Roadha Mihaaru
ރާއްޖޭގައި އައިއޯއައިޖީ ބާއްވަން ސީޝެލްސް އިން ތާއީދު

ރާއްޖޭގައި އައިއޯއައިޖީ ބާއްވަން ސީޝެލްސް އިން ތާއީދުކޮށްފި

09 ޖުލައި 2019

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) 2023 ވަނަ އަހަރު ރާއްޖޭގައި ބާއްވަން ސީޝެލްސްގެ ތާއީދު ލިބިފައިވާ ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) 2023 ވަނަ އަހަރު ރާއްޖޭގައި ބާއްވަން ސީޝެލްސްގެ ތާއީދު ލިބިފައިވާ ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

އައިއޯއައިޖީގެ ބިޑް ކާމިޔާބުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެ މަންދޫބުންގެ ގޮތުގައި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރައްވަމުން ގެންދަވާ ދަތުރުގައި އިއްޔެ ވަނީ ސީޝެލްސްގެ ރައީސް ޑެނީ ފޯއާ ބައްދަލުކުރައްވައިފަ އެވެ.

އެ ބައްދަލުކުރެއްވުމަށް ފަހު މިނިސްޓަރު މަހުލޫފް ވިދާޅުވީ ރާއްޖޭގައި އައިއޯއައިޖީ ބޭއްވުމަށް ކުރާ މަސައްކަތުގައި ސީޝެލްސްގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށާއި ކުޅިވަރާއި ޒުވާނުންނާ ގުޅޭ ކަންތައްތަކުގައި ސީޝެލްސްއާ ގާތްގުޅުމެއް ކުރިއަށް އޮތްތަނުގައި ބާއްވަން ވަނީ ނިންމައިފަ އެވެ.

ސީޝެލްސްގެ ދަތުރުގައި ފޮރިން މިނިސްޓަރު ޝާހިދު ވަނީ އިއްޔެ ސީޝެލްސްގެ ޑިޕާޓްމަންޓް އޮފް ފޮރިން އެފެއާޒުގެ ޕްރިންސިޕަލް ސެކްރެޓަރީއާ ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި ޝާހިދު ވަނީ ޝީޝެލްސް އާއި ރާއްޖެއާ ދެމެދު އެކި ދާއިރާތަކުން އޮތް ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ މެދު މަޝްވަރާކުރައްވައިފަ އެވެ.

މި ދަތުރުގައި ޝީޝެލްސްގެ ރައީސްގެ އިތުރުން ކޮމޮރޯސްގެ ބޮޑުވަޒީރާއި މޮރިޝަސްގެ ބޮޑުވަޒީރާ ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު މަހުލޫފް ވަނީ ކުރިން ވިދާޅުވެފަ އެވެ.

ރާއްޖޭގެ އިތުރުން، 2023 ވަނަ އަހަރުގެ އައިއޯއައިޖީ ބާއްވަން ބިޑްކޮށްފައިވަނީ ކޮމޮރޮސް އާއި މަޑަގަސްކާ އެވެ. ގޭމްސް ބާއްވަން ބިޑްކުރާ ގައުމުތަކުގެ ވަސީލަތްތައް ބެލުމުގެ ގޮތުން އައިއޯއައިޖީގެ ޑެލިގޭޝަނެއް އެ ގައުމުތަކަށް ޒިޔާރަތްކުރެ އެވެ. ފާއިތުވި ހަފުތާގައި އައިއޯއައިޖީގެ ޑެލިގޭޝަން ވަނީ ރާއްޖޭގެ ވަސީލަތްތައް ބަލައި ސަރުކާރުގެ ފަރާތްތަކާ ބައްދަލުކުރައްވައިފަ އެވެ. ގޭމްސް ކޮމިޝަންގެ ރައީސް އަދި ސީޝެލްސްގެ އޮލިމްޕިކް ކޮމިޓީގެ ރައީސް އެންޓޯނިއޯ ގޯޕާލް ވިދާޅުވީ ރާއްޖެ އަށް ބިޑް ކާމިޔާބުވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

އައިއޯއައިޖީ 2023 ވަަނަ އަހަރު ބާއްވާ ގައުމެއް ކަނޑައަޅާނީ މި މަހު މޮރިޝަސްގައި ބާއްވާ ގޭމްސްގެ ނިންމުމުގެ ރަސްމިއްޔާތާ ވީހާ ވެސް ގާތްކޮށްފަ އެވެ. ގޯޕާލް ވިދާޅުވީ އެ ގޮތަށް ނިންމީ ވީހާ ވެސް ރަނގަޅަށް އެކަން ކުރުމުގެ ވިސްނުމުގައި ކަމަށެވެ.

ރާއްޖޭގެ ގައުމީ ޓީމުތަކުން އަންނަނީ މި މަހު 18 އިން 29 އަށް މޮރިޝަސްގައި އޮންނަ މި އަހަރުގެ އައިއޯއައިޖީ އަށް ތައްޔާރުވަމުންނެވެ. ސަރުކާރުގެ އެހީގައި ބައެއް ގައުމީ ޓީމުތަކުން އަންނަނީ ރާއްޖޭން ބޭރުން ވެސް ތަމްރީންތައް ފުރިހަމަކުރަމުންނެވެ.