08 ޖުލައި 2019
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) 2023 ވަނަ އަހަރު ބާއްވަން ރާއްޖެ އިން ކުރަމުން އަންނަ މަސައްކަތުގައި ބިޑް ކާމިޔާބު ކުރުމަށް ސަރުކާރު އޮތީ ގުޅިލާމެހިފައި ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) 2023 ވަނަ އަހަރު ބާއްވަން ރާއްޖެ އިން ކުރަމުން އަންނަ މަސައްކަތުގައި ބިޑް ކާމިޔާބު ކުރުމަށް ސަރުކާރު އޮތީ ގުޅިލާމެހިފައި ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
އައިއޯއައިޖީގެ ބިޑް ކާމިޔާބުކުރަން ރައީސްގެ ދެ މަންދޫބުންގެ ގޮތުގައި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފާއި ފޮރިން މިނިސްޓަރު ޝާހިދު ވަނީ ރޭ ސީޝެލްސް އަށް ފުރައިވަޑައިގެންފަ އެވެ. މި ދަތުރުގައި ޝީޝެލްސްގެ ރައީސް އާއި ކޮމޮރޯސްގެ ބޮޑުވަޒީރާއި މޮރިޝަސްގެ ބޮޑުވަޒީރާ ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު މަހުލޫފް ވަނީ ކުރިން ވިދާޅުވެފަ އެވެ.
ސީޝެލްސް އަށް ފުރާވަޑައިގަތުމުގެ ކުރިން ޝާހިދު ވިދާޅުވީ އައިއޯއައިޖީ ބޭއްވުން ރާއްޖޭގެ ކުޅިވަރު ތާރީހުގައި ހާއްސަ ގޮތެއްގައި ފާހަގަކުރެވޭނެ ކަމަށާއި އެކަން ކުރުމަށް ސަރުކާރުން ހުރިހާ ގޮތަކުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
"މި ވޭތުވެދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 10 މުބާރާތުގައި ވެސް މެދުނުކެނޑި މުބާރާތުގައި ބައިވެރިވަމުން އައި ގައުމެއް ދިވެހިރާއްޖެ އަކީ. މި ފަދަ މުބާރާތެއް ރާއްޖޭގައި ބޭއްވުމަށް މިއަދުގެ ސަރުކާރުން މި ކުރާ މަސައްކަތަކީ އެންމެ އިސް ކަމެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ކުޅިވަރުގެ އިންފްރާސްޓްރަކްޗާ ތަރައްގީވެގެންދާނެތީ. އެއީ ދިވެހިރާއްޖޭގެ ޒުވާނުންނަށް އެތައް ޒަމާނެއް ވަންދެން އޭގެ ފައިދާ ލިބިގެންދާނެ ކަމުގައިވާތީ،" ޝާހިދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރައީސްގެ ބެއްލެވުމުގެ ދަށުން އައިއޯއައިޖީގެ ބިޑް ކާމިޔާބުކުރަން ކުރެވޭ މަސައްކަތުގައި ފޮރިން މިނިސްޓްރީ އިސްކޮށް ބައިވެރިވާން ނިންމީ މިއީ ރާއްޖެ އަށް ގިނަ ފައިދާތަކެއް ކުރާނެ މުބާރާތެއް ކަމަށްވާތީ ކަމަށެވެ.
ރާއްޖޭގެ އިތުރުން 2023 ވަނަ އަހަރު އޮންނަ އައިއޯއައިޖީ ބާއްވަން ބިޑްކޮށްފައިވަނީ ކޮމޮރޮސް އާއި މަޑަގަސްކާ އެވެ. ގޭމްސް ބާއްވަން ބިޑްކުރާ ގައުމުތަކުގެ ވަސީލަތްތައް ބެލުމުގެ ގޮތުން އައިއޯއައިޖީގެ ޑެލިގޭޝަނެއް އެ ގައުމުތަކަށް ޒިޔާރަތްކުރެ އެވެ. ފާއިތުވި ހަފުތާގައި އައިއޯއައިޖީގެ ޑެލިގޭޝަން ވަނީ ރާއްޖޭގެ ވަސީލަތްތައް ބަލައި ސަރުކާރުގެ ފަރާތްތަކާ ބައްދަލުކުރައްވައިފަ އެވެ. ގޭމްސް ކޮމިޝަންގެ ރައީސް އަދި ސީޝެލްސްގެ އޮލިމްޕިކް ކޮމިޓީގެ ރައީސް އެންޓޯނިއޯ ގޯޕާލް ވިދާޅުވީ ރާއްޖެ އަށް ބިޑް ކާމިޔާބުވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
އައިއޯއައިޖީ 2023 ވަަނަ އަހަރު ބާއްވާ ގައުމެއް ކަނޑައަޅާނީ މި މަހު މޮރިޝަސްގައި ކުރިއަށްދާ ގޭމްސްގެ ނިންމުމުގެ ރަސްމިއްޔާތާ ވީހާ ވެސް ގާތްކޮށްފަ އެވެ. ގޯޕާލް ވިދާޅުވީ އެ ގޮތަށް ނިންމީ ވީހާ ވެސް ރަނގަޅަށް އެކަން ކުރުމުގެ ވިސްނުމުގައި ކަމަށެވެ.
މަހުލޫފް ވިދާޅުވީ ގޭމްސް ބާއްވަން ރާއްޖޭން ކުރާ މަސައްކަތް އެހެން ހުރިހާ ފަހަރުތަކާ އަޅާކިޔާއިރު ހާއްސަ ކަމަށެވެ.
"އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެން ބިޑް ކާމިޔާބުކުރަން މި ކުރާ މަސައްކަތަކީ މީގެ ކުރިން ގައުމަކުން ކުރި ވެސް މަސައްކަތެއް ނޫން. އެކަން އަޅުގަނޑުމެންގެ ގައުމަށް އައިއޯއައިޖީގެ ޓީމުން ކުރި ދަތުރުން ވެސް އެނގޭ. އެކަމުން މި ސަރުކާރުގެ ކޮމިޓްމަންޓް އެބަ އެނގޭ. ރައީސުލް ޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން ހާއްސަ ކޮމިޓީއެއް ހެދިގެން ވެސް މަސައްކަތް އެބަ ކުރެވޭ. ރައީސްގެ މަންދޫބުންގެ ގޮތުގައި މި ދަނީ މި ސަރުކާރު މިކަމަށް ބޭނުންވާ ވަރު އަންގައިދޭން،" މަހުލޫފް ވިދާޅުވި އެވެ.
މިއީ ހަމައެކަނި ކުޅިވަރާ ބެހޭ ފަރާތްތަކުގެ ޒިންމާއެއް ކަމަށް ނުދެކި ސަރުކާރުގެ އެކި އިދާރާތަކުން ލިބޭ އެހީތެރިކަން މަހުލޫފް ވަނީ ފާހަގަކުރައްވައިފަ އެވެ.
"އަޅުގަނޑުމެންނަށް ވަރަށް އުއްމީދު އެބައޮތް މި ބިޑް ކާމިޔާބުކުރެވޭނެކަމަށް. ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ފޮރިން މިނިސްޓަރަށް. އެއީ ކުޅިވަރުގެ ކަމެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ދޫކޮށްލުމުގެ ބަދަލުގައި ބައިވެރިވާތީ. ހަގީގަތުގައި މިއީ ގައުމީ ކަމެއްގެ ގޮތުގައި ދެކުން މުހިއްމު،" މަހުލޫފް ވިދާޅުވި އެވެ.
މި މަހު މޮރިޝަސްގައި ކުރިއަށްދާ އައިއޯއައިޖީ ބާއްވަން 2015 ވަނަ އަހަރު ރާއްޖޭން ޝައުގުވެރިކަން ފާޅުކުރި އެވެ. އެކަމަކު ވަގުތު ނެތުމާއި ސަރުކާރުގެ މާބޮޑު އެއްބާރުލުމެއް ނުލިބުމުން ކުރިއަށް ނުދިއައީ އެވެ. ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތްތައް ރާއްޖޭގައި ބޭއްވުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދުތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ. ރާއްޖޭގެ އޮލިމްޕިކް ކޮމިޓީން މި އަހަރަށް ފަހު ދެން އޮތް އައިއޯއައިޖީ ރާއްޖޭގައި ބޭއްވުމަށް ސަރުކާރަށް ހިޔާލު ދިނުމުން އެކަން ކުރުމަށް ފެހި ސިގްނަލް ރައީސް ސޯލިހު ވަނީ ދެއްވައިފަ އެވެ. އަދި ވަގުތުން މަސައްކަތް ކުރެއްވުމަށް ކުޅިވަރުގެ ހުރިހާ ދާއިރާއަކަށް ލަފާދެއްވައި މިނިސްޓްރީން އެކަމަށް ފާރަވެރިވި އެވެ.
އައިއޯއައިޖީ ބޭއްވުމަށް ލިބޭ އެންމެ ބޮޑު ފަސޭހަ އަކީ ސަރުކާރުގެ ޑިވެލޮމްޕަންޓް ޕްލޭނެވެ. އެ ޕްލޭނުގައިވާ ގޮތުން ރާއްޖެ ފަސް ސަރަހައްދަކަށް ބަހާލައިގެން ތަރައްގީކުރާއިރު ކުޅިވަރުގެ އިންފްރާސްޓްރަކްޗާގެ ގިނަ މަސައްކަތްތަކެއް ކުރާނެ އެވެ. އަދި އެކި ކުޅިވަރުތަކުގެ ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކެއް ރާއްޖޭގައި ބޭއްވުމަށް މަސައްކަތްކުރަމުން އަންނައިރު، އެ މުބާރާތްތައް ކުރިއަށްދާނީ ހަމައެކަނި މާލޭގެ ބަދަލުގައި ރާއްޖޭގެ އެކި ހިސާބުތަކުގަ އެވެ.
އައިއޯއައިޖީގެ މަަސައްކަތުގައި މިނިސްޓަރުން ގައުމުތަކަށް
މިއީ ދިގު ރާސްތާއެއްގެ ފުރަތަމަ ފިޔަވަޅު: މަހުލޫފު
"އައިއޯއައިޖީއާ މެދު ގޮތެއް ނިންމާނީ ކެބިނެޓުން"
ވިސްނުމަކީ އައިއޯއައިޖީ ފަސްކުރެވޭތޯ ބެލުން: މަހުލޫފް
އައުޓްޑޯ ޖިމް ހަދަން ބޭނުންވާ ސާމާނު އިންޑިއާއިން ދީފި
ސްޓޭޑިއަމް އަޅާ ކުންފުނީގެ ވެރިން ރައީސް އަރިހަށް
އައިއޯއައިޖީ: ރާއްޖޭން ރަސްމީކޮށް ބިޑް ހުށަހަޅައިފި
ގޭމްސް ރާއްޖޭގައި ބާއްވަން ކޮމޮރޯސްގެ ތާއީދަށް އެދިިއްޖެ
ރާއްޖެ އަށް ތާއީދުކޮށްދޭން މަޑަގަސްކަރައިގައި އެދިއްޖެ
ރާއްޖޭގައި އައިއޯއައިޖީ ބާއްވަން ސީޝެލްސް އިން ތާއީދު