިނިވަންކަން ނުގެއްލޭނެ ގޮތަށް އަދި އެކަށީގެންވާ ހެކި ނެތް ނުވަތަ ހަމަނުޖެހޭ ސަބަބުތަކުގެ މައްޗަށް ބިނާކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މެދު އެއްވެސް ފިޔަވަޅެއް ނާޅަން ރައްޔިތުންގެ މަޖިލީހަށް ގޮވާލާފައިވެ އެވެ. އަދި ހަމަހަމަ އުސޫލުތަކާ ހިލާފަށް ފަނޑިޔާރުންނާ ދެކޮޅަށް އަޅާ ފިޔަވަޅުތަކުން ޝަރުއީ ދާއިރާގެ މިނިވަންކަމަށް އުނިކަމެއް ނާންނާނެކަން ކަށަވަރުކުރުމަށް ގޮވާލާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

"ސީއެލްއޭ އިން ކޮމިޓީއަށާއި ރައްޔިތުންގެ މަޖިލީހަށް ގޮވާލަނީ ފަނޑިޔާރުން ވަކިކުރުމަށް ގާނޫނުއަސާސީއާއި ގާނޫނުގައި ކަނޑައަޅާފައިވާ ޝަރުތުތަކަށް ސަމާލުކަން ދިނުމަށާއި، އަދި އިތުރަށް ޝަރުއީ ދާއިރާގެ މިނިވަންކަން ރައްކާތެރިކުރުމަށް ކަނޑައަޅާފައިވާ ހަރުދަނާ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ހުރުމަތްތެރިކޮށް ހިތައި، އެއަށް ތަބާވުމަށް،" ބަޔާނުގައި ބުންޏެވެ.

ރާއްޖޭގައި ގާނޫނުގެ ވެރިކަން ކުރިއެރުވުމާއި ދިފާއުކުރުމަށްޓަކައި ރާއްޖޭގެ ބާ ކައުންސިލާއި، ބައިނަލްއަގްވާމީ އަދި ސަރަހައްދީ ގާނޫނީ ޖަމްއިއްޔާތަކާއި، ކޮމަންވެލްތު ސެކްރެޓޭރިއެޓާއި އަދި އދ. ގެ ޝަރުއީ ދާއިރާގެ މިނިވަންކަމާބެހޭ ހާއްސަ ރެޕަޓުއާއާ ގުޅިގެން މަސައްކަތްކުރަމުން ގެންދާނެ ކަމަށް ވެސް ސީއެލްއޭ އިން ބުންޏެވެ.