Roadha Mihaaru

މިނިވަން ޖުޑިޝަރީއެއް ގާއިމްވުމަކީ ބޮޑު ކާމިޔާބަކަށް ވާނެ: ޝާހިދު

ޒިންމާދާރު ރައްޔިތުންގެ މަޖިލީހަކާއި، މިނިވަން ޖުޑިޝަރީއެއް އަހަރެއްގެ ތެރޭގައި މި ސަރުކާރަށް ގެނެވިއްޖެ ނަމަ އެއީ ވަރަށް ބޮޑު ކާމިޔާބަކަށް ވާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިއްޔެ ވިދާޅުވެއްޖެ އެވެ.

މިނިވަން ޖުޑިޝަރީއެއް ގާއިމްވުމަކީ ބޮޑު ކާމިޔާބެއް
ލަމްޔާ އަބްދުﷲ
ލަމްޔާ އަބްދުﷲ

20 ފެބުރުއަރީ 2019

ޒިންމާދާރު ރައްޔިތުންގެ މަޖިލީހަކާއި، މިނިވަން ޖުޑިޝަރީއެއް އަހަރެއްގެ ތެރޭގައި މި ސަރުކާރަށް ގެނެވިއްޖެ ނަމަ އެއީ ވަރަށް ބޮޑު ކާމިޔާބަކަށް ވާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިއްޔެ ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓްގެ ދައުވަތަކަށް އެ ގައުމަށް ކުރައްވާ ދަތުރުގައި ބޭއްވި ޕެނަލް ޑިސްކަޝަންއެއްގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ޒިންމާދާރު މަޖިލީހެއް ގެނެވިއްޖެ ނަމަ، މަޖިލީހަށް ހުށަހަޅާ ކަންކަމާ މެދު މެމްބަރުންނަށް މަޝްވަރާކޮށް ފާޑުކިޔުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި މިދިޔަ ފަސް އަހަރުގެ ތެރޭގައި ކަންތައްތައް ހިނގާފައިވާ ގޮތުން އެފަދަ މަޖިލީހެއް ބޭއްވުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެމެރިކާ ނޫސްވެރިއަކު ކުރެއްވި ޓްވީޓެއް

މަޖިލީހުގެ އިތުރުން ކުރީ ސަރުކާރުގައި ޖުޑީޝަރީގެ ކަންކަން ދިޔައީ ވެސް ރަނގަޅަކަށް ނޫން ކަމަށް ޝާހިދު ވިދާޅުވި އެެވެ. އެކަމަކު، ފަނޑިޔާރުންނަށް ހިޔާނާތް ހިންގުމަށް އެއްވެސް ޖާގައެއް ނުދިނުމަށް ވެސް މި ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ދުށިން، ކޯޓުގައި މައްސަލަ ބަލާ ޖަޖުން އެ ބޭފުޅުންގެ އޭޖެންޓުން މެދުވެރިކޮށް ޑީލް ހަދަން މަސައްކަތް ކުރި ތަންތަން. [އަޅުގަނޑުމެންގެ މަސައްކަތް] ކާމިޔާބު ވެއްޖެ ނަމަ، ފަނޑިޔާރުންގެ އޭޖެންޓުންނެއް ނުތިބޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އެމެރިކާގެ އެޓްލާންޓިކް ކައުންސިލްގެ ސައުތު އޭޝިއާ ސެންޓަރުގައި ފޮރިން މިނިސްޓަރު ޝާހިދު ވާހަކަ ބައިވެރިވަޑައިގަންނަވަނީ  -- ފޮޓޯ: މޯލްޑިވްސް މިޝަން އެންވައި

އެމެރިކާގެ އެޓްލާންޓިކް ކައުންސިލްގެ ސައުތު އޭޝިއާ ސެންޓަރުގައި ފޮރިން މިނިސްޓަރު ޝާހިދު ވާހަކަ ބައިވެރިވަޑައިގަންނަވަނީ -- ފޮޓޯ: މޯލްޑިވްސް މިޝަން އެންވައި

މީގެ އިތުރުން މި ސަރުކާރުން އެންމެ އިސްކަން ދީގެން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި ކޮރަޕްޝަން ނައްތާލުމާއި ސަރުކާރާއި މުއާސަސާތައް ޒިންމާދާރު ކުރުން ހިމެނޭ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިދިޔަ ސަރުކާރުން ގެންގުޅުނު ސިޔާސަތުތަކުގެ ސަބަބުން އެހެން ގައުމުތަކާ އެކު އޮތް އެކުވެރިކަން ހީނަރުވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރަމުން އަންނާނީ ހުރިހާ ގައުމަކާ އެކު ގުޅުން ބަދަހި ކުރަން ކަމަށް ވެސް ވިދާޅުވި އެވެ.

"ރާއްޖެ އަކީ ދުނިޔޭގެ ސުޕަޕަވާ އެއް ނޫން. އަޅުގަނޑުމެންނަކީ ހުރިހާ އެންމެންގެ ވެސް އެކުވެރިއެއް. އަޅުގަނޑުމެންގެ އުންމީދަކީ އޭގެ ބަދަލުގައި އެހެން ގައުމުތައް އަޅުގަނޑުމެންނަށް އިހްތިރާމްކޮށް، އަޅުގަނޑުމެންގެ ވާހަކަތަކަށް ވެސް އަޑުއަހާނެ ކަމަށް،" ޝާހިދު ވިދާޅުވި އެވެ.

އެމެރިކާއިން ރާއްޖެ އަށް ދެމުން އަންނަ އެހީތަކަށް ޝާހިދު ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.