Roadha Mihaaru
މިނިިވަން ދުވަހުގެ އިވެންޓް ހަވާލުކުރީ ރަނގަޅަށް: ހޫދު

މިނިވަން ދުވަހުގެ ރަސްމިއްޔާތު އިވެންޓް މޯލްޑިވްސްއާ ހަވާލުކުރީ ރަނގަޅަށް: ހޫދު

09 ޖުލައި 2019

މިނިވަން ދުވަހުގެ ރަސްމީ ބައްދަލުކުރެއްވުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް އިވެންޓް މޯލްޑިވްސް އަށް ދިނީ ބިޑް ކުރި ކުންފުނިތަކުގެ ތެރެއިން ޝަރުތު ހަމަވުމާ އެކު އެންމެ ކުޑަ އަގު ހުށަހެޅުމުން ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މިނިވަން ދުވަހުގެ ރަސްމީ ބައްދަލުކުރެއްވުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް އިވެންޓް މޯލްޑިވްސް އަށް ދިނީ ބިޑް ކުރި ކުންފުނިތަކުގެ ތެރެއިން ޝަރުތު ހަމަވުމާ އެކު އެންމެ ކުޑަ އަގު ހުށަހެޅުމުން ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު އިބްރާހީމް ހޫދު "މިހާރު"އަށް ވިދާޅުވީ މިނިވަން ދުވަހުގެ ރަސްމީ ބައްދަލުކުރެއްވުމުގެ އިންތިޒާމްތައް އިވެންޓް މޯލްޑިވްސްއާ ހަވާލުކުރީ 567،000ރ. ގެ އަގަކަށް ކަމަށެވެ. އެއީ އެފަދަ އިވެންޓެއް އިންތިޒާމްކުރުމުގެ ގާބިލްކަން ހުރި އެހެން ބައެއް ކުންފުނިތަކުން ހުށައެޅި އަގަށް ވުރެ ދަށް އަގެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހޫދު ވިދާޅުވި ގޮތުގައި އެ އިވެންޓް ކުރިއަށް ގެންދަން ކުޑަ އަގުތަކެއް ހުށައެޅި ބައެއް ކުންފުނިތަކުގެ ޝަރުތު ހަމަނުވެގެން ޑިސްކޮލިފައިވި އެވެ.

އޭނާ ވިދާޅުވީ އެ އިވެންޓަށް އެންމެ ކުޑަ އަގެއް ހުށަހެޅީ އޮބްޖެކްޓް މޯލްޑިވްސް ކަމަށް ވިޔަސް އެ ކުންފުނި ޑިސްކޮލިފައިވީ، އެ ދާއިރާ އިން ތިން އަހަރު ދުވަހުގެ ތަޖުރިބާ ނެތުމުން ކަމަށެވެ.

އެންމެ ކުޑަ އަގު ހުށަހެޅި އޮބްޖެކްޓް މޯލްޑިވްސް އިން ބިޑްގައި ޖެހީ 99،000ރ އެވެ.

ތިން އަހަރުގެ ތަޖުރިބާ ނެތުމުގެ އިތުރުން އޮބްޖެކްޓް މޯލްޑިވްސް އިން ބިޑް ސެކިއުރިޓީ ވެސް ހުށަނާޅާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. ބިޑް ސެކިއުރިޓީ ހުށަނާޅައިގެން ދެން ޑިސްކޮލިފައިކުރީ، ރަސްމީ އިވެންޓް އިންތިޒާމްކުރުމުގެ އަގަކަށް 180،000ރ ޖެހި އޮފިޝަލް އިވެންޓްސް އެވެ.

އިވެންޓްތައް ބޭއްވުމުގައި ރާއްޖޭގެ މަޝްހޫރު ތިން ކުންފުންޏަކުން ހުށައެޅި އަގު، އިވެންޓް މޯލްޑިވްސް އަށް ވުރެ ބޮޑެވެ. އެގޮތުން ތިންކް އެސޯއިސޭޓްސް އިން 657،000ރ ޗޮޕްއާޓްސް އިން 715،000ރ އަދި ހަބް އިވެންޓްސް އިން 600،000ރ ހުށައެޅި އެވެ.

"އިވެންޓް މޯލްޑިވްސްއަށް އެ ރަސްމިއްޔާތުގެ މަސައްކަތް ހަވާލުކުރީ ޕޮއިންޓް ދޭ އުސޫލުތަކުގެ ތެރެއިން 100 އިން 67 ޕޮއިންޓް ލިބި އަދި އެންމެ ކުޑަ އަގު ހުށަހެޅީ އެކުންފުނިން ކަމަށް ވާތީ،" ހޫދު ވިދާޅުވި އެވެ.

އިވެންޓް މޯލްޑިވްސް އަކީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކުރެވޭ ކުންފުންޏެކެވެ. އަދި އިވެންޓް މޯލްޑިވްސް އާއި އޭރުގެ ބާރުގަަދަ ޓޫރިޒަމް މިނިސްޓަރު އަދި ފަހުން ނައިބު ރައީސް އަަހުމަދު އަދީބާ ވެސް ވަރަށް ގާތް ގުޅުމެއް އޮތް ކަމަށް އަޑުއަރާފައިވެ އެވެ.