Roadha Mihaaru
ކޮމަންވެލްތުގައި ދިވެހި ދިދަ ނަގަން ޝާހިދު ލަންޑަނަށް

ކޮމަންވެލްތުގައި ދިވެހި ދިދަ ނަގަން ޝާހިދު ލަންޑަނަށް

05 ފެބުރުއަރީ 2020

ރާއްޖެ، ކޮމަންވެލްތުގެ މެމްބަރު ގައުމަކަށް އަލުން ހަމަޖެއްސުމާ ގުޅިގެން، ކޮމަންވެލްތުގެ ސެކްރެޓޭރިއަޓްގައި ދިވެހި ދިދަ ނަންގަވަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު އިނގިރޭސި ވިލާތަށް ފުރާވަޑައިގެންފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖެ، ކޮމަންވެލްތުގެ މެމްބަރު ގައުމަކަށް އަލުން ހަމަޖެއްސުމާ ގުޅިގެން، ކޮމަންވެލްތުގެ ސެކްރެޓޭރިއަޓްގައި ދިވެހި ދިދަ ނަންގަވަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު އިނގިރޭސި ވިލާތަށް ފުރާވަޑައިގެންފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ކޮމަންވެލްތުން ރާއްޖެ ވަކިވުމަށް ފަހު، އެ ޖަމިއްޔާގެ މެމްބަރުކަން މި މަހުގެ އެކެއްގައި ރާއްޖެ އަށް އަލުން ވަނީ ލިބިފަ އެވެ. ރާއްޖެ އަކީ މިހާރު ކޮމަންވެލްތްގެ 54 ވަނަ މެމްބަރު ގައުމެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ، އިނގިރޭސި ވިލާތުގެ ލަންޑަނަށް ޝާހިދު ވަޑައިގެން، މަލްބަރޯ ހައުސްގައި ރާއްޖޭގެ ގައުމީ ދިދަ މާދަމާ ނަންގަވައި ދެއްވާނެ ކަމަށެވެ. އަދި އެ ރަސްމިއްޔާތަށް ފަހު، ލަންޑަންގައި ހުންނަ ރާއްޖޭގެ އެމްބަސީ އަށް ވަޑައިގެން، އެތަނުގެ ނަން ބޯޑަކަށް ރަސްމީކޮށް ބަދަލު ކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ލަންޑަނަށް ފުރާވަޑައިގަތުމުގެ ކުރިން ޝާހިދު މިއަދު ކުރެއްވި ޓުވީޓް

ކޮމަންވެލްތުގެ މެމްބަރުކަން ރާއްޖެ އަށް ލިބުމުން، އެ ޖަމިއްޔާގެ އެހެން މެމްބަރު ގައުމުތަކުގައި ހިންގާ ރާއްޖޭގެ އެމްބަސީތައް ހައި ކޮމިޝަންގެ ނަމަށް ބަދަލުވާނެ އެވެ.

ފޮރިން މިނިސްޓްރީން ބުނިގޮތުގައި ޝާހިދުގެ އެ ދަތުރުގައި، ކޮމަންވެލްތްގެ އިސްވެރިންނާ ބައްދަލު ކުރައްވައި، އެ ޖަމާއަތުގެ އެހެން މެމްބަރު ގައުމުތަކާ ގުޅިގެން ރާއްޖެ އިން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެއްވާނެ އެވެ. އަދި އެ ދަތުރަށް ފަހު، ކޮމަންވެލްތުގައި ހަރަކާތްތެރި ރޯލެއް ރާއްޖެ އިން އަދާ ކުރާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

ޔާމީންގެ ވެރިކަމުގައި ކޮމަންވެލްތްގެ މެމްބަރުކަމުން ވަކިވީ 2016 ވަނަ އަހަރު އޭރު ރާއްޖެއާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެ ޖަމާއަތުން ދީފައި ވަނިކޮށެވެ. އެ ޖަމިއްޔާގެ މެމްބަރުކަން އަލުން ހޯދުމަކީ މި ސަރުކާރުގެ ވައުދެކެވެ.