Roadha Mihaaru
މާނޭގެ ގޯލުން ސެނެގޯލް ކުއާޓާ އަށް

މާނޭގެ ގޯލުން ސެނެގޯލް ކުއާޓާ އަށް

06 ޖުލައި 2019

ގާހިރާ، މިސްރު (ޖުލައި 6) - އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ރޭ ކުޅުނު ދެ ވަނަ ބުރުގެ މެޗުން ސަޑިއޯ މާނޭގެ ގޯލުން 1-0 އިން ޔޫގަންޑާ ބަލިކޮށް ސެނެގޯލް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ގާހިރާ، މިސްރު (ޖުލައި 6) - އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ރޭ ކުޅުނު ދެ ވަނަ ބުރުގެ މެޗުން ސަޑިއޯ މާނޭގެ ގޯލުން 1-0 އިން ޔޫގަންޑާ ބަލިކޮށް ސެނެގޯލް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

ކުއާޓާގައި ސެނެގޯލް ނުކުންނާނީ ރޭ ޕެނަލްޓީ ޖަހައިގެން މޮރޮކޯގެ މައްޗަށް ކުރިހޯދި ބެނިންއާ ދެކޮޅަށެވެ. މެޗު 1-1 އިން އެއްވަރުވެގެން ނިމުނުއިރު، ޕެނަލްޓީގައި ބެނިން މޮޅުވީ 4-1 އިންނެވެ.

ލިވަޕޫލްގެ ފޯވާޑް މާނޭ 2015 ވަނަ އަހަރު އޮތް އެފްރިކަން ކަޕްގައި އަނިޔާގެ ސަބަބުން ނުކުޅެ އެވެ. މި ފަހަރުގެ މުބާރާތުގެ ފުރަތަމަ މެޗަށް މާނޭ ހުރީ ސަސްޕެންޝަނުގަ އެވެ. ދެ ވަނަ މެޗުން ފެށިގެން މާނޭ ރަނގަޅު ކުޅުމެއް ދައްކަމުން އަންނައިރު މާނޭ ރޭގެ މެޗުގެ ހަމައެކަނި ލަނޑު ޖެހީ މެޗުގެ 15 ވަނަ މިނިޓްގަ އެވެ. ލީޑުފުޅާކުރަން ލިބުނު ޕެނަލްޓީން މާނޭ އަށް ކާމިޔާބު ނުކުރެވުނެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ކެންޔާ އަތުން ސެނެގޯލް 3-0 އިން މޮޅުވި މެޗުގައި މާނޭ ދެ ގޯލު ޖެހިއިރު، އެ މެޗުގައި ވެސް އޭނާ އަތުން ވަނީ ޕެނަލްޓީ އެއް ބޭކާރުވެފަ އެވެ. މުބާރާތުގައި މިހާތަނަށް މާނޭ ވަނީ ތިން ގޯލު ޖަހައިފަ އެވެ.

ރޭގެ މެޗުގައި ޕެނަލްޓީ ބޭކާރުވުމުން ޒިޔެކް މާޔޫސްވެފައި.

ރޭގެ މެޗުގައި ޕެނަލްޓީ ބޭކާރުވުމުން ޒިޔެކް މާޔޫސްވެފައި.

ބެނިން އިން ފުރަތަމަ ފަހަރަށް އެފްރިކަން ކަޕްގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދިއިރު، ރޭގެ މެޗުގައި އެ ޓީމަށް ލީޑުނަގައިދިނީ 53 ވަނަ މިނިޓްގައި މޮއިސް އަޑިލޭހޫ އެވެ. މެޗު ނިމެން 15 މިނިޓަށް ވެފައި ހުއްޓައި މޮރޮކޯ އަށް އެއްވަރުކޮށްދިނީ ޔޫސުފް އެންނަސްރީ އެވެ. މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީ އަކުން މޮރޮކޯ މޮޅުކޮށްދޭން އެ ޓީމުގެ ހަކީމް ޒިޔެކް ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑި އަށެވެ.

ފުރިހަމަ ވަގުތު ހަމަވެގެން ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ބެނިންގެ ހާލިދު ކަދެނޮން އަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ. އެއް ކުޅުންތެރިއަކު މަދުކޮށް ބެނިން އިން މޮރޮކޯ ހިފެހެއްޓިއިރު، ޕެނަލްޓީގައި އެ ޓީމުން ވަނީ ހަަތަރު ޕެނަލްޓީ ވެސް ކާމިޔާބުކޮށްފަ އެވެ. އަނެއްކޮޅުން މޮރޮކޯ އަށް ޖެހުނީ ތިން ޕެނަލްޓީގެ ތެރެއިން އެންމެ ޕެނަލްޓީ އެކެވެ.

މުބާރާތުގެ ދެ ވަނަ ބުރުގައި މިރޭ ދެ މެޗެއް ކުޅޭނެ އެވެ. އެއީ މިސްރާއި ދެކުނު އެފްރިކާ ކުޅޭ މެޗާއި ނައިޖީރިއާ އަދި ކެމަރޫން ބައްދަލުކުރާ މެޗެވެ.